ތުރުކީ

ތުރުކީ ސީރިއާ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 15،000 އިން މައްޗަށް

ތުރުކީ ސީރިއާ ބޯޑަރަށް އައި ބިންހެލުމުގައި މިހާތަނަށް 15،000 މީހަކު މަރުވެއްޖެ އެވެ.

ވެއްޓިފައިވާ އެތައް ހާސް އިމާރާތްތަކެއްގެ ދަށުގައި ތާށިވެފައި ތިބި ދިރި ހުރި މީހަކު ސަލާމަތް ކުރެވޭތޯ އެހީ ފޯރުކޮށްދޭ ފަރާތްތަކުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މިދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބާރުގަދަ އަދި ގިނަ ބަޔަކު މަރުވި ގުދުރަތީ ހާދިސާއަށް މި ބިންހެލުން ވަނީ ވެފަ އެވެ.

ބިން ހެލުން އައިތާ ތިން ދުވަސްވެފައިވާއިރު ދިރިހުރި މީހަކު ފެނުމުގެ ފުރުސަތު އޮތުމުގެ ވަގުތު ފާއިތުވަމުންދާތީ އެހީދޭ ފަރާތްތަކުންދަނީ ވީ އެންމެ އަވަހަށް މީހުން ސަލަމާތްކުރެވޭތޯ ގަދައަށް މަސައްކަތް ކުރަމުންނެވެ.

ދެކުނު އިރުމަތީ ތުރުކީ އާއި ދާހިލީ ހަނގުރާމައިގައި ސުންނާފަތިވެފައިވާ ސީރިއާގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުން ވަނީ އެ ސަރަހައްދު ސުންނާފަތިވެފަ އެވެ.

މި ކާރިސާގައި ދެ ގައުމުން މަރުވެފައިވާ މީހުންގެ އަދަދު 15،000 އިން މައްޗަށް ގޮސްފައިވާއިރު އަދިވެސް ލަފާކުރެވެނީ ކުރިއަށް އޮތް ދުވަސްތަކުގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ.

ތުރުކީގެ 12،391 މީހަކު މަރުވެފައިވާއިރު 62،914 މީހަކަށް އަނިޔާވެ ޒަހަމްވެފައިވެ އެވެ. އަދި އުތުރު ސީރިއާގައި 2،992 މީހަކު ވަނީ މަރުވެފަ އެވެ. މި ސަރަހައްދުގައި އެތައްހާސް އިމާރާތްތަކެއް ވަނީ ބިމާހަމަވެފަ އެވެ.

ރައީސް އުރުދުޣާން ވަނީ އިއްޔެ މިހާދިސާގެ ސަރަހައްދަށް ޒިޔާރަތްކުރައްވާ ހިޔާވަހިކަން ގެއްލުނު ހުރިހާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ތުރުކީގެ ދެކުނު ސަރަހަދަށް އައި ބާރުގަދަ މި ބިންހެލުމުގައި މިހާތަނަށް އެތައްހާސް ބަޔަކު ވަނީ ހާލުގައި ޖެހި ވަގުތީ ހިޔާތަކަށް ވައްދާފަ އެވެ.

ތުރުކީގެ ރައީސް އުރުދުޣާން ވަނީ ބިންހެލުން އައި ތުރުކީގެ 10 ސަރަހައްދަކަށް ތިންމަސް ދުވަހުގެ އިމަޖެންސީ އިއުލާން ކުރައްވާފަ އެވެ.

އެހީފޯރުކޮށްދޭ ފަރާތްތަކުން ދިރިތިބި މީހުން ހޯދައި ސަލާމަތްކުރުމުގެ ނާޒުކު މަސައްކަތް ގަދަ ފިނީގެ ގޮންޖެހުންތަކާއެކު ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ. އެއާއެކު މަރުވެފައިވާ މީހުންގެ ހަށިތައް ނަގައި އިމާރާތްތަކުގެ ގާކުނޑިތައް ސާފުކުރުމުގެ މަސައްކަތްވެސް ދަނީ ހިންގަމުންނެވެ.

ދުނިޔޭގެ އެތައް ގައުމަކުން ތުރުކީއަށް އެކި ސިފަސިފައިގައި ބޮޑެތި އެހީތަކެއް މިވަގުތުވެސް ދަނީ ފޯރުކޮށްދެމުންނެވެ.

ދިވެހި ސަރުކާރުންވެސް ވަނީ ތުރުކީގެ ރައީސް އުރުދުޣާނާއި ތުރުކީގެ ރައްޔިތުންނަށް ހަމްދަރުދީ ފާޅުކޮށްފަ އެވެ. އަދި ދިވެހި ރެޑްކްރެސެންޓުން ތުރުކީ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކެމްޕޭނެއް މިވަގުތު ދަނީ ހިންގަމުންނެނެވެ.