އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާކޮށްނުލާނެ ކަމުގެ ފުރިހަމަ ޔަގީންކަން އީރާނުން -- ލިޔުމުން އެމެރިކާއަށް ދީފި އެވެ.
އީރާނުން މި ޔަގީކަން އެމެރިކާއަށް ދިނީ ރިޕޯޓްތައް ބުނާ ގޮތުން ނޮވެމްބަރު ފަހެއްގައި އެމެރިކާގައި އޮތް ރިޔާސީ އިންތިހާބުގެ ކުރިންނެވެ.
އީރާނުން ދިން ޔަގީންކަމުގައި -- ކަރުދާހުގައި ލިޔުމުން ބުނެފައިވަނީ ޑޮނަލް ޓްރަމްޕް އަވަހާރަކޮށްލަން އެއްވެސް ރޭވުމެއް އެ ގައުމުން ރާވާފައި ނުވާ ކަމަށެވެ. އަދި އެމެރިކާގެ ރައްޔިތަކަށް ޖިސްމާނީ އަނިޔާއެއް ދިނުމަށް އެއްވެސް ބަޔަކަށް ބުއްދިލައިނުދޭނެ ކަމަށެވެ.
ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ރާވާކަމަށް ބުނެ އެމެރިކާއިން ވަނީ އީރާނަށް އިންޒާރު ދީފަ އެވެ. އެމެރިކާގެ އިންޒާރަކީ އެމެރިކާގެ ރައްޔިތަކު -- އެ ގައުމުގައި އަދި ގައުމުން ބޭރުގައި މަރާލުމަކީ ހަނގުރާމަ އިއުލާންކުރުން ކަމަށެވެ.
އީރާނުން އެ ކަހަލަ ހަރަކާތެއްގައި ބައިވެެރިވެއްޖެނަމަ ރަހުމަތެއް ނެތް ބަދަލުހިފުމަކުން ބަދަލުހިފާނެ ކަމަށް އެމެރިކާއިން އޮތީ ބުނެ އިންޒާރު ދީފަ އެވެ.
އެމެރިކާގެ އޮންލައިން ނޫސް ވޯލް ސްޓްރީޓް ޖާނަލުގައި ބުނެފައިވާ ގޮތުން އީރާނުން މިވަރުގެ ޔަގީންކަމެއް އެމެރިކާއަށް ދިނީ މަސްރަހު ފިނިކުރުމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އުފެދިދާނެ ބޮޑު ހަމަނުޖެހުމަކުން ސަލާމަތްވުމަށެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އީރާނާ މެދު ކަންކުރައްވާފައިވަނީ ވަރަށް ދެރަކޮށެވެ. އީރާނާ އެކު އެމެރިކާއިން -- ބަރަކް އޮބާމާގެ ސަރުކާރުން ސޮއިކޮށްފައި އޮތް ނިއުކްލިއާ އެއްބަސްވުން ޓްރަމްޕް އުވާލައްވައި، އީރާނަށް ކެތްނުވާ ވަރަށް ވަނީ ދަތިކުރުންތައް އިތުރުކުރައްވާފަ އެވެ.
އަންނަ އަހަރު ޖެނުއަރީ 20 ގައި އެމެރިކާގެ ރައީސްކަމާ ޓްރަމްޕް ހަވާލުވެވަޑައިގެން އީރާނާ މެދު ކަންކުރައްވާނެ ގޮތެއް އަދި ނޭނގެ އެވެ.
އިޒުރޭލަށް ފުރުސަތު ފަހިވާ ގޮތަށް އަދި އިޒުރޭލުގެ ހިމާޔަތުގައި ޓްރަމްޕް ސަރުކާރުން އީރާނަށް ކޮންމެ ފަދަ ކަމެއް ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެން އީރާނަށް ދަތިކުރައްވާނެ އެވެ. މި ފަހަރު ހުރިހާ ޕްރެޝަރެއް ކުރައްވާނެ ކަމަށް ވަނީ އީރާންގެ ތެޔޮ ސިނާއަތަށެވެ. ތެލުގެ ވިޔަފާރިން އީރާނަށް ލިބޭ އާމްދަނީއަށް ދަތިކުރެއްވުމަކީ ޓްރަމްޕް ކުރައްވާނެ ކަމެއް ކަމަށް ހަބަރުތައް ބުނެ އެވެ.