ދުނިޔެ

އީރާންގައި އާ ނިއުކްލިއާ ޕަވާ ޕްލާންޓެއް ބިނާކުރަނީ

އީރާންގައި އިތުރު ނިއުކްލިއާ ޕަވާ ޕްލާންޓެއް ބިނާކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެ ގައުމުގެ ނިއުކްލިއާ ހަކަތަ އާއި ބެހޭ އިދާރާއިން ބުނެފި އެވެ.

އީރާންގެ އެޓޮމިކް އެނާޖީ އޮގަނައިޒޭޝަންގެ ވެރިޔާ މުހައްމަދު އިސްލާމީ ވިދާޅުވި ގޮތުން ނިއުކްލިއާ ޕަވާ ޕްލާންޓްތައް އިތުރުކުރަން ޖެހެނީ -- ނިއުކްލިއާ ހަކަތައަށް ބަރޯސާކުރުން އިތުރުކޮށް 20،000 މެގަވޮޓަށް ހަކަތަ އިތުރު ކުރުމަށެވެ.

މުހައްމަދު އިސްލާމީ ވިދާޅުވި ގޮތުން ނިއުކްލިއާ ހަކަތަ އިތުރުކުރުމަށް ސަރުކާރުން ވެސް އޮތީ އޮޕަރޭޝަންތައް ރާވާފަ އެވެ.

ނިއުކްލިއާ ޕަވާ ޕްލާންޓްތައް އިތުރު ކުރުމަކީވެސް ސަރުކާރުގެ އެޖެންޑާގެ ތެރެއިން ހިންގާ ޕްރޮގްރާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު އިސްލާމީ ވިދާޅުވީ އީރާންގެ ސިރިކް ސިޓީގައި ބިނާކުރާ އިރާން ހޮރްމޫޒް ނިއުކްލިއާ ޕަވާޕްލާންޓުން 5،000 މެގަވޮޓް އުފައްދާނެ ކަމަށެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އީރާންގެ ރައީސް އިބްރާހީމް ރައީސީ ހުއްދަ ދެއްވާފައި އޮތް ކަަމަށްވެސް ވިދާޅުވި އެވެ.

އީރާންގައި މިހާރުވެސް ނިއުކްލިއާ ހަކަތަ -- މަދަނީ ބޭނުންތަކަށް ބޭނުން ކުރެ އެވެ. އެއީ ސެޕްޓެމްބަރު 2011 ގައި ހުޅުވި ނިއުކްލިއާ ޕަވާ ޕްލާންޓަކުންނެވެ.

ރަޝިއާއާއި އިރާން ގުޅިގެން ހިންގާ ޕްރޮގްރާމެއް ގޮތުގައި އީރާންގައި މިހާރުވެސް ނިއުކްލިއާ ޕަވާ ޕްލާންޓެއް ބިނާކުރުމުގެ މަސައްކަތްތައް ކުރިއަށް އެބަދެ އެވެ. މި ޕްލާންޓްގެ ބޮޑުބައި ބިނާކޮށްދެނީ ރަޝިއާގެ ހިލޭ އެހީގެ ގޮތުގަ އެވެ.

އީރާންގައި ނިއުކްލިއާ ޕަވާ ޕްލާންޓްތައް އިތުރު ކުރުމަކީ އެމެރިކާ އާއި އިޒުރޭލަށް ވަރަށް ބޮޑު ކަމަކަށް އޮތީ ވެފަ އެވެ. އީރާންގައި ނިއުކްލިއާއާއި ބެހޭ އެއްވެސް ކަމެއް ކުރުމަކީ އެމެރިކާއަށް މަޑުން އޮވެވޭ ވަރުގެ ކަމަކަށް ނުވެ އެވެ.

އެމެރިކާ ބުނާ ގޮތުން މަދަނީ ބޭނުންތަކަށް ކަމަށް ބުނެ އީރާނުން ނިއުކްލިއާ ޕަވާ ޕްލާންޓްތައް އުފައްދަން ކުރާ މަސައްކަތްތަކުގެ އަޑީގައި ފޮރުވިފައި އޮތީ ނިއުކްލިއާ ބޮމެއް އުފައްދަން ކުރާ މަސައްކަތްތަކެކެވެ.

އީރާނުން ނިއުކްލިއާ ބޮމެއް އުފައްދަނީ އިޒުރޭލު ނައްތާލަން ކަމަށްވެސް އެމެރިކާ އަދި އިޒުރޭލުންވެސް ތުހުމަތުކުރެ އެވެ.

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްތަކަކީ އިޒުރޭލު ދެމިއޮތުމަށް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ޔަހޫދީން ބުނެ އެވެ. ޔަހޫދީ ޒަޔަނިސްޓުންގެ ވިސްނުމަކީ އީރާންގައި ހުރި ނިއުކްލިއާ ލެބޯޓަރީތަކަށް ބޮންއަޅައި އަންދާލުމެވެ.

އިޒުރޭލުން އަދި އެމެރިކާއިން އީރާންގެ ފަސްގަނޑަށް ޒައްރެއްގެ މިންވަރު ވައްޓާލި ނަމަވެސް ހަނދާން ނުނެތޭވަރު ކުރާނެ ކަމަށް އީރާނުން އޮތީ ބުނެ އިންޒާރު ދީފަ އެވެ.