ދުނިޔެ

އީރާނާ ބެހޭ ސިއްރު ލިޔުންތަކެއް ގެއަށް ގެންދިޔައިން: ޓްރަމްޕް

ދައުލަތުގެ ސިއްރުތައް ރައްކާތެރި ކުރެއްވުމުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފޭލިވެވަޑައިގެންފައި ކަމަށް އެމެރިކާގެ ޕްރޮސެކިއުޓަރުން ތުހުމަތުކުރެ އެވެ.

ޓްރަމްޕް ވެރިކަމުގައި ހުންނެވިއިރު ކުރައްވާފައި ހުރި މިފަދަ އަމަލުތައް ހޯދައި ތަހުގީގު ކުރުމުގެ މަރުހަލާގައި ޕްރޮސެކިއުޓަރުންނަށް މިހާރު ވަނީ މީގެ ކުރިން ލިބިފައި ނެތް ހެކިތަކެއް ލިބިފަ އެވެ. އެއީ އީރާނަށް ހަމަލާދިނުމާ ބެހޭ ގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ތައްޔާރުކުރި ލިޔުންތަކެއް ޓްރަމްޕްގެ ފަރުދީ ހިމާޔަތުގައި ހުރި ކަމަށް ވިދާޅުވެ އޭނާ ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯ ރެކޯޑިންނެވެ.

ޓްރަމްޕާ އެކު އެމެރިކާގެ އަސްކަރިއްޔާ އިން ބޭއްވި ބައްދަލުވުމެއްގައި ދެކެވުނު ބައެއް ވާހަކަތައް ހިއްސާކުރައްވަން ބޭނުންފުޅުވާ ކަމަށް 2021 ގައި ރެކޯޑް ކޮށްފައި އޮތް ލީކުގައި އޭނާ ވިދާޅުވެ އެވެ. އެހެން ނަމަވެސް، އެއިރު އޭނާ ހުންނެވީ އެފަދަ ސިއްރު މައުލޫމާތުތަކެއް އާންމުކުރެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށްވެސް ރެކޯޑިންގައި ވިދާޅުވެ އެވެ.

ޓްރަމްޕްގެ މައްސަލަ ތަހުގީގުކުރައްވަމުން ގެންދަވާ ޕްރޮސެކިއުޓަރުންނަށް މިއޯޑިއޯ ލީކަކީ -- ސީއެންއެން ބުނާ ގޮތުން އޭނާއާ ދެކޮޅަށް މައްސަލަތައް ސާބިތުކުރުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ.

އެމެރިކާގެ ރައީސްކަން ޖެނުއަރީ 2021 ގައި ދޫކޮށްލަން ޖެހިވަޑައިގަތުމުން ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސް އިން ނިކުމެ ވަޑައިގަތީ ގައުމީ ސިއްރު ލިޔުންތަކެއް ހިއްޕަވައިގެން ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެ އެވެ.

މި މައްސަލަ ތަހުގީގުކުރުމަށް އެފްބީއައިގެ އޭޖެންޓުން ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ގަނުޑުވަރު މާރަލާގޯއަށް އޮގަސްޓް 8، 2022 ގައި ވަދެގަނެ 11 ފޮށި ފުރެންދެން ލިޔުންތައް ނެރުނު ކަމަށް ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެފްބީއައި އިން ގެންދިޔަ ލިޔުންތަކުގެ ތެރޭގައި އެމެރިކާގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ބައެއް ލިޔުންތައް ވެސް ހިމެނެ އެވެ. އަދި ޓްރަމްޕާ ދެކޮޅަށް މައްސަލަ ސާބިތުކުރުމަށް މި ލިޔުންތައް ވަނީ ކޯޓަށްވެސް ހުށަހަޅާފަ އެވެ.

މި މައްސަލައާ ގުޅިންގެން ޓްރަމްޕްގެ ޕާސްޕޯޓް ވެސް އޭރު ހިފެހެއްޓި އެވެ. ފޮކްސް ނިއުސްއާ ވާހަކަދައްކަވަމުން ޓްރަމްޕް އޭރު ވިދާޅުވީ އޭނާ ގެންގުޅުއްވާ ތިން ޕާސްޕޯޓް އެފްބީއައި އިން ގެންދިޔަ ނަމަވެސް މީގެތެރެއިން އެއް ޕާސްޕޯޓް އޮންނާނީ މުއްދަތު ހަމަވެފައި ކަމަށެވެ.