ދުނިޔެ

ނިއުކްލިއާ ޑީލަށް ބިނާކުރަނިވި ޖަވާބެއް އޮންނާނީ ދީފައި: އީރާން

އީރާނާ އެކު ދުނިޔޭގެ ބާރުތަކުން 2015 ގައި ހެދި ނިއުކްލިއާ އެއްބަސްވުން އަލުން އިއާދަކުރަން ކުރާ މަޝްވަރާތަކުގައި އެމެރިކާއަށް ބިނާކުރަނިވި ޖަވާބެއް އޮންނާނީ ދީފައި ކަމަށް އީރާންގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީގެ ތަރުޖަމާން ނާސިރު ކަނާނީ ވިދާޅުވި ގޮތުގައި ހުޅަނގުން ފޮނުވި ލިޔުމަށް އެކަށީގެންވާ ރަނގަޅު އަދި ބިނާކުރަނިވި ޖަވާބެއް ލިޔުމުން ވާނީ ދީފަ އެވެ. އެހެން ނަމަވެސް އީރާނުން ދިން ޖަވާބު ކަމުނުދާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ވިދާޅުވި ގޮތުގައި ޔޫރަޕިއަން ޔޫނިއަން މެދުވެރިކޮށް އީރާނުން ފޮނުވި ޖަވާބު އޮތީ ލިބިފަ އެވެ. އޭނާ އަދި ވިދާޅުވީ ދިރާސާ ކުރުމަށްފަހު ފެންނަ ގޮތް އާންމުކުރާނެ ކަމަށެވެ. އެހެންނަމަވެސް އީރާނުން ފޮނުވި ޖަވާބާ މެދު ކަންބޮޑުވުން އޮތް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ވައިޓް ހައުސްގައި އޮންނަ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާން އެޑްރީން ވޮޓްސަން ވިދާޅުވި ގޮތުގައި އީރާނާ އެކު ކުރެވުނު މަޝްވަރާއިން ބާގަނޑުތަކެއް ވަނީ ބެއްދިފަ އެވެ. އެހެން ނަމަވެސް އަދި އިތުރު ބާތަކެއް ހުރި ކަމަށްވެސް ވިދާޅުވި އެވެ.

އީރާނާ އެކު ނިއުކްލިއާ އެއްބަސްވުމެއް ހެދުމަށް އެމެރިކާއިން ނުސީދާ ގޮތުގައި -- ޔޫރަޕިއަން ޔޫނިއަން މެދުވެރިކޮށް 16 މަސް ދުވަސް ވަންދެން ކުރި މަސައްކަތްތަކުން އެންމެ އެދެވޭ ނަތީޖާ އަދި ވެސް ނުނެރެވެ އެވެ.

އެމެރިކާ ބުނާ ގޮތުން ނިއުކްލިއާ އެއްބަސްވުން އިއާދަކުރުމަށް އީރާން ދަތިކުރެ އެވެ. އީރާން ބުނާ ގޮތުން ނިއުކްލިއާ އެއްބަސްވުން ލަސްވަނީ އެމެރިކާގައި އިޚުލާސްތެރި ކަމެއް ނެތުމުންނެވެ.

އީރާނާ އެކު ބާރަކް އޮބާމާގެ ސަރުކާރުން 2015 ގައި ހަދާފައި އޮތް ނިއުކްލިއާ އެއްބަސްވުން ޑޮނަލްޑް ޓްރަމްޕް ސަރުކާރުން ވަނީ އުވާލާފަ އެވެ.

ޑޮނަލްޑް ޓްރަމްޕް ސަރުކާރުން އެއްބަސްވުން އުވާލީ އިޒްރޭލު އެދިގެން އީރާނަށް ވަރަށް ބޮޑަށް ދަތިކުރުމަށެވެ.

އެމެރިކާގެ ރައީސް ކަމަށް ޖޯ ބައިޑަން ވަޑައިގަތުމަށް ފަހު އީރާންގެ ނިއުކްލިއާ އެއްބަސްވުމަށް އަލުން އަމަލުކުރަން މަސައްކަތް ފެއްޓެވި އެވެ. އެހެން ނަމަވެސް، އެއިރު އީރާން އޮތީ މަޝްވަރާއަށް ރުހިގެނެއް ނޫނެނެވެ.