އިޒްރޭލް

ބައިޑަންގެ އީރާން ސިޔާސަތާހެދި އިޒްރޭލް ބިރުގެންފައި!

އީރާން ނިއުކްލިއާ އެއްބަސްވުމަށް ރުޖޫއަވާން އެމެރިކާގެ ރައީސް ޖޯ ބައިޑަން ގެންގުޅުއްވާ ސިޔާސަތާ އިޒްރޭލް ދެކޮޅެވެ. އެކަން އިޒްރޭލްގެ ޕަބްލިކް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އައިޕީބީސީ) އިން ވެސް ދަނީ ދުނިޔެއަށް ކަށަވަރުކޮށް ދެމުންނެވެ.

ރައީސް ބާރަކް އޮބާމާގެ ޒައާމަތުގައި ޖުލައި 14، 2015 ގައި ޔޫރަޕިއަން ޔޫނިއަން އާއި ޗައިނާ، ފްރާންސް، ރަޝިއާ، އިނގިރޭސިވިލާތް، އެމެރިކާ އަދި ޖަރުމަން އެކުވެގެން އިރާނާއެކު އުފެއްދި "ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން" (ޖޭސީޕީއޯއޭ) އަށް އަމަލު ކުރުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހުއްޓާލީ މޭ 8، 2018 ގަ އެވެ. އެހެން ނަމަވެސް، ރައީސް ޖޯ ބައިޑަން ސަރުކާރާ ހަވާލުވަޑައިގެން އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ އެ އެއްބަސްވުމަށް އަލުން ރުޖޫއަވެ ވަޑައިގަތުމަށެވެ.

ދުނިޔޭގެ ބާރުގަދަ ގައުމުތަކުން އީރާނާއެކު މި އެއްބަސްވުން ހަދާފައި ވަނީ އީރާން ނިއުކްލިއާ ބާރަކަށްވިޔަ ނުދޭން ވެގެނެވެ.

އެ ގައުމުތަކުގެ ވާހަކައަކީ އީރާނުން ޔޫރޭނިއަމް ފައްކާކޮށް ނިއުކްލިއާ ބޮމެއް އުފެއްދުމަށް ކުރާ މަސައްކަތްތައް ހުއްޓާލައި ސުލްހައިގެ މަގު އިޚްތިޔާރުކޮށްފި ނަަމަ މުއްސަނދި ގައުމުތަކުން އިނާޔަތްތަކެއް ދޭނެ އެވެ. އަދި އީރާނުން ޔޫރޭނިއަމް މުއްސަނދި ކުރަނީ ސުލްހަވެރި މާނާގައި ބޭނުން ކުރުމަށް، ހަކަތަ އުފައްދަން ކަމަށް ވާނަމަ، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ބެލުމުގެ ދަށުން އީރާނަށް ލުއިތަކެއް ދޭނެ އެވެ. އަދި އެއީ އެ ގައުމުތަކަށް ރުހެވިދާނެ ގޮތްތަކެކެވެ.

އެކަމަކު މި އެއްބަސްވުމަކީ އިޒްރޭލަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ސަބަބަކީ އީރާނުން ސިއްރިއްޔާތުގައި ނިއުކްލިއާ ބޮމެއް އުފެއްދޭ ފެންވަރަށް ޔޫރޭނިއަމް ފައްކާކޮށްފާނެތީ އެވެ. ނުވަތަ އެހެން ހީވުމެވެ. އެހެންވެ، އިޒްރޭލުން ބޭނުން ވަނީ އީރާނާ މެދު ޓްރަމްޕް އަމަލު ކުރެއްވި ގޮތަށް ބައިޑަން ވެސް އަމަލު ކުރައްވާށެވެ. މި އެއްބަސްވުމަށް ވަޑައިނުގެން އަދި ދަތިކުރުމުގެ ފިޔަވަޅުތައް އީރާނަށް ގުޑައިނުލެވޭ ވަރަށް ހަރުކަށިކުރުމަށް ވެސް އިޒްރޭލް ނުހަނު ބޮޑަށް ބޭނުންވެ އެވެ.

