އިޒުރޭލުން އިއްޔެ އީރާނަށް ދިން ހަމަލާތަކަށް މަގުފަހިކޮށްދިނީ އެމެރިކާ ކަމަށް އީރާނުން ބުނެފި އެވެ. އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާޗީ ވިދާޅުވި ގޮތުގައި، އީރާނަށް ހަމަލާދޭންޖެހޭ ތަންތަނާއި މަގުތު ބުނެދީ ގޮތްފޮޔް ކިޔައިދިނީ އެމެރިކާ އެވެ.
އީރާނަށް ހަމަލާދިނުމަށް ތައްޔާރުވުމަށް ބޭނުންވާ ދިފާއީ ނިޒާމުތަކާއި -- މިސައިލުން ދިފާއުކޮށްދޭ ނިޒާމުތަކާއި ހަތިޔާރާއި އަދި ސިފައިން އެމެރިކާއިން ފޯރުކޮށްދިން ކަމަށް އީރާންގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
އައްބާސް އަރާޗީ ވިދާޅުވީ ކަންތައް މި ގޮތަށް ހިނގައި ދިއުމުން، އީރާނަށް ހަމަލާދިނުމުގައި އަމަލީ ގޮތުން އެމެރިކާ ބައިވެރިވެފައިވާ ކަމަށް އީރާން ގަބޫލުކުރާ ކަމަށެވެ.
އިޒުރޭލުން ހޮނިހިރު ދުވަހު އީރާނަށް ހަމަލާދިނީ ބަދަލުހިފުމުގެ ގޮތުންނެެވެ. އެއީ އޮކްޓޯބަރު އެކެއްގައި އިޒުރޭލުގެ އަސްކަރީ މަރުކަޒުތަކަކަށް އީރާނުން ހަމަލާދިނުމާ ގުޅިގެންނެވެ.
އީރާނުން އިޒުރޭލަށް ހަމަލާދިން ސަބަބަކީ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި ހިޒުބުﷲގެ ލީޑަރު ހަސަން ނަސްރުﷲ މަރާލުމުގައި އިޒުރޭލުގެ ބައިވެރިވުމެއް އޮތުމުންނެވެ.
އިޒުރޭލުން އީރާނަށް ދިން ހަމަލާތައް އަމާޒުކޮށްފައި ވަނީ އީރާންގެ އަސްކަރީ މަރުކަޒުތަކަށެވެ. އީރާންގެ ވެރިރަށް ތެހެރާން އަދި ތެހެރާންއާ މާދުރު ނޫން ސިޓީތަކަށް ވެސް އިޒުރޭލުން ހަމަލާދިނެވެ.
އިޒުރޭލުގެ ހަމަލާތައް ހަތަރު ގަޑިއިރަށް ދިގުދެމިގެން ދިޔައިރު، 100 އަށް ވުރެ ގިނަ ފައިޓަރު ޖެޓު ބައިވެރިވި ކަމަށް ޚަބަރުތައް ބުނެ އެވެ. މި ހަމަލާތަކުގައި އީރާންގެ ހަތަރު ސިފައިން މަރުވި ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.
އިޒުރޭލު ބުނާ ގޮތުން އީރާނަށް ދިން ހަމަލާތަކުގައި އިޒުރޭލުގެ ދިފާއީ ބާރުތަކުން ހަމަލާތައް އަމާޒުކުރީ އީރާންގައި މިސައިލް އުފައްދާ ކާރުޚާނާތަކަށެވެ. މި ހަމަލާތަކުގެ ސަަބަބުން މިސައިލް އުފެއްދުމުގެ ގާބިލުކަން އީރާނަށް ގެއްލިފައިވާ ކަމަށް ވެސް އިޒުރޭލުން ބުންޏެވެ.
ނަމަވެސް. އިޒުރޭލުގެ ހަމަލާތަކުން ލިބުނު ގެއްލުންތަކުގެ ތަފުސީލު އީރާނުން ކިޔައެއް ނުދެ އެވެ. ބުނިހާވެސް އެއްޗަކީ، އެންމެ މުހިންމީ އާންމު ރައްޔިތުން ކަމަށެވެ. އަދި އާންމުންގެ ހިމާޔަތުގައި ކޮންމެ ކަމެއް ކުރަން ޖެހުނަސް ފަސް ނުޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.