ދުނިޔެ

މެދުއިރުމަތީގައި ތިބި އެމެރިކާގެ އާމީ ކޮމާންޑަރުން އިޒުރޭލަށް

މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި މިހާރު ވެސް ތިބި އެމެރިކާގެ އާމީ ކޮމާންޑަރުން ވަގުތީ ގޮތުން އިޒުރޭލަށް ބަދަލުވަނީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބޭނުމަކީ އީރާނުން އިޒުރޭލަށް ހަމަލާދީފިނަމަ އިޒުރޭލުން ދޭ ހަމަލާތައް ރާވައި ހިންގުމެވެ.

އެމެރިކާގެ ނޫސްތައް ބުނާ ގޮތުން އެ ގައުމުގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް)ގެ ވެރިޔާ ޖެނެރަލް އެރިކް ކުރިއްލާ ވެސް އިޒުރޭލަށް ވަޑައިގަންނަވާނެ އެވެ. އަދި އަސްކަރިއްޔާއާ ގުޅިގެން ރައްދު ހަމަލާތައް ރާވައި ދިފާއުވާނެ ގޮތް ކިޔައިދެއްވާނެ އެވެ.

އީރާންގެ ކިބައިން އަތުވެދާނެ ހަމަލާއަކަށް މުޅި އިޒުރޭލު އޮތީ ވަރަށް ބޮޑަށް ހުޝިޔާރުގަ އެވެ.

ޒަޔަނިސްޓުން ބުނާ ގޮތުން އީރާނުން ކޮންމެ ފަދަ ހަމަލާއެއް ދިން ނަމަވެސް އެއަށް ވުރެ ވަރުގަދަ ހަމަލާތަކެއް އީރާނަށް ދޭނެ އެވެ.

އީރާންއާ އިޒުރޭލާ ދެމެދު މިއިން ދުވަހަކުވެސް ނުތަނަވަސްކަން އުފެދައިފައި ނުވާ ވަރަށް މިހާރު ވަނީ މަސްރަހް ޚަރާބުވެފަ އެވެ.

ސީރީއާގެ ވެރިރަށް ދިމިޝްގްގައި ހުންނަ އީރާންގެ ޑިޕްލޮމެޓިކް ވަފުދަށް އިޒުރޭލުން ހަމަލާދީ ހަތް މީހަކު މަރާލުމާ ގުޅިގެން، ބަދަލުހިފުމުގެ ރޫހު އީރާންގެ ކިބާގައި އޮތީ ވަރަށް ބޮޑަށް އުފެދިފަ އެވެ.

ދުނިޔެއަށް މިހާރު އޮތް ސުވާލަކީ އީރާނުން އިޒުރޭލަށް ހަމަލާދީފިނަމަ، އީރާނަށް ވެދާނެ ގޮތެކެވެ.

އިޒުރޭލަކީ ދުނިޔޭގައި ނެތްވަރުގެ ބާރުގަދަ އަސްކަރިއްޔާއެއް އޮތް ބައެކެވެ. އަރަބިންގެ ބިންތައް ފޭރިގަނެ، ކަނޑި ބަޑިން ހިނގާ ގާނޫނުތަކުގެ ނިވަލުގައި ޒަޔަނިސްޓުން ގެންދަނީ މުޅި މެދުއިރުމަތި ހަރާބުކުރަމުންނެވެ.

އަނެއްކޮޅުން އެމެރިކާއާއި އިނގިރޭސިވިލާތް އެ އޮތީ ޒަޔަނިސްޓުންގެ ދިފާއުގައި -- އިޒުރޭލަށް ކޮންމެ ބަޔަކު ހަމަލާދިން ނަމަވެސް -- އެ ބަޔަކާ ދެކޮޅަށް ހަނގުރާމައަށް ތައްޔާރަށެވެ.

މެދުއިރުމަތީ ގައުމުތަކުގައި -- ގަތަރާއި ކުވޭތު، ޔުނައިޓެޑް އަރަބި އެމިރޭޓްސް އަދި ސައޫދީގައި އަސްކަރީ މަރުކަޒުތައް ހަދައި އެމެރިކާ ސިފައިން ގާއިމުވެ ތިބޭ ތިބުމަކީ ވެސް އިޒުރޭލަށް ލާބައާ މަންފާއަށް އެމެރިކާއިން ކުރާ ކަމެކެވެ. ނަމަވެސް އީރާނަށް ހަމަލާ ދިނުމަށް މިއިން އެއްވެސް ގައުމެއްގައި ހުރި އަސްކަރީ މަރުކަޒުތައް ބޭނުންކޮށްގެން ނުވާނެ ކަމަށް މި ގައުމުތަކުން ވަނީ އެމެރިކާއަށް އަންގާފަ އެވެ.

އީރާނަށް ހަމަލާދިނުމަށް މި ގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރަން ހުއްދަ ދޭނެ ކަމަކަށްވެސް ނުބެލެވެ އެވެ.