އެމެރިކާގެ މަދަދާއެކު އީރާނުގެ ދުވަސް ދުއްވާލާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
ގުދުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަތަންޔާހޫ އިރާނަށް އިންޒާރުތަކެއް ދެއްވި ނަމަވެސް ހަމަލާތައް ދޭނެ ވަކި ދުވަހެއް ވަގުތެއް ވިދާޅުވެފައެއް ނުވެ އެވެ.
"އީރާނުގެ ޓެރަރިޒަމްގެ ނޭޓްވޯކްތަކަށް ވޭތުވެދިޔަ 16 މަސް ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ ނުހަނު ބޮޑެތި ގެއްލުންތައް ދީފައި. އެމެރިކާގެ ރައީސް ޓްރަމްޕްގެ ގާބިލް ލީޑަޝިޕާއި ދުނިޔޭގެ ގައުމުތަކުގެ ފުރިހަމަ ތާއީދާއެކު، އަޅުގަނޑުމެންނަށް މި ކަންތައް ނިންމާލެވޭނެކަމުގެ ޔަގީންކަން އެބައޮތް،" އިރާނަށް އިންޒާރު ދެއްވަމުން ނަތަންޔާހޫ ވިދާޅުވި އެވެ.
ނަތަންޔާހޫގެ މި ބަސްތަކުން ދޭހަވަނީ އީރާންގެ ނިއުކްލިއަ ޕްރޮގްރާމް ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅައި، އީރާނުން ސަރަހައްދަށް ކުރިމަތިކުރާ ނުރައްކާތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އިޒްރޭލާއި އެމެރިކާއިން އަޅަން ތައްޔާރުވާ ކަމެވެ.
"އީރާނުގެ ނުރައްކަލާ ކުރިމަތިލުމުގައި އިޒްރޭލާއި އެމެރިކާ ތިބީ ކޮނޑާއި ކޮނޑު ޖައްސައިގެން" ނަތަންޔާހޫ ވިދާޅުވި އެވެ.
ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ވެރިކަމަށް އިންތިހާބުވުމާ ގުޅިގެން ނަތަންޔާހޫ ވިދާޅުވީ އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޓްރަމްޕް ސަރުކާރާއެކު މަސައްކަތްކުރަން ފަސޭހަވާނެ ކަމަށެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ ނިއުކްލިއާ އީރާނެއް" އަދި އެމެރިކާގެ ޕްރެޝަރުން ސަލާމަތްވެ، ފިޔަވަޅުތަކުން ރެކެވޭނެ "ނިއުކްލިއާ އީރާނެއް"ވެސް މުސްތަގުބަލްގައި ނޯންނާނެ ކަމަށެވެ.
"އެއީ ދުވަހަކު ވެސް ކުރެވޭނެ ކަމެއް ނޫން" އިރާންގެ ނިއުކުލިއާ ޕްރޮގްރާމު ހުއްޓުވާނެ ކަމަށް އިޝާރާތް ކުރައްވާ ރޫބިއޯ ވިދާޅުވި އެވެ.
އެމެރިކާއާއި އިޒުރޭލުގެ ލީޑަރުންގެ ވާހަކަތަކުން ދޭހަވަނީ އީރާނުގެ ނިއުކްލިއަ ޕްރޮގްރާމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެ، އެކަން އަލުން ފެށިޔަ ނުދިނުމަށްޓަކައި އެޅެން އޮތް ކޮންމެ ފިޔަވަޅެއް އެޅުމަށް ފަސްނުޖެހޭނެ ކަމެވެ.
އިރާނާއި އިޒްރޭލު މިދިޔަ އަހަރުގެ ތެރޭގައި ހަމަލާތަކެއް ބަދަލުކޮށްފައިވާތީ، ނަތަންޔާހޫގެ މިފަދަ ބަސްތަކުން ސަރަހައްދަށް އިތުރު ހަމަނުޖެހުން ގެނައުމުގެ ބިރު އިތުރުވެގެންދާ ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.