ދުނިޔެ

އީރާންގެ ދަތިކުރުންތަކަށް ލުއިދޭން ހުޅަނގުން ދެކޮޅު ހަދަފިއި

އީރާނާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން އަޅާފައި ހުރި ދަތިކުރުންތަކަށް ލުއިދޭން ބައެއް ގައުމުތަކުން ދެކޮޅު ހަދައިފި އެވެ.

ފަރަންސޭސިވިލާތާއި ޖަރުމަނު އަދި އިނގިރޭސިވިލާތުން ބުނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް މިހާރު ކުރިއަށް ގެންދާ ގޮތަށް ގެންދާނަމަ ދަތިކުރުންތަކަށް އެއްވެސް ލުޔެއް ނުދޭނެ ކަމަށެވެ.

ނަމަވެސް، 2023 ލައިގަތުމުގެ ކުރިން ހުރިހާ ދަތިކުރުން ތަކަކުން އީރާން މިންޖުކުރާނެ ކަމަށް މި ތިން ގައުމުން ކުރިން ވަނީ ބުނެފަ އެވެ.

މި ތިން ގައުމުގެ ފަރާތުން ތަރުޖަމާން ދެއްކެވި ވާހަކަތަކުގައި -- އީރާނަށް ދަތިކުރުންތައް އުވައިނުލެވޭނެ ސަބަބަކަށް ދައްކާފައި ވަނީ 2015 ގައި، ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު އީރާނުން ވެފައި އޮތް އެއްބަސްވުމެވެ.

ތަރުޖަމާން އެ އިޝާރާތްކުރައްވަނީ "ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން" (ޖޭސީޕީއޯއޭ) އަށެވެ.

މިއީ އެމެރިކާ އިސްވެ ދުނިޔޭގެ ނުފޫޒުގަދަ ބައެއް އެހެން ގައުމުތައް ހިމަނައި އީރާންއާ އެކު ހަދާފައި އޮތް އެއްބަސްވުމެވެ. މި އެއްބަސްވުމުގެ މައިގަނޑަކީ -- އީރާންގެ ނިއުކްލިއާ ޕްރޮގްރާމް މަދަނީ ފެންވަރުގައި ދަމަހައްޓައިފި ނަމަ، ދަތިކުރުންތަކަށް ލުއިދިނުމެވެ.

ޖޭސީޕީއޯއޭއަށް އަމަލުކުރެވުމުން ދަނިކޮށް 2018 ގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލް ޓްރަމްޕް ވަނީ މި އެއްބަސްވުން ދޫކޮށްލައްވާފަ އެވެ. އަދި މި އެއްބަސްވުމުގެ ކުރިން އީރާނަށް ދަތިކޮށްފައި ހުރި ވަރަށް ވުރެ ބޮޑަށް ދަތިކުރުންތައް ވަނީ އިތުރުކޮށްފަ އެވެ.

މި މުއާހަދާއަށް އަމަލުނުކުރެވުމަކީ ހަގީގަތުގައި އީރާންގެ ސަބަބުން ވެގެން އުޅޭ ގޮތެއް ނޫނެވެ. މި އެއްބަސްވުމަށް އަމަލުކުރުން އެމެރިކާ ހުއްޓާލުމުން، މުއާހަދާގެ ބާރުކެނޑި އީރާނަށް އެއްވެސް ފައިދާއެއް ނެތުމުން އެ ގައުމުން މި އެއްބަސްވުން ދޫކޮށްލީ އެވެ.

ނަމަވެސް، ހުޅަނގުން މިހާރު ބުނަނީ ޖޭސީޕީއޯއޭ ދޫކޮށްލީ އީރާނުން ކަމަށެވެ. އަދި އެ އެއްބަސްވުމަށް އީރާން ރުޖޫއަވުމަށް ދާންދެއް -- އިގުތިސާދީ ގޮތުން އެއްވެސް ލުޔެއް ދެވެން ނޯންނާނެ ކަމަށް މި ގައުމުތަކުން ވަނީ ބުނެފަ އެވެ.

ޖޭސީޕީއޯއޭ އަލުން އެކުލަވާލައި އީރާންއާ އެކު އެއްބަސްވުމެއް ހެއްދެެވުމަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެމެރިކާ އުޅެނީ މި އެއްބަސްވުން ހަދާނެ ގޮތެއް ބޮލަށް ނުވަދެގެންނެވެ.