ދުނިޔެ

ހަމަލާދޭންވީ އީރާންގެ ނިއުކްލިއާ އިންޖީނުގެތަކަށް: ޓްރަމްޕް

އީރާނުން ބެލިސްޓިކް މިސައިލްތަކަކުން އިޒުރޭލަށް ދިން ހަމަލާތައް ކުށްވެރިކުރައްވައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވަރަަށް ޖޯޝާ އެކު ވާހަކަދައްކަވާފަ އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އިޒުރޭލުގެ އަސްކަރިއްޔާގައި ހުރި ނަމަ ހުރި ބާރަކުން އީރާނަށް ރައްދުދިނުމަނީ ހަމަ އެންމެ ރަނގަޅު ގޮތެވެ.

އީރާނަށް ހަމަލާދޭއިރު ހަމަލާދޭންވީ އީރާންގެ ނިއުކްލިއާ އިންޖީނުގެތަކަށް ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. އިގުތިސާދީ ގޮތުން އީރާނަށް ބޮޑު ގެއްލުމެއް ދެވޭނެ ގޮތަކަށް އިޒުރޭލުގެ ހަމަލާތައް ރޭވުން އެދެވިގެންވާ ކަމަށްވެސް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް ވަނީ އީރާނަށް ހަމަލާދިނުން އަވަސްކުރުމަށް އިޒުރޭލަށް ގޮވާލާފަ އެވެ. އަދި އީރާންގެ ތެޔޮ ސާފުކުރާ ވަސީލަތްތަކަށް ހަމަލާދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ. ނަމަވެސް ބައިޑަން ފަހުން ވިދާޅުވީ ތެޔެ ސާފުކުރާ ވަސީލަތްތަކަށް ހަމަލާދިނުން ރަނގަޅު ނުވާނެ ކަމަށެވެ.

މެދުއިރުމަތީގެ އިގުތިސާދާ ބެހޭ ގޮތުން ބަސް ވިދާޅުވާ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި އީރާންގެ ތެޔޮ ވަސީލަތްތަކަށް ހަމަލާދީފިނަމަ -- މިހާރު ވެސް ޖީބަށް ބަރު މިނުގައި ހުރި ތެލުގެ އަގު ލައްކަތައް އުފުލިގެން ދާނެ ކަމަށެވެ.

އީރާންގެ ނިއުކްލިއާ އިންޖީނުގެތަކަށް އިޒުރޭލުން ހަމަލާދޭން އުޅޭ ވާހަކަ އަޑުއިވޭ ކަމަށް ނޫސްވެރިޔަކު ދެންނެވުމުން ބައިޑަން ވިދާޅުވީ އެކަން އެ ގޮތަށް ކޮށްގެން ނުވާނެ ކަމަށެވެ. އެއީ އޭނާ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އެމެރިކާގައި ނޮވެމްބަރު ފަހެއްގައި އޮންނަ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ކެންޑިޑޭޓުގެ ގޮތުގައި ރައީސްކަމަށް ވާދަކުރައްވާ ޓްރަމްޕް ވިދާޅުވީ ނިއުކްލިއާ އިންޖީނުގެތަކަށް ހަމަލާދީގެން ނޫން ގޮތަކަށް އީރާން މައިތިރިނުކުރެވޭނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ ސިޔާސަތު ހިނގާ ގޮތް ބައިޑަންއަށް ރަނގަޅަށް އެނގިވަޑައިނުގަންނަވާ ކަަމަށެވެ. އީރާންގެ ނިއުކްލިއާ އިންޖީނުގެތަކަށް ހަމަލާދިނުމާ ގުޅިގެން އުފެދޭ މައްސަލަތަކާ މެދު ވިސްނާނީ ފަހުން ކަމަށެވެ. އެންމެ މުހިއްމީ މިހާރުން މިހާރަށް ހަމަލާދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޯ ބައިޑަން ދެކެވަޑައިގަންނަވާ ގޮތުގައި އީރާންގެ ކިބައިން ބަދަލުހިފުމަކީ އިޒުރޭލުން ކުރަންޖެހޭ ކަމެކެވެ. އެކަމަކު ބަދަލުހިފަން ވާނީ ގެއްލުމުގެ ނިސްބަތުން ކަމަށް ވިދާޅުވި އެވެ.

އީރާންގެ ނިއުކްލިއާ އިންޖީނުގެތަކަށް ހަމަލާދިނުމުން ދެން ނުކުންނާނީ ކޮންފަދަ ނަތީޖާއެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ.