ދުނިޔެ

އެމެރިކާގެ މިސައިލް މަނަވަރެއް އިޒުރޭލުގައި ބަނދަރުކޮށްފި

އީރާންއާއި އިޒުރޭލާ ދެމެދު ހިނގާފާނެ ހަމަނުޖެހުމަކަށް މުޅި ދުނިޔެ އިންތިޒާރު ކުރަނިކޮށް އެމެރިކާގެ މިސައިލް މަނަވަރެއް، އިޒުރޭލުގައި ބަނދަރުކޮށްފި އެވެ.

އިޒުރޭލުގެ ޗެނަލް 14 ބުނާ ގޮތުން އެމެރިކާގެ މިސައިލް މަނަވަރަކީ އީރާނުން އިޒުރޭލަށް ދީފާނެ ހަމަލާއަކުން ޒަޔަނިސްޓުން ރައްކާތެރިކުރަން އައި މަނަވަރެކެވެ.

މި މަނަވަރުގައި އެންމެ ޒަމާނީ ހަތިޔާރާއި އަދި މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލުމުގެ ކުޅަދާނަކަން ހުރި ކަމަށްވެސް ޗެނަލް 14 އިން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާނުން ހަމަ ކުއްލިއަކަށް އިޒުރޭލަށް ހަމަލާދީފާނެ އެވެ. އިޒުރޭލަށް ފޯރާވަރުގެ ދުރު ރާސްތާ މިސައިލް އީރާންގައި ހުރި ކަމަށް ހަބަރުތައް ބުނެ އެވެ.

އީރާނަށް ދަތިރުކުރަން އެމެރިކާއާ ބައިވެރިން އަޅާފައި ހުރި އިގުތިސާދީ ފިޔަވަޅުތައް އެ ގޮތުގައި ހުއްޓައި، އީރާނުން ވަނީ އެކި ރާސްތާތަކުގެ މިސައިލާއި އަދި މިސައިލުން ރައްކާތެރިވާ އާލާތްތައް އަމިއްލައަށް އުފައްދާފަ އެވެ.

އީރާނުން ދީފާނެ ހަމަލާއަކަށް މުޅި އިޒުރޭލު ވެސް އޮތީ ތައްޔާރަށެވެ. އިޒުރޭލުގެ އުތުރާއި ދެކުނުގައި މިސައިލުން ރައްކާތެރިވާ ނިޒާމުތައް ގާއިމުކޮށް އަދި އީރާނުން ބޮމެއް އަޅާފާނެ ކަަމަށް ރައްކާތެރި ތަންތަން ވެސް ވަނީ ގާއިމުކޮށްފަ އެވެ.

ސީރިއާގައި ހުންނަ އީރާންގެ އެމްބަސީ އިމާރާތަށް އިޒުރޭލުން ދިން ހަމަލާއަށް ބަދަލުހިފުމަށް އީރާން ތައްޔާރުވަމުން ދާއިރު -- އެމްބަސީތަކަށް ހަމަލާދިނުމަކީ އިޒުރޭލު އެޅި ވަރަށް ޅައެއްޗެއް ކަމަށް އެމެރިކާ އޮތީ ބުނެފަ އެވެ.

އީރާން އެމްބަސީ އިމާރާތަށް ހަމަލާދިނުމުގެ ކުރިން އެމެރިކާއަށް އެކަން ނޭންގުމަކީ ވެސް އިޒުރޭލަށް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް އެމެރިކާ ވަނީ ބުނެފަ އެވެ.

އީރާނުން އިޒުރޭލަށް ހަމަލާދިނުމަކީ މެދުއިރުމަތީގައި ހިނގާނެ ވަރަށް ބޮޑު އަދި ނުރައްކާ ހަނގުރާމައަކަށް ވާނެ އެވެ. އިޒުރޭލަށް ހަމަލާދިނުމަށް ލުބްނާން އާއި ސީރިއާ، އީރާގް އަދި ޔަމަނުގައި ހަނގުރާމަވެރިން ތިބީ ތައްޔާރަށެވެ.

އިޒުރޭލާ ދެކޮޅަށް ހަނގުރާމަވެރި ގުރޫޕްތަކުން އަދި ވަރުގަދަ ހަތިޔާރެއް ބޭނުންނުކުރި ނަމަވެސް، މި ގުރޫޕްތައް -- އީރާންގެ އަމުރަށް އެއްފަހަރާ އިޒުރޭލަށް ހަމަލާދީފި ނަމަ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ އެވެ. އަދި މި ހަމަލާތައް ފުޅާވެ ހަނގުރާމައާ ގުޅުމެއް ނެތް ގައުމުތަކަށް ފެތުރުމަކީ ވެސް އޮތް ބިރެކެވެ. ހަނގުރާމާގައި ސީދާ ބައިވެރިވުމެއް ނެތް ގައުމުތަކަށް ގެއްލުންތަކެއް ލިބުމަކީ ވެސް -- ހަނގުރާމައެއް ފެށިއްޖެ ނަމަ މެދުވެރިވާނެ ހާލަތެކެވެ.