ދުނިޔެ

އިރާންގެ ނިއުކްލިއާ އިންޖީނުގެތަކަށް ހަމަލާދޭން ހިތަށްއަރުވައިގެން ވެސް ނުވާނެ: ރަޝިއާ

އިރާންގެ ނިއުކްލިއާ އިންޖީނުގެތަކަށް ހަމަލާދޭން ހިތަށްއަރުވައިގެން ވެސް ނުވާނެ ކަމަށް ބުނެ ރަޝިއާޢިން އިޒުރޭލަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.

ހަމާސްގެ ކުރީގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲގެ މަރަށް އިޒުރޭލުގެ ކިބައިން ގަދަލުހިފުމުގެ ގޮތުން އޮކްޓޯބަރު 1، 2024 ގައި -- އީރާނުން ބެލިސްޓިކް މިސައިލުން އިޒުރޭލަށް ހަމަލާދިނެވެ.

އީރާންގެ މި ހަމަލާތަކަށް ބަދަލުހިފުމަށް އިޒުރޭލުން ކެތްމަދުވެފައި އޮތްއިރު، ޚަބަރުތައް ބުނާ ގޮތުން އީރާންގެ ކޮންމެ ތަނަކަށް ވެސް އިޒުރޭލުން ހަމަލާދީފާނެ އެވެ.

މަސްރަހުގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު އިޒުރޭލުން އީރާނަށް ހަމަލާދޭނީ އިގުތިސާދީ ގޮތުން އެންމެ ބޮޑަށް ގެއްލުންވާ ގޮތް ބަލައިގެންނެވެ. މި ގޮތުން އީރާންގެ ނިއުކްލިއާ އިންޖީނުގެތަކާއި ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް އަމަލާދިނުން ހިމެނެ އެވެ.

އިޒުރޭލުގެ ބަދަލުހިފުމުގެ ހަމަލާތަކާ ބެހޭ ގޮތުން އެމެރިކާއިން ބުނީ އީރާންގެ ނިއުކްލިއާ އިންޖީނުގެ ތަކަށާއި ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ހަމަލާދޭން އިޒުރޭލަށް އެއްބާރުލުން ނުދޭނެ ކަމަށެވެ.

އަދި ފަހުގެ ޚަބަރުތައް ބުނާ ގޮތުން އިޒުރޭލުން ވަނީ އެމެރިކާގެ ބުނުން ކަނުލާ އަހައި -- އިރާންގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭ ގޮތަށް ނިންމާފަ އެވެ.

ރަޝިއާގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރުގޭ ރިޔަބްކޯފް ވިދާޅުވި ގޮތުން އިޒުރޭލުގެ އެއްވެސް ރޭވުމެއްގައި -- އީރާންގެ ނިއުކްލިއާ އިންޖީނުގެތައް އޮވެގެން ނުވާނެ އެވެ.

ވަޒީރު އަދި ވިދާޅުވީ ރަޝިއާގެ އިންޒާރަކީ ދިގުދެމިގެންދާ އިންޒާރެއް ކަމަށާއި އިޒުރޭލުގެ ރޭވުންތަކަށާއި ހަރަކާތްތަކަށް ފާރަލުމުގައި ރަޝިއާގެ އަސްކަރިއްޔާ އޮންނާނެ ކަމަށެވެ.

ރަޝިއާގެ ވަޒީރު ވިދާޅުވި ގޮތުން ނިއުކްލިއާ މަރުކަޒަކަށް ހަމަލާދިނުމަކީ ބޮޑު ގެއްލުންތަކެއްގެ ފެށުމެވެ. އީރާން ހިމެނޭ ގޮތުން މެދުއިރުމަތީގެ އެ ސަރަހައްދަކީ ގައުމުތައް ތޮއްޖެހި ބެދިފައި އޮތް ސަރަހައްދަކަށް ވުމުން -- އަވަށްޓެރި ގައުމަތަކަށް ރޭޑިއޭޝަންގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެެވެ.

އިޒުރޭލުން ބަދަލުހިމުގެ ގޮތުން އިރާނަށް ހަމަލާދޭނެ ކަމަށް ބުނި ނަމަވެސް، އެކަމުގައި އަމަލީ ސިފަ ޖެހޭނެ ދުވަހެއް އަދި ނޭނގެ އެވެ.

އީރާނުން ބުނީ އިޒުރޭލުގެ އިތުރު ހަމަލާއެއް އީރާނަށް އަމާޒުކޮށްފި ނަމަ، މުޅި އިޒުރޭލަށް ހަމަލާދޭނެ ކަމަށެވެ. އަދި އިޒުރޭލުގެ ވެރިރަށް ތެލްއަވީވުން ދުންއަރުވާލާނެ ކަމަށެވެ.