ރަޝިއާއިން އިރާނަށް އެންމެ ޒަމާނީ ރާޑަރު އަދި ދިފާއީ ސިސްޓަމްތައް ފޯރުކޮށްދޭ ކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފި އެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރަޝިއާއިން އިރާނަށް ފޯރުކޮށްދޭ ތަކެތީގެ ތެރޭގައި ހިމެނެނީ އެސް-300 އަދި އެސް-400 މިސައިލް ދިފާއީ ސިސްޓަމްތަކެވެ. މީގެ އިތުރުން ރާޑަ ސިސްޓަމްތަކާއި އިލެކްޓްރޯނިކް ވޯފެއަ ޓެކްނޮލޮޖީވެސް ހިމެނެ އެވެ.
ރަޝިއާގެ އެހީތެރިކަމުގެ ސަބަބުން އިރާނުގެ ދިފާއީ ގާބިލުކަން އިތުރުވެ، ސަރަހައްދީ ބާރުވެރިކަން ހޯދުމަށް އިރާނަށް ވަރަށް ބޮޑަށް ފަސޭހަ ވާނެ އެވެ. މިކަމަކީ ހަނގުރާމައިގެ ވަގުތުގައި އިޒުރޭލަށް ނުރައްކާވެދާނެ ކަމަކަށްވާތީ ހުޅަނގުން ކަންބޮޑުވެ އެވެ.
މި މައުލޫމާތު ހާމަވުމާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުގެ ކަންބޮޑުވުން އިތުރުވެފައިވާއިރު މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މިކަމުން ކުރާނެ އަސަރާމެދު ސުވާލު އުފެދެ އެވެ. ނަމަވެސް ރަޝިއާ އަދި އިރާނުން މިކަމާ ގުޅޭގޮތުން ރަސްމީ ބަޔާނެއް އަދި ނެރެފައެއް ނުވެ އެވެ.
ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އިރާނުގައި އަވަހާރަކޮށްލުމުގައި އިޒްރޭލުގެ އިންޓެލިޖެންސް އިދާރާ -- މޮސާޑުން އިސްކޮށް ހަރަކާތްތެރިވިކަން ފަޅާއެރުމުން އިރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ ވަނީ އިޒްރޭލަށް ހަމަލާ ދިނުމަށް އަސްކަރިއްޔާއަށް އަމުރުކުރައްވާފަ އެވެ.
މިކަމާ ގުޅިގެން މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އުފެދި ގައުމުތަކުގެ މެދުގައި ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ކޮންމެ ފަދަ ގުރުބާނީއެއް ވެގެން ނަމަވެސް އިޒްރޭލު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެމެރިކާ އާއި ހުޅަނގުން ބުނެ އެވެ. އަދި އިރާނުން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ އެމެރިކާ އެ ހަނގުރާމައިގެ ތެރެއަށް ވަންނާނެކަން އެއީ ޔަގީންވާ ކަމެކެވެ.
ރަޝިއާ އިން ވަނީ އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފަ އެވެ. އެމެރިކާ އިރާނާ ދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ އީރާންގެ ހިމާޔަތުގައި ތެދުވާނެ ކަމަށް ރަޝިއާ އިން ދަނީ ބުނަމުންނެވެ.