ދުނިޔެ

ނިއުކްލިއާ މުއްސަނދިކުރުން 60 ޕަސެންޓަށް ވުރެ އިތުރު ނުކުރާނެ: އިރާން

އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ އީރާން ނިއުކްލިއާ މަޝްވަރާތައް އީރާން އެދޭ ގޮތަށް ނުނިމުނު ނަމަވެސް، ނިއުކްލިއާ މާއްދާތައް މުއްސަނދިކުރުން 60 ޕަސެންޓަށް ވުރެ އިތުރު ނުކުރާނެ ކަމަށް އެގައުމުން ބުނެފި އެވެ.

އެޓޮމިކް އޭނާޖީ އޮގަނައިޒޭޝަން އޮފް އިރާންގެ ޑައިރެކްޓަރު މުހައްމަދު އިސްލާމީ ވިދާޅުވި ގޮތުގައި އީރާނުން ނިއުކްލިއާ މާއްދާތައް މުއްސަނދި ކުރަނީ މަދަނީ ބޭނުންތަކަށް ކަމަށާއި އެމަސައްކަތުގައި އަސްކަރީ ސިފަ ނުޖައްސާނެ ކަމަށެވެ.

އީރާނުން ކުރަނީ ސިނާއީ މަސައްކަތްތަކެއް ކަމަށް މުހައްމަދު އިސްލާމީ ވިދާޅުވި އެވެ. އެއީ ހަކަތަ އުފެއްދުން ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުން ނިއުކްލިއާ މާއްދާތައް އުފައްދަނީ ސައިންސްގެ ހޯދުންތަކަށް ބޭނުންވާތީ ކަމަށް އޮފިޝަލަކު ކުރިން ވިދާޅުވި އެވެ. އެއީ ފަހަރެއްގައި ދުރުރާސްތާގެ ޖައްވީ އުޅަނދުފަހަރުގައި ބޭނުން ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އާއި ބައިވެރިން ބުނާ ގޮތުން އީރާނުން މަސައްކަތް ކުރަނީ ނިއުކްލިއާ ބޮމެއް އުފައްދާށެވެ. އެހެންނަމަވެސް ތެހެރާނުން މިކަން ވަރަށް ބޮޑަށް ކުށްވެރި ކުރެ އެވެ. އީރާނުން އަބަދު ވެސް ބުނަމުން ގެންދަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ އެޖެންޑާގައި އޮތް ކަމެއް ނޫން ކަމަށެވެ.

އީރާނުން ނިއުކްލިއާ ބޮމެއް އުފައްދާނެ ކަމަށް ބުނެ އިޒްރޭލުން ތެޅިފޮޅެނީ އެވެ. އިޒްރޭލުގެ އެދުމަކީ ވިއެނާ މަޝްވަރާތައް ހުއްޓާލާފައި އީރާނަށް ހިރިނުލެވޭ ވަރު ކުރުމެވެ.

އިގްތިސޯދީ ގޮތުންނާއި މާލީ ގޮތުން އިރާނަށް ގުޑައިނުލެވޭ ވަރުނުކޮށްފިނަމަ އިޒްރޭލުން އަމިއްލަ އަށް ނަމަވެސް އިރާނާ ދެކޮޅަށް ހަރަކާތްތެރިވާނެ ކަމަށް އޮތި ބުނެފަ އެވެ.