ތުރުކީ

ބިންހެލުމަށް 12 ދުވަސް: ދިރިތިބި މީހުން އަދިވެސް ދަނީ ފެންނަމުން

ތުރުކީ ސީރިއާ ބޯޑަރު ސަރަހައްދަށް އައި ބިންހެލުމަށް 12 ދުވަސް ވެފައިވާއިރު އަދިވެސް ދިރި ތިބި މީހުން ދަނީ ސަލާމަތް ކުރަމުންނެވެ.

ބިންހެލުން އައިތާ މިހާ ގިނަ ދުވަސް ވެފައިވާއިރުވެސް އާދަޔާއިހިލާފް ގޮތްގޮތަށް އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ދިރި ތިބި މީހުން ދަނީ ފެންނަމުންނެވެ.

މިވަގުތު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ބިންހެލުމުގެ އެންމެ ވަރުގަދައަށް އަސަރުކުރި އަދިޔަމަންއާއި ހަތޭއާއި ކަހްރަމަންމަރަސް އަދި އެހެނިހެން ސަރަހައްދުތަކުގައި ވެސް ދަނީ ކުރަމުންނެވެ.

ތުރުކީގެ ދެކުނު އަދި ސީރިއާގެ އުތުރު ސަރަހައްދަށް އައި މި ވަރުގަދަ ބިންހެލުމުގައި މިހާތަނަށް ތުރުކީ އިން އެކަނިވެސް 39،672 މީހަކު މަރުވެފައިވާ ކަމަށް ތުރުކީގެ ރައީސް އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ. އަދި ސީރިއާ އިން މިހާތަނަށް 5،814 މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ރިޕޯޓް ކޮށްފައިވެ އެވެ.

ގަދަފަދަ ބިންހެލުމުގައި 135،000 މީހަކު ޒަހަމްވެ އަނިޔާވެސް ވަނީ ވެފަ އެވެ. ޒަހަމުވެފައިވާ މީހުންނަށް އެހީދޭ ޓީމްތަކުން މެޑިކަލް ޓެންޓް ގާއިމްކޮށް އެތަންތަނުގައި ދަނީ ސިއްހީ ފަރުވާ ފޯރުކޮށްދެމުން ނެވެ.

ބިންހެލުމުގައި މިހާތަނަށް ޖުމްލަ 45،000 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާއިރު ބާރުގަދަ ބިންހެލުމާއި ވިދިގެން 12،000 އަށް ވުރެ ގިނަ އިމާރާތް ފުނޑުފުނޑުވެ 50،000 އަށް ވުރެ ގިނަ އިމާރާތްތަކަށް ގެއްލުންވެ ބޭނުން ނުކުރެވޭނެވަރުވެ އެ ސަރަހައްދު ވަނީ ސުންނާފަތިވެފަ އެވެ.

މި ބިންހެލުންވެފައިވަނީ 1939 ގައި ތުރުކީގެ އެރްޒިންޗަން އަށް އައި ގަދަފަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ކަމަށްވާ 33،000 ފަހަނަޅައިގޮސް މިދިޔަ 100 އަހަރުތެރޭ ތުރުކީގެ ޖުމްހޫރިއްޔާ އުފެދުނު ފަހުން ކުރިމަތިވި އެންމެ ގިނަ ބަޔަކު މަރުވި ހިތާމަވެރި ގުދުރަތީ ހާދިސާ އަށެވެ.

ބިންހެލުން އައި ސަރަހައްދުތަކުގައި މީހުން ހޯދައި ސަލާމަތް ކުރުމުގެ މަސައްކަތް ހިންގޭ މިންވަރަކުން މަރުވެފައި ތިބި މީހުންނާއިއެކު ދިރިތިބީން މަދުންނަމަވެސް އަދިވެސް ދަނީ ފެންނަމުންނެވެ.

އިމާރާތްތައް ފުނޑުފުނޑުވެ ދަގަނޑާއިއެކު ޖެހިފައިވާ ގާފުނިތަކުގެ ދަށުން މަރުވެފައިވާ މީހުން ސަލާމަތް ކުރުން ވަނީ ނުހަނު ދަތިކަމަކަށްވެފަ އެވެ. އެހެންނަމަވެސް މި ހިތާމަވެރި ގެއްލުން ބޮޑު ކާރިސާގައި މީހުން ހޯދައި ސަލާމަތް ކުރުމުގެ ނާޒުކު މަސައްކަތް ގަދަފިނީގެ ތެރޭގައި ރެސްކިއު ޓީމު ތަކުން އިތުރުކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

މިދިޔަ 12 ވަރަކަށް އަހަރުގެ ތެރޭގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބާރުގަދަ އަދި ގިނަ ބަޔަކު މަރުވި ގުދުރަތީ ހާދިސާއަށްވެސް މި ބިންހެލުންވެފައިވެ އެވެ.

ތުރުކީގެ ދެކުނުން އަދި ސީރިއާގެ އުތުރު ސަރަހަދަށް އައި ބާރުގަދަ މި ބިންހެލުމުގައި މިހާތަނަށް އެތައްހާސް ބަޔަކު ވަނީ ގެދޮރުނެތި ހާލުގައިވެސް ޖެހި ވަގުތީ ހިޔާތަކަށް ވައްދާފަ އެވެ. އަދި އެފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ތުރުކީގެ ރައީސް އުރުދުޣާން ވަނީ ބިންހެލުން އައި ތުރުކީގެ 10 ސަރަހައްދަކަށް ތިންމަސް ދުވަހުގެ އިމަޖެންސީ އިއުލާން ކުރައްވާފަ އެވެ.

ދުނިޔޭގެ އެތައް ގައުމަކުން ތުރުކީއަށް އެކި ސިފަސިފައިގައި ބޮޑެތި އެހީތަކެއް މިހާރުވެސް ދަނީ ފޯރުކޮށްދެމުންނެވެ.