ރަޝިއާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ވެރިޔާ ސަރުގޭ ޝޮއިގޫރު އީރާނަށް ވަޑައިގެން ވެރިރަށް ތެހެރާންގަައި، އީރާންގެ ސްޕްރީމް ނެޝަނަލް ސެކިޔުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ އަކްބަރު އަހުމަދިއާންއާ ބައްދަލުކުރައްވައިފި އެވެ.
ޚަބަރުތައް ބުނާ ގޮތުން މިއީ ކުރިންވެސް ރޭވިފައި އޮތް ދަތުރެކެވެ. ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި މަޝްވަރާއަށް ހުރި މައުލޫތަކަށް އަލިއަޅުވާލައްވައި ގުޅުން ބަދަހިކުރެއްވުމެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޝޮއިގޫރުގެ މި ދަތުރުގައި އީރާނުގެ ޗީފް އޮފް ޖެނެރަލް ސްޓާފް މުހައްމަދު ބަގޭރީއާ ވެސް ޝޯއިގޫ ބައްދަލުކުރައްވާނެ އެވެ.
އަދި އެއަށް ފަހު އިރާންގެ ރައީސް މަސްއޫދު ޕަޒެޝްކިއާންއާ ވެސް ޝޮއިގޫރު ބައްދަލުކުރައްވާނެ ކަމަށް ދެ ގައުމުގެ ޚާރިޖީ ވުޒާރާއިން އޮތީ ބަޔާނެއްގައި ބުނެފަ އެވެ.
ޝޮއިގޫރުގެ މި ދަތުރުގައި ދޭދޭ މަޝްވަރާތަކަށް ފަހު ދުނިޔޭގެ މައުލޫތަކަށް ވެސް އަލިއަޅުއްވާލައްވާނެ އެވެ. އޭގެ ތެރޭގައި ދުނިޔެއަށް ކަންބޮޑުވެފައި ހުރި ވާހަކަތައް ވެސް ހިމެނެ އެވެ.
ރަޝިއާގެ ދިފާއީ ވަޒީރުގެ މަގާމުވެސް މީގެ ކުރިން އަދާކުރެއްވި ޝޮއިގޫރު މި ދަނޑިވަޅުގައި އީރާނަށް ވަޑައިގަތުން ދުނިޔެ މާނަކުރަނީ މުޅިން އެހެން ގޮތަކަށެވެ.
އީރާން އާއި އިޒުރޭލާ ދެމެދު ހަމަ ދެންމެ ދެންމެ ހަނގުރާމައެއް ފެށިދާނެ ކަމަށް ބެލެވިފައި އޮއްވައި ރަޝިއާގެ ސަލާމަތާ ބެހޭ ވެރިއަކުން އީރާނަށް ވަޑައިގަތުމުން ހީވަނީ އިޒުރޭލާ ދެކޮޅަށް ރަޝިއާވެސް ބައިވެރިވީ ކަމަށެވެ.
އިޒުރޭލަށް ހަމަލާދިނުމަށް ބޭނުންވާ އަސްކަރީ އާލާތްތައް އީރާނަށް ސަޕްލައިކުރަނީ ރަޝިއާއިން ކަމަށް ވެސް ބުނެވެ އެވެ. އަދި އުތުރު ކޮރެއާގައި އުފައްދާ މިސައިލާއި ބޮން ރަޝިއާ މަގުން އީރާނަށް ފޮނުވާ ކަމަށް ވެސް ބުނެވެ އެވެ.
ޝޮއިގޫރޫ އީރާނަށް ވަޑައިގެން ކުރައްވާ މަޝްވަރާތަކުގައި، އިޒުރޭލުގެ ކިބައިން ރައްކާތެރިވުމަށް ބޭނުންވާ މިސައިލް ޑިފެންސް ސިސްޓަމްތަކާއި ރާޑަރުތައް އީރާނަށް ސަޕްލައިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވަފާނެ ކަމަށް އެމެރިކާ ގަބޫލުކުރެ އެވެ.
ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާށް ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުން ޝޮއިގޫރުގެ ދަތުރުގައި ހަތިޔާރާ ބެހޭ މަޝްވަރާއެއް ނުކުރައްވާނެ އެވެ.
އެކަމަކު މިއަހަރު އޮކްޓޯބަރުގައި ރަޝިއާގެ ކަޒާންގައި އޮންނަ ބްރިކްސް ސަމިޓްގައި، ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އާއި އީރާންގެ ރައީސް މަސްއޫދު ޕަޒެޝްކިއާން ބައްދަލުކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ.