ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތަކެއް ސުންނާފަތިވުމާ ގުޅިގެން ހައްޔަރުކުރުމުގެ އަމުރުތަކެއް ނެރެފި އެވެ.
އޮފިޝަލުން ވިދާޅުވެފައިވަނީ މިދިޔަ ހޯމަ ދުވަހު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓުނު 113 އިމާރާތަކާއި ގުޅިގެން ހައްޔަރުކުރުމުގެ އަމުރުތަކެއް ނެރެފައިވާ ކަމަށެވެ.
މިހާތަނަށް 12 މީހަކު ތުރުކީ ސިފައިން ވަނީ ހައްޔަރުކޮށްފަ އެވެ. އެއިގެ ތެރޭގައި އިމާރާތްތައް ހަދާ ކޮންޓްރެކްޓަރުންވެސް ހިމެނެ އެވެ.
ބިންހެލުން ކުރިމަތިވި ތުރުކީގެ ދެކުނު ސަރަހައްދުގައި ހަމަނުޖެހުންތަކެއް ހިނގުމާ ގުޅިގެން ރެސްކިއު މަސައްކަތަށްވެސް ހުރަސް އެޅިފައިވެ އެވެ.
ތުރުކީ ސީރިއާ ބޯޑަރަށް އައި މި ބިންހެލުމުގައި މިހާތަނަށް 28،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދިވެސް އިތުރު މީހުން ބަންދު ކުރާނެކަމަށް ލަފާ ކުރެވޭއިރު އިދިކޮޅު ބައެއް ފަރާތްތަކުން ދެކެނީ މިއީ ކާރިސާއިން ލިބުނު ގެއްލުމުގެ ތުހުމަތު އެހެން ބައެއްގެ ބޮލުގައި އެޅުވުމަށް ހިންގާ އަމަލެއް ކަމަށެވެ.
އެތަކެއް އަހަރު ވަންދެން ފަންނީ މާހިރުން އަންނަނީ ތުރުކީގައި ހަދަމުންދާ އިމާރާތްތަކަކީ ރައްކާތެރި ނޫން އިމާރާތްތަކެއްކަން ފާހަގަކުރަމުންނެވެ. ސަބަބަކީ ތުރުކީގައި ހިންގަމުންދާ ކޮރަޕްޝަނާއި ސަރުކާރުގެ ސިޔާސަތުތައް ދޯހަޅިކަމުން ކަމަށް އެ ފަރާތްތަކުން ފާހަގަކުރެ އެވެ.
އެފަދަ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ކޮންޓްރެކްޓަރުންނަށް އޮންނަ ހިމާޔަތާ ހެދި އިމާރާތް ކުރުމުގެ ގަވައިދުތައް އަނބުރާލަމުންދާ ކަމަށެވެ. ގަވައިދުތަކަށް ބެލުމެއް ނެތި އިމާރާތް ކުރުމަށް ހުއްދަތައް ދެނީ އިމާރާތްކުރުމުގެ ދާއިރާ ކުރިއެރުވުމަށް ހިތްވަރުދިނުމުގެ ގޮތުން ކަމަށް ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
ތުރުކީގެ އާންމު އިންތިހާބު ބޭއްވުމަށް ދާދި ގާތްވެފައިވާއިރު ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންގެ 20 އަހަރުވީ ދިގު ވެރިކަން ދިފާއުކުރެއްވުމަށް މި ހާދިސާއާއި ގުޅިގެން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ.
ރައީސް އުރުދުޣާން ދާދިފަހުން ވިދާޅުވެފައިވަނީ މިހާދިސާއާއި ގުޅިގެން އެހީފޯރުކޮށްދިނުމުގައި ބައެއް ކަންކަން އެންމެ އެދެވޭ ގޮތަށް ގެންދެވިފައި ނުވާ ކަމަށާއި ނަމަވެސް މިފަދަ ކަންކަން މީގެ ކުރިންވެސް ހިނގާފައިވާތީ އެއީ ގުދުރަތުގެ ނިޔާ ކަމަށެވެ.
ބިންހެލުން އައިތާ ހަ ދުވަސް ވެފައިވާއިރު އެ ސަރަހައްދުން ދިރިހުރި މީހަކު ފެނިދާނެ ކަމަށް ކުރާ އުއްމީދު ވަނީ ފަނޑުވެފަ އެވެ.
ހޮނިހިރު ދުވަހުވެސް ހަތޭ ޕްރޮވިންސްގެ މީހުންގެ ހަމަނުޖެހުން ބޮޑުވެ ޖަރުމަނު ޓީމުތަކާއި އޮސްޓްރިއާގެ ޓީމުތަކުގެ މީހުންގެ މަސައްކަތް ހުއްޓާލަން ޖެހިފައިވެ އެވެ. ރެސްކިއު ކުރާ މީހަކު ބުނެފައިވަނީ ކާބޯތަކެތި ފޯރުކޮށްދިނުން މަދުވަމުންދާނަމަ ތަނުގެ ރައްކާތެރިކަން ބެލެހެއްޓުން ގޯސްވެގެން ހިނގައިދާނެ ކަމަށެވެ.
އދގެ އެހީދޭ ޓީމުގެ ޗީފް މާޓިން ގްރިފިތްސް ވިދާޅުވެފައިވަނީ މިއީ މިދިޔަ 100 އަހަރުގެ ތެރޭގައި އެ ސަރަހައްދަށް އައި އެންމެ ބޮޑު ގުދުރަތީ ހާދިސާ ކަމަށެވެ. ތުރުކީއަށް ކުރިމަތިވި މިބޮޑު ގުދުރަތީ ހާދިސާގެ ވަގުތު ސަރަހައްދީ ސިޔާސީ ފިކުރުތައް އެއްފަރާތް ކުރުމަށްވެސް ގްރިފިތްސް ގޮވާލާފައިވެ އެވެ.