އީރާނުން ނިއުކްލިއާ ބޮން އުފައްދަން ކުރާ މަސައްކަތްތައް ހުއްޓާނުލައިފި ނަމަ ދެން ހަދާނެ ގޮތެއް އެނގޭނީ އިޒްރޭލުގެ އަސްކަރިއްޔާއަށް ކަމަށް އިޒްރޭލުން އޮތީ ބުނެފަ އެވެ. އިޒްރޭލުން ބުނީ ދުނިޔެ ކިތަންމެ ވަރަކަށް ދެކޮޅުހެދި ނަމަވެސް އެހެން އެއްވެސް ބައެއްގެ އެހީތެރިކަމާ ނުލައި އީރާނަށް ހަމަލާދޭނެ ކަމަށެވެ.
އިޒްރޭލުން ތަކުރާރުކޮށް އީރާނަށް ދެމުންގެންދާ އިންޒާރުތަކާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހަށް އީރާނުން ވަނީ ސިޓީއެއް ފޮނުވާފަ އެވެ. އީރާނުން ބުނީ އިޒްރޭލު ދެބަނިދީގައި އެދައްކާ ވާހަކަތަކުން ދޭހަކޮށްދެނީ އީރާނަށް ހަމަލާދިނުމަށް ޝައުގުވެރިވާ މިންވަރު ކަމަށާއި އދ. ގެ ނަސޭހަތަކަށް އެދޭ ކަމަށެވެ.
އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މާޖިދު ތަޚަތު ރަވާންޗީ ވިދާޅުވީ އިޒްރޭލުން ހިސާބުތައް ދިމާކުރުމުގައި ވަރަށް ބޮޑަށް ސަމާލުވާން ވާނެ އެވެ. އެނޫން ގޮތެއް ޖަހާ ހިސާބަކުން އަމިއްލަ ގައުމު ވެސް އަނދާ އަޅިއަށް ވެގެން ހިނގައިދާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.
މާޖިދު ވިދާޅުވި ގޮތުގައި އެމެރިކާ އާއެކު ސުލްހައިގެ ވާހަކަތައް ފެށީއްސުރެ އިޒްރޭލު އުޅެނީ މޮޔަވެގެންނެވެ. އީރާނަށް އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އުވާލުމަކީ އިޒްރޭލަށް ކެތްކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މިފަހަކަށް އައިސް އިޒްރޭލުގެ ޖެއްސުން ވަރަށް ބޮޑުވެއްޖެ ކަމަށާއި އދ. އިން މިކަމަށް ސަމާލުވާން އެދިވަޑައިގަންނަވާ ކަމަށެވެ.
އެމެރިކާއާ ބައިވެރިންނާއެކު ވިއެނާގައި ކުރިއަށްދިއަ އެކަމަކު މިހާރު ހުއްޓިފައި އޮތް ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) މަޝްވަރާތައް އަންނަ ހަފުތާގައި އަލުން ފަށާނެ ކަމަށް އީރާނުން އޮތީ ބުނެފަ އެވެ. އިޒްރޭލުން އެދެނީ މަޝްވަރާކުރުމުގެ ބަދަލުގައި އީރާނަށް ހިރިނުލެވޭ ވަރަށް ދަތިކޮށްފައި ބޭއްވުމެވެ.
އީރާނުން ބުނީ އިޒްރޭލުން އަސްކަރީ ހަމަލާއެއްދީފި ނަމަ ގެއްލުން ލިބޭނީ ހަމައެކަނި އީރާނަށް ނޫން ކަމަށެވެ. މުޅި ސަރަހައްދަށް ކަމަށެވެ. އީރާނަށް ހަމަލަދީފި ނަމަ މެދުއިރުމަތި އަނދައިގެން ދާނެ ކަމަށް އިރާނުން ތަކުރާރުކޮށް ބުނެ އެވެ.
އީރާނުންގެ މިބުނުން މާނަކުރެވެނީ އީރާންގެ ދިފާއުގައި ނުކުންނަ ޕްރޮކްސީ ގްރޫޕްތަކުން އިޒްރޭލަށް ހަމަލާދޭނެ ކަމެވެ. ހަމާސްއާ ހިޒްބުﷲ ވެސް އީރާންގެ ފަހަތުން އިޒްރޭލަށް ހަމަލާދޭނެ ކަމެވެ. ސީރިއާއިން ވެސް އިޒްރޭލަށް ނުރައްކާކުރާނެ ކަމަށެވެ.
ފަލަސްތީންގެ ޣާޒާއަށް ހަމަލާދިނުމުން އިޒްރޭލަށް ވާގޮތް މިހާރު އޮންނާނީ ފެނިފަ އެވެ. ފަލަސްތީންގެ އާރެއްބާރެއް ނެތް ބަޔަކަށް ހަމަލާދިނުމުން އިޒްރޭލާ ދިމާއަށް އުދުހިގަންނަ ރޮކެޓްތަކުން އިޒްރޭލަށް މާނައެއް ދޭހަވާ ނަމަ އީރާނަށް ހަމަލާދިނުމުން ދެން ވާނެ ގޮތް ވެސް ކޮންމެވެސް ވަރަކަށް އަންދާޒާކުރެވެން ވާނެ އެވެ.