ދުނިޔެ

އިޒުރޭލުގެ މަޅީގައި ނުޖެހި ހިމޭނުން އޮވޭ، އޭރުން ގެއްލުމެއް ނުލިބޭނެ: އީރާން

އީރާންގެ ޝައުގުވެރިކަމަށް ހުރަސްނާޅައި ހިމޭނުން އޮތުމަށް އެ ގައުމުން އެމެރިިކާއަށް ލިޔުމުން އަންގައި އިންޒާރު ދީފި އެވެ.

އެމެރިކާއަށް އެންމެ ރައްކާތެރި ގޮތަކީވެސް މަންޒަރު ބަލަން އޮތުން ކަމަށް އީރާނުން ބުންޏެވެ.

އިޒުރޭލުގެ މަކަރުވެރިކަމުގައި ނުޖެހި އޮންނަން އެނގިއްޖެނަމަ އެމެރިކާއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން އީރާނުން ދެއެވެ.

އީރާނުން މި މޭރުމުން އެމެރިކާއަށް ރައްދު ދިނީ މެދުއިރުމަތީގައި -- ޚާއްސަކޮށް ސީރިއާ އާއި އީރާގުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާނުދިނުމަށް، އެ ގައުމުގެ ކިބައިން އެމެރިކާ އެދުނު އެދުމާ ގުޅިގެންނެވެ.

ސީރިއާގެ ވެރިރަށް ދިމިޝްގްގައި ހުންނަ އީރާންގެ ކޮންސިއުލާ އެމްބަސީއަށް އިޒުރޭލުން ދިން ހަމަލާ އަކީ، އީރާން ގަބޫލުކުރާ ގޮތުގައި އެމެރިކާއަށް އެނގިގެން ދިން ހަަމަލާ އެކެވެ.

އީރާނުން މިފަދަ ތުހުމަތެއް އެމެރިކާއަށް ކުރިއިރު -- އެ ހަމަލާ އަކީ އެމެރިކާގެ އެއްވެސް ޝާމިލުވުމެއް ނެތް ހަމަލާއެއް ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

އީރާން އެމްބަސީއަށް އިޒުރޭލުން ހަމަލާ ދިނީ އެމެރިކާއަށް އެއްގޮތަކަށްވެސް އެނގުމެއް ނެތި ކަމަށް އެމެރިކާ ބުނެ އެވެ.

އިޒުރޭލުގެ ކިބައިން ބަދަލުހިފުމަށް އީރާން ކުރާ އެއްވެސް ކަމެއްގެ ތެރެއަށް އެމެރިކާ ނުވަންނަހާ ހިނދަކު އެމެރިކާއަށް އެ އޮވެވެނީ ރައްކާތެރިކަމުގައި ކަމަށް -- ސިޔާސީ ގޮތުން އީރާންގެ ރައީސަށް ލަފާއަރުވާ މުޝީރު، މުހައްމަދު ޖަމްޝީދީ ވިދާޅުވި އެވެ.

އީރާންގެ ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލާހިޔާން ވިދާޅުވި ގޮތުގައި އެމްބަސީގެ އިމާރާތަކަށް ދިން ހަމަލާއަށް އެމެރިކާއިން ޖަވާބުދޭން ޖެހޭނެ އެވެ.

އިޒުރޭލަށް އެންމެ ބޮޑަށް ވާގިވެރިވެ ހިތްވަރުދޭ ގައުމަކީ އެމެރިކާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެމެރިކާއަށް އޮތީ އިޒުރޭލު މައިތިރިކުރުން ނުވަތަ ބަދަލުހިފުމާ ކުރިމަތިލުން ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުން ބަދަލުހިފުމުގެ ހަމަލާތައް އިޒުރޭލުން ތަޖުރިބާކުރާނެ އެވެ. އީރާންގެ ހަމަލާތައް އަމާޒުކުރާނީ ނާޒުކު ދަނޑިވަޅުގައި ނާޒުކު އަމާޒުތަކަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.