އެމެރިކާއާ އީރާނުން އޮސްޓްރީއާގެ ވިއެނާގައި ދެ ގައުމުގެ މަޝްވަރާތައް ކުރިއަށް އެބަ ގެންދެ އެވެ. އަމާޒަކީ 2015 ގައި ދެ ގައުމުން އަމަލު ކުރަން ފެށި ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އަށް އަލުން ރުޖޫއަ ވުމެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒައާމަތުގައި މި އެއްބަސްވުން އޮތީ އުވާލާފަ އެވެ.
ޖޭސީޕީއޯއޭ މައިގަނޑު ގޮތެއްގައި ބާރު އަޅަނީ އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށެވެ. ނިއުކްލިއާ މާއްދާތައް މުއްސަނދި ކުރުން ހުއްޓާލައިފި ނަމަ އެމެރިކާއިން އިރާނަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތައް އުވާލައި އީރާންގެ ތަރައްގީއަށް އެމެރިކާ އެހީތެރިވުމަކީ ވެސް ޑީލުގެ ބައެކެވެ.
ރައީސް ޖޯ ބައިޑަން އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގަތީއްސުރެ އިޒްރޭލަށް އޮތް ބިރުވެރި ކަމަކީ މި އެއްބަސްވުމަށް އަލުން އަަމަލު ކުރަން އެމެރިކާއިން ފަށާނެ ކަމަށް ބުނެފައި އޮތް އޮތުމެވެ. ޖޭސީޕީއޯއޭއަށް ރުޖޫއަވުމަކީ ވެސް ބައިޑަންގެ ރިޔާސީ ވައުދުފުޅެކެވެ.
އެމެރިކާއަކަށް އީރާނަށް އިތުބާރެއް ނުކުރެވެ އެވެ. އީރާން މިހާރު އޮތް ފެންވަރުގައި ޖޭސީޕީއޯއޭ އާ ނުލައި ވެސް ނިއުކްލިއާ ބާރަކަށް ވެދާނެ އެވެ. މިއީ އެމެރިކާއަށް ކެތްކުރެވޭ ވަރުގެ ކަމަކަށް ނުވާނެ އެވެ. އަނެއްކޮޅުން މި އެއްބަސްވުމަށް އަމަލު ކުރަން ފެށި ނަމަވެސް އީރާނުން ނިއުކްލިއާ އުފައްދާނެ އެވެ. މި އެއްބަސްވުމުގެ ސަބަބުން ނިއުކްލިއާ މަސައްކަތްތައް މަޑުޖައްސާލަން ޖެހުނު ނަމަވެސް ސައްހަ ގޮތުގައި ނިއުކްލިއާ ބޭނުން ކުރަން އީރާނަށް ފުރުސަތު ފަހިވާނެ އެވެ.
އިޒްރޭލުން ބިރުގަންނަނީ އީރާނުން އެއްވެސް ޒަމާނެއްގައި ނިއުކްލިއާ ހަތިޔާރު އުފައްދަފާނެތީ އެވެ. އަދި ފާޅުގައި އިޒްރޭލު ނައްތާލާނެ ކަމަށް އީރާނުން ބުނުމަކީ ވެސް އިޒްރޭލަށް ވަރަށް ބޮޑު ބިރުވެރި ކަމެކެވެ.
އިޒްރޭލްގެ ބޮޑު ވަޒީެރު ނަތަންޔާހޫ ވިދާޅުވީ އިޒްރޭލު ނައްތާލާނެ ކަމަށް ތާއަބަދު ބުނާ ބަޔަކު ނިއުކްލިއާ ހަތިޔާރު އުފައްދަން ދޫކޮށްލައިގެން ތިބެން އިޒްރޭލަށް ކެތް ނުވާނެ ކަމަށެވެ.
އިޒްރޭލަށް މިހާރު ވަޑައިގެން އުޅުއްވާ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ ސަލާމް ކުރައްވަމުން ވެސް ނަތަންޔާހޫއަށް އާދޭސް ދެންނެވުނީ މި އެއްބަސްވުމަށް އިޝާރާތް ކުރައްވަ އެވެ. ނަތަންޔާހޫ އެދިވަޑައިގަތީ އީރާނާއެކު އެމެރިކާއިން ޑީލެއް ނުހެއްދެވުމަށާއި ޖޭސީޕީއޯއޭ އޮޔާ ދޫކޮށްލެއްވުމަށެވެ.