އިޒްރޭލުގެ ޕަބްލިކް ބްރޯޑްކާސްޓަރު ބުނާ ގޮތުން ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ވަނީ އެ ގައުމުގެ މަތީ ފަންތީގައި ހިޔާލު ހުރި ގޮތް އަންދާޒާ ކޮށްލެއްވުމަށް ބައްދަލުވުމެއް ވެސް ބާއްވަވާފަ އެވެ. އެއީ އީރާން އެއްބަސްވުން އަލުން ގާއިމު ކުރުމަށް ބައިޑަންއަށް ރުހޭނީތޯ ނުވަތަ އިންކާރު ކުރާނީތޯ ބެއްލެވުމަށެވެ. އަދި އީރާންގެ ބެލަސްޓިކް މިސައިލް ޕްރޮގްރާމް ހިމަނައިގެން އެއްބަސްވުން އަލުން އެކުލަވާލައިފި ނަމަ ކަންކުރައްވާނެ ގޮތަކާ މެދު ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

އެމެރިކާގެ ރައީސްކަމަށް ބައިޑަން ވަޑައިގެންނެވި ދުވަހުން ފެށިގެން އިޒްރޭލްގެ ޑިފެންސް މިނިސްޓަރު ބެނީ ގަންޒް އާއި ފޮރިން މިނިސްޓަރު ގަބީ އަޝްކެނާޒީ އަދި އާމީ ޗީޕް އަވީވް ކޮޗާވީ ގެންގުޅުއްވަނީ ބައިޑަން ރުހިވަޑައިގަންނަވާ ގޮތް ބެއްލެވުމުގެ ސިޔާސަތެކެވެ.

ނަތަންޔާހޫއާއެކު ބާއްވާ ބައްދަލުވުންތަކުގައި ވައިޓް ހައުސްއާއެކު މަޝްވަރާ ކުރަން އެ ބޭފުޅުން ބޮޑުވަޒީރަށް ދަންނަވާކަން ހަބަރުތަކުން އެނގެ އެވެ. އެހެން ނަމަވެސް، އިޒްރޭލު ތެރޭގައި ހިނގާ ކޮންމެވެސް ކަންތައްގަނޑެއްގެ ސަބަބުން ހަރުކަށިވެ ވަޑައިގަތުން ނޫން ގޮތެއް ބޮޑުވަޒީރު ނަތަންޔާހޫ އިހުތިޔާރެއް ނުކުރައްވަ އެވެ.

އެމެރިކާއިން އީރާން ނިއުކްލިއާ އެއްބަސްވުން އަލުން ގާއިމުކުރިޔަ ނުދިނުމަށް އިޒްރޭލުން ދަނީ މުޅި ދުނިޔޭގައި އާދޭސް ކުރަމުންނެވެ. ޔޫރަޕިއަން ޔޫނިއަން އާއި ފްރާންސް، ޔޫކޭ އަދި ޖަރުމަން ހައްދާލައިގެން ގޮތެެއްވޭތޯ ވެސް ވަނީ ބަލާފަ އެވެ. މިނޫން ގޮތެއްގައި އެއްބަސްވުމަށް އިޒްރޭލު އެދޭ މާއްދާތަކެއް އިތުރުކުރެވޭތޯ ވެސް ވަނީ ބަލާފަ އެވެ. އެހެން ނަމަވެސް ގައުމުތަކުން މިހާރު ވިސްނަނީ އެމެރިކާ އެދޭ ގޮތަށް އަދި އީރާނަށް އެގޮތް މިގޮތް ދައްކައިގެން ނަމަވެސް މި އެއްބަސްވުމުގައި އެމެރިކާ އަލުން ބައިވެރި ކުރާށެވެ.