އީރާނަށް އެއްވެސް މާނައެއްގައި މިވަގުތު ޖާސޫސް ނުކުރަން އެމެރިކާއިން ޓެލްއަވީވް އަށް އަންގައިފި އެވެ. އެމެރިކާއިން ބުނީ ވިއެނާގައި މިހާރު ކުރިއަށްދާ ނިއުކްލިއާ މަޝްވަރާތައް ކޮޅެއްގައި ނުޖެހެނީސް އީރާން ރުޅިއެރުވުން ބުއްދިވެރި ނޫން ކަމަށެވެ.
އިޒްރޭލުގެ އިންޓެލިޖެންސުން އީރާނަށް ފާރަ ނުލުމަށް އަރުމުކޮށް އެމެރިކާއިން އިޒްރޭލުގެ ވެރިންނަށް އަންގާފައި މިވަނީ، އީރާނަށް ހަމަލަދޭން ޖެހިއްޖެ ނަމަ ތައްޔާރުވުމަށް އިޒްރޭލުން ބަޖެޓް ކަނޑައަޅައި މަސައްކަތް ފަށާފައި ވަނިކޮށެވެ.
ދުނިޔޭގެ ބާރުތައް ވިއެނާގައި އީރާންގެ ނިއުކްލިއާ މަޝްރޫއާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން ގެންދަނީ އީރާނުން ނިއުކްލިއާ މާއްދާތައް މުއްސަނދި ކުރުން ހުއްޓަލާތޯ އެވެ. އެހެން ނަމަވެސް އީރާނުން ބުނަނީ އެ ގައުމަށް ފައިދާއެއް ނެތް ގޮތުގައި ކުރެވޭނެ މަޝްވަރާއެއް ނެތް ކަމަށެވެ.
އެމެރިކާއިން އީރާނަށް ރަނގަޅު ގޮތެއް ހަދައި ދިނުމަކީ އިޒްރޭލު އެދޭ ގޮތެއް ނޫނެނެވެ. ނިއުކްލިއާ މަޝްވަރާތަކުން ވެސް އީރާނަށް ފައިދާއެއް ކޮށްފާނެ ކަމަށް އިޒްރޭލު އޮތީ ހުމާ އެވެ.
އީރާނަށް ފާރަނުލުމަށް އެމެރިކާއިން އިޒްރޭލަށް އެންގި ސަބަަބަކީ މަޝްވަރާތައް ކޮޅެއްގައި ނުޖެހެނީސް އީރާން މަޝްވަރާތައް ދޫކޮށް ހިނގައިދާނެ ކަމަށްޓަކަ އެވެ.
ނިއުކްލިއާ މަޝްވަރާތައް އަލުން ފަށައިގެން ފުރަތަމަ ފިޔަވަހީގައި ގޮތެއް ނުނިއްމި މިހާރު އޮތީ މެދުކަނޑާލާފަ އެވެ. ގައުމުތަކުން ބުނާ ގޮތުން އީރާނުން ކަނޑައަޅާފައި ހުރި ޝަރުތުތަކަށް ޖަވާބެއް ދިނުމުގެ ކުރިން އެގައުމެއްގެ ވެރިންނާ ވާހަކަދައްކަން ޖެހުނީ އެވެ.
އީރާނުން ބުނެފައި އޮތީ ނިއުކްލިއާ މަޝްވަރާތައް ކާމިޔާބުކުރަން ހުޅަނގުން އެދޭ ނަމަ ޝަރުތު ކަނޑައެޅުމަށް ވުރެ އީރާނުން ކަނޑައަޅާ ޝަރުތުތަކަށް ރުހެވޭތޯ ބެލުން ބުއްދިވެރި ކަމަށެވެ.