އެމެރިކާ

އެމެރިކާއިން މިސައިލް ދިފާއީ ނިޒާމުތަކެއް އިޒުރޭލަށް ފޮނުވަނީ

މިސައިލުން ދިފާއުވުމަށް އެމެރިކާގައި އުފައްދާ އެންމެ ބާރުގަދަ ނިޒާމު -- ޓާމިނަލް ހައި އަލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) އިޒުރޭލަށް ފޮނުވުމާ މެދު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ އެވެ.

އިޒުރޭލަށް މިވަރުގެ ބާރުގަދަ ނިޒާމެއް ފޮނުވުމުގެ ބޭނުމަކީ އީރާނުން ދީފާނެ ހަމަލާއަކުން އިޒުރޭލު ރައްކާތެރިކުރުމެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާންގެ މަދަދާ އެކު ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ހަނގުރާމަވެރިންނާއި އީރާނުން އެއްފަހަރާ އިޒުރޭލަށް ރޮކެޓް ހަމަލާތަކެއް ދީފިނަމަ -- އިޒުރޭލުގައި މިހާރު ބޭނުންކުރާ މިސައިލް ދިފާއީ ނިޒާމު، އަޔަން ޑޯމަށް ކެތެއް ނުވާނެ އެވެ.

އިޒުރޭލުގެ މިހާރުގެ ހާލަތައް ބެލި ނަމަވެސް އަޔަން ޑޯމަށް އޮބި ނޯންނަ ވަރަށް މިސައިލް ފޮނުވައިފިނަމަ ބާކީ ހުރި މިސައިލްތައް އިޒުރޭލުގެ ތެރެއަށް ވެއްޓެ އެވެ.

އެމެރިކާ އާއި އިޒުރޭލު ގުޅިގެން އީރާނަށް ހަމަލާއެއް ދިނުމުގެ ކުރިން އިޒުރޭލުގައި ތާޑް ނިޒާމުތަކެއް ބަހައްޓާނެ ކަމަށް ބެލެވެ އެވެ.

އިޒުރޭލުން ހަމާސްގެ ލީޑަރާއި ހިޒްބުﷲގެ ލީޑަރު މަރާލުމާ ގުޅިގެން ބަދަލުހިފުމުގެ ހަމަލާތަކެއް އީރާނުން ވަނީ އިޒުރޭލަށް ދީފަ އެވެ.

އީރާނުން ބެލިސްޓިކް މިސައިލުން ދިން މި ހަމަލާތަކަށް ބަދަލުހިފުމަށް އެމެރިކާ އާއި އީރާނުން ތައްޔާރުވުމުގެ މަރުހަލާގައި، އިޒުރޭލުގެ ދިފާއީ ގާބިލުކަން ވަރުގަދަކުރާނެ އެވެ. އެމެރިކާޢިން މިސައިލް ޑިފެންސް ސިސްޓަމްތަކެއް އިޒުރޭލަށް ފޮނުވަނީ މި ބޭނުމުގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާންގެ ކިބައިން އިޒުރޭލު ބަދަލުހިފާނެ އެވެ. އަދި އިގުތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން އީރާނަށް އެންމެ ބޮޑަށް ގެއްލުން ދެވޭނެ ގޮތަކަށް ބަލާނެ އެވެ.

އިޒުރޭލުގެ ދިފާއީ ވަޒީރު ވިދާޅުވެފައި ހުރި ބަސްތަކަށް ބަލާއިރު، އީޒުރޭލުގެ ހަމަލާތައް ދިގުދެމިގެން ނުދާނެ އެވެ. އީރާންގެ އަސްކަރީ ގާބިލުކަން ނައްތާލުމަށް އިޒުރޭލަށް ބޭނުންވާނީ ކުޑަ ހިނދުކޮޅެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.

ސިޔާސީ ތަޖުރިބާކާރުން ދެކޭ ގޮތުން އިޒުރޭލުގެ ބަދަލުހިފުން އީރާންގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް އަމާޒުކުރުމަކީ ވެސް ވެދާނެ ކަމެކެވެ. އަނެއްކޮޅުން އީރާންގެ ނިއުކްލިއާ އިންޖީނުގެތައް ސުންނާފަތިކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އިޒުރޭލުން އީރާނަށް ހަަމަލާދީފިނަމަ އެއްފަހަރާ 2،0000 ބެލިސްޓިކް މިސައިލް އިޒުރޭލަށް ފޮނުވާލާނެ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.