ތުރުކީ

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 33،000 އަށް

ތުރުކީ ސީރިއާ ބޯޑަރަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 33،000 އަށް ވުރެ މައްޗަށް ހިނގައްޖެ އެވެ.

މަރުވެފައިވާ މީހުންގެ އަދަދު އަދިވެސް މައްޗަށް ދާއިރު މީހުން ހޯދައި ސަލާމަތްކުރުމުގެ ނާޒުކު މަސައްކަތް ގަދަފިނީގެ ތެރޭގައި ރެސްކިއު ޓީމު ތަކުން ވަނީ އިތުރު ކޮށްފަ އެވެ. އެއާއެކު މަރުވެފައިވާ މީހުންގެ ހަށިތައް ނަގައި އިމާރާތްތަކުގެ ގާކުނޑިތައް ސާފުކުރުމުގެ މަސައްކަތްވެސް ދަނީ ހިންގަމުންނެވެ.

ވިދިވިދިގެން އައި ބިންހެލުންތަކުގެ ސަބަބުން އިމާރާތްތަކުގެ ދަށުވެ މަރުވެފައިވާ މީހުންގެ އަދަދު އެސަރަހައްދުގައި ކުރިން ދިރިއުޅެމުން އައި މީހުންގެ އަދަދުގެ ދެބައިކުޅަ އެއްބައަށް އަރާނެކަމަށް ލަފާކުރެވެ އެވެ.

ބިންހެލުން އައިތާ ހަފްތާއެއް ފާއިތުވެފައިވާތީ ގެއްލިފައިވާ މީހުން ދިރިތިއްބައި ފެނިދާނެކަމުގެ އުއްމީދު ދުވަހެއް ދުވަހަކަށް ފަނޑުވަމުންދާއިރު ތުއްތު ކުދިން އިން ފެށިގެން ތަފާތު އުމުރުތަކުގެ މީހުން އާދަޔާ ހިލާފް ގޮތްގޮތަށް ދިރިތިއްބާ އަދިވެސް ދަނީ ފެނި ސަލާމަތް ކުރަމުންނެވެ.

ބާރުގަދަ ބިންހެލުމާ ވިދިގެން 12،000 އަށް ވުރެ ގިނަ އިމާރާތް ވެއްޓި މުޅި އެ ސަރަހައްދު ވަނީ ސުންނާފަތިވެފަ އެވެ. މިދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބާރުގަދަ އަދި ގިނަ ބަޔަކު މަރުވި ގުދުރަތީ ހާދިސާއަށް މި ބިންހެލުން ވަނީ ވެފަ އެވެ.

ތުރުކީ ސަރަހައްދުގައި މިހާތަނަށް 29،605 މީހަކު މަރުވެފައިވާއިރު 80،000 މީހަކު ޒަހަމްވެ އަނިޔާވެފައިވެ އެވެ. ސީރިއާ ސަރަހއްދުގައި 3،574 މީހަކު މަރުވެފައިވެ އެވެ.

މި ކާރިސާގައި ދެ ގައުމުން މަރުވެފައިވާ މީހުންގެ އަދަދު 33،000 އިން މައްޗަށް ގޮސްފައިވާއިރު ލަފާކުރެވެނީ ކުރިއަށް އޮތް ދުވަސްތަކުގައި މަރުވި މީހުންގެ އަދަދުވެސް އިތުރުވާނެ ކަމަށެވެ.

ތުރުކީގެ ދެކުނު ސަރަހަދަށް އައި ބާރުގަދަ މި ބިންހެލުމުގައި މިހާތަނަށް އެތައްހާސް ބަޔަކު ވަނީ ގެދޮރުނެތި ހާލުގައި ޖެހި ވަގުތީ ހިޔާތަކަށް ވައްދާފަ އެވެ. އަދި އެފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ތުރުކީގެ ރައީސް އުރުދުޣާން ވަނީ ބިންހެލުން އައި ތުރުކީގެ 10 ސަރަހައްދަކަށް ތިންމަސް ދުވަހުގެ އިމަޖެންސީ އިއުލާން ކުރައްވާފަ އެވެ.

ދުނިޔޭގެ އެތައް ގައުމަކުން ތުރުކީއަށް އެކި ސިފަސިފައިގައި ބޮޑެތި އެހީތަކެއް މިވަގުތުވެސް ދަނީ ފޯރުކޮށްދެމުންނެވެ.