ތުރުކީ

ބިންހެލުން އެޓޮމިކް ބޮމެއްހާ ބާރުގަދަ: އުރުދުޣާން

ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހަދަށް އައި ބާރުގަދަ ބިންހެލުން އެޓޮމިކް ބޮމެއްހާ ބާރުގަދަ ކަމަށް ތުރުކީ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން ވިދާޅުވެއްޖެ އެވެ.

ރައީސް އުރުދުޣާން މިހެން ވިދާޅުވެފައިވަނީ މިހާތަނަށް މި ބިންހެލުމުގައި ތުރުކީ އިން އެކަނި 35،418 މީހަކު މަރުވެފައިވާ ކަމަށް އިއުލާން ކުރަމުންނެވެ.

ތުރުކީ-ސީރިއާ ސަރަހައްދަށް އައި ބިންހެލުމަށް ހަފްތާއެއް ވެފައިވާއިރު އަދިވެސް ދަނީ ބަޔަކު ދިރިތިބެދާނެ ކަމަށް ބަލައިގެން އެ ބަޔަކު ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިއްޔެވެސް ވަނީ އަށް އަހަރާއި 15 އަހަރުގެ ދެބެއިން ސަލާމަތްކޮށްފަ އެވެ.

މަރުވެފައިވާ މީހުންގެ އަދަދު މައްޗަށް އަދިވެސް ދާއިރު ހިތާމަވެރި ގެއްލުން ބޮޑު ކާރިސާގައި މީހުން ހޯދައި ސަލާމަތްކުރުމުގެ ނާޒުކު މަސައްކަތް ގަދަފިނީގެ ތެރޭގައި ރެސްކިއު ޓީމުތަކުން ވަނީ އިތުރުކޮށްފަ އެވެ. އެއާއެކު މަރުވެފައިވާ މީހުންގެ ހަށިތައް ނަގައި އިމާރާތްތަކުގެ ގާކުނޑިތައް ސާފުކުރުމުގެ މަސައްކަތްވެސް ދަނީ ހިންގަމުންނެވެ.

މި ބިންހެލުމުގައި މިހާތަނަށް ތުރުކީ އާއި ސީރިއާ އިން ޖުމްލަ 41،232 މީހަކު މަރުވެފައިވާ ކަމަށް ތުރުކީގެ އޮފިޝަލުން ވަނީ ހާމަކޮށްފަ އެވެ. މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

ބާރުގަދަ ބިންހެލުމާއި ވިދިގެން 12،000 އަށް ވުރެ ގިނަ އިމާރާތް ވެއްޓި މުޅި އެ ސަރަހައްދު ވަނީ ސުންނާފަތިވެފަ އެވެ. މިދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބާރުގަދަ އަދި ގިނަ ބަޔަކު މަރުވި ގުދުރަތީ ހާދިސާއަށް މި ބިންހެލުން ވަނީ ވެފަ އެވެ.

ތުރުކީގެ ރައީސް އުރުދުޣާން ވަނީ ބިންހެލުން އައި ތުރުކީގެ 10 ސަރަހައްދަކަށް ތިންމަސް ދުވަހުގެ އިމަޖެންސީ އިއުލާން ކުރައްވާފަ އެވެ.

ދުނިޔޭގެ އެތައް ގައުމަކުން ހަމްދަރުދީ ފާޅުކޮށް ތުރުކީއަށް އެކި ސިފަސިފައިގައި ބޮޑެތި އެހީތަކެއް މިވަގުތުވެސް ދަނީ ފޯރުކޮށްދެމުންނެވެ.