ތުރުކީ

ތުރުކީ ސީރިއާ ބިންހެލުމަށް ހަ ދުވަސް: 24,000 މަރު

ތުރުކީ ސީރިއާ ބޯޑަރަށް އައި ބިންހެލުމުގައި މިހާތަނަށް 24,000 މީހަކު މަރުވެއްޖެ އެވެ.

ބާރުގަދަ ބިންހެލުމާ ގުޅިގެން ވެއްޓިފައިވާ އެތައް ހާސް އިމާރާތްތަކެއްގެ ދަށުގައި 100 ގަޑިއިރަށްވުރެ ގިނައިރު ތާށިވެފައި ތިބި ދިރި ހުރި މީހަކު ސަލާމަތް ކުރެވޭތޯ އެހީ ފޯރުކޮށްދޭ ފަރާތްތަކުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މިދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބާރުގަދަ އަދި ގިނަ ބަޔަކު މަރުވި ގުދުރަތީ ހާދިސާއަށް މި ބިންހެލުން ވަނީ ވެފަ އެވެ.

ބިން ހެލުން އައިތާ ހަތަރު ދުވަސް ފާއިތުވެފައިވާއިރު ދިރިހުރި މީހަކު ފެނުމުގެ ފުރުސަތު އޮތުމުގެ ވަގުތު ކުޑަތަންވަމުންދާތީ އެހީދޭ ފަރާތްތަކުންދަނީ ވީ އެންމެ އަވަހަށް މީހުން ސަލަމާތްކުރެވޭތޯ އަދިވެސް ގަދައަށް މަސައްކަތް ކުރަމުންނެވެ.

ދެކުނު އިރުމަތީ ތުރުކީ އާއި ދާހިލީ ހަނގުރާމައިގައި ސުންނާފަތިވެފައިވާ ސީރިއާގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުން ވަނީ އެ ސަރަހައްދު ސުންނާފަތިވެފަ އެވެ. އެއާއިއެކު 12،000 އަށް ވުރެ ގިނަ އިމާރާތް ވެއްޓި ނުވަތަ ގެއްލުންވެފައިވާ ކަމަށް ތުރުކީގެ އެންވަޔަރަންމަންޓް މިނިސްޓަރު މުރާތު ކުރުމް ވިދާޅުވެފައިވެ އެވެ.

މި ކާރިސާގައި ދެ ގައުމުން މަރުވެފައިވާ މީހުންގެ އަދަދު 24،000 އިން މައްޗަށް ގޮސްފައިވާއިރު އަދިވެސް ލަފާކުރެވެނީ ކުރިއަށް އޮތް ދުވަސްތަކުގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ.

ތުރުކީގެ 20،318 މީހަކު މަރުވެފައިވާއިރު 80،088 މީހަކަށް އަނިޔާވެ ޒަހަމްވެފައިވެ އެވެ. އަދި އުތުރު ސީރިއާގައި 3،553 މީހަކު ވަނީ މަރުވެފަ އެވެ.

ރައީސް އުރުދުޣާން ވަނީ މިހާދިސާގެ ސަރަހައްދަށް ޒިޔާރަތްކުރައްވާ ހިޔާވަހިކަން ގެއްލުނު ހުރިހާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ތުރުކީގެ ދެކުނު ސަރަހަދަށް އައި ބާރުގަދަ މި ބިންހެލުމުގައި މިހާތަނަށް އެތައްހާސް ބަޔަކު ވަނީ ހާލުގައި ޖެހި ވަގުތީ ހިޔާތަކަށް ވައްދާފަ އެވެ.

ތުރުކީގެ ރައީސް އުރުދުޣާން ވަނީ ބިންހެލުން އައި ތުރުކީގެ 10 ސަރަހައްދަކަށް ތިންމަސް ދުވަހުގެ އިމަޖެންސީ އިއުލާން ކުރައްވާފަ އެވެ.

އެހީފޯރުކޮށްދޭ ފަރާތްތަކުން ދިރިތިބި މީހުން ހޯދައި ސަލާމަތްކުރުމުގެ ނާޒުކު މަސައްކަތް ގަދަ ފިނީގެ ގޮންޖެހުންތަކާއެކު ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ. އެއާއެކު މަރުވެފައިވާ މީހުންގެ ހަށިތައް ނަގައި އިމާރާތްތަކުގެ ގާކުނޑިތައް ސާފުކުރުމުގެ މަސައްކަތްވެސް ދަނީ ހިންގަމުންނެވެ. މިހާތަނަށް ނުވަ ތުއްތު ކުއްޖަކު އިމާރާތްތަކުގެ ގާކުނޑިތައް ދަށުންވަނީ ސަލާމަތްކޮށްފަ އެވެެ.

ދުނިޔޭގެ އެތައް ގައުމަކުން ތުރުކީއަށް އެކި ސިފަސިފައިގައި ބޮޑެތި އެހީތަކެއް މިވަގުތުވެސް ދަނީ ފޯރުކޮށްދެމުންނެވެ. ތުރުކީގެ ރެސްޓޯރަންޓް ވިޔަފާރިކުރާ ފަރާތްތަކުން ހާލުގައި ޖެހުނު މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެމުންދާއިރު އެގައުމުގެ ތެރޭގައިވެސް އެތައް ބަޔަކު ދަނީ އެކި ބާވަތުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. ތުރުކީގެ އެކުވެރި ގައުމެއް ކަމަށްވާ އަލްބޭނިއާ އިން ވަނީ މިމަހު 13 ވަނަ ދުވަސް އެއީ ގައުމީ ހިތާމަ ފާޅުކުރާ ދުވަހެއް ކަމަށް ކަނޑައަޅާފަ އެވެ.

ދިވެހި ސަރުކާރުން ރަމްޒީ އެހީއެއްގެ ގޮތުގައި، ބިން ހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން އެއް މިލިއަން މަސް ދަޅު ހަދިޔާކުރުމަށް އިއްޔެގެ ވަގުތެއްގައިވަނީ ނިންމާފަ އެވެ.

ސަރުކާރުން މީގެ ކުރިންވަނީ ތުރުކީގެ ރައީސް އުރުދުޣާނާއި ތުރުކީގެ ރައްޔިތުންނަށް ހަމްދަރުދީ ފާޅުކޮށްފަ އެވެ. އަދި ދިވެހި ރެޑްކްރެސެންޓުން ތުރުކީ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކެމްޕޭނެއް މިވަގުތު ދަނީ ހިންގަމުންނެނެވެ.