ދުނިޔެ

އެމެރިކާ އޮންނަނީ އިޒުރޭލު ކޮޅަށް މާބޮޑަށް ޖެހިފައި

އެމެރިކާގެ މައްސަލަ އަކީ އިޒުރޭލު ކޮޅަށް މާބޮޑަށް ޖެހުން ކަމަށް އެމެރިކާ މީހުން ބުނާ ކަމަށް ސާވޭއަކުން ދައްކައިފި އެވެ.

ފަލަސްތީނާއި އިޒުރޭލު ސިޔާސަތުގައި އެމެރިކާގެ އާންމުން ދެކޭ ގޮތް ދެކަފިވެފައި އޮތް މިންވަރު ދެނެގަތުމަށް އިޕްސޮސް ޓީމުން ކުރި ސާވޭ ދައްކާ ގޮތުން އާންމުންގެ 38 ޕަސެންޓް މީހުން ބުނަނީ އެމެރިކާ އޮންނަނީ އިޒުރޭލު ކޮޅަށް މާބޮޑަށް ބުރަވެފައި ކަމަށެވެ.

އިޒުރޭލަށް އެކަށީގެންވާ ވަރު އެމެރިކާއަށް ކޮށްދެވޭ ކަމަށް 40 ޕަސެންޓް މީހުން ބުނާ ކަމަށް ދިރާސާއިން ދެއްކި އެވެ. އަދި އެމެރިކާއިން އިޒުރޭލަށް އެކަށީގެންވާ ވަރަށް ސަޕޯޓް ނުދޭ ކަމަށް 20 ޕަސެންޓް މީހުން ގަބޫލުކުރާ ކަމަށްވެސް ސާވޭއިން ދެއްކި އެވެ.

އެމެރިކާގައި މިހާރު އޮތް ޖޯ ބައިޑަންގެ ސަރުކާރަށް ވުރު ޑޮނަލްޑް ޓްރަމްޕް ސަރުކާރު، އެމެރިކާ ރައްޔިތުންނާ މާބޮޑަށް ވެސް ގާތް ކަމަށް ދިރާސާއިން އެނގޭ ކަމަށްވެސް އިޕްސޮސް ޓީމުން ބުނެ އެވެ.

މިއީ އެމެރިކާގައި މި އަހަރު ނޮމެވްބަރުގައި އޮންނަ ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު ރިޔާސީ ކެންޑިޑޭޓުންނަށް ތާއީދު އޮތް މިންވަރު ދެނެގަނެވިދާނެ ސާވޭއެއް ކަމަށްވެސް މި ޓީމުން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ރިޔާސީ އިންތިހާބުގައި މި އަހަރު ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ވާންކަން ގަދަވާނީ މިހާރުގެ ރައީސް ޖޯ ބައިޑަން އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެމެދު އެވެ.

ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕް ކުރިމަތިލެއްވި ނަމަވެސް އޭނާއާ ގުޅުން ހުރި މައްސަލަތަކެއް ކޯޓުގައި ހިނގަމުން ދާތީ ޓްރަމްޕްއާ މެދު ކަން ހިނގައިދާނެ ގޮތް އަދި މުޅިން ސާފެއް ނުވެ އެވެ.

މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި ޓްރަމްޕްގެ މައްސަލަތަކެއް ކޯޓުތަކުގައި ހުރި ނަމަވެސް އެންމެ ފަހު ވަގުތު އޭނާއާ އެއްކޮޅަށް ކޯޓުތައް ލެނބޭނެ އެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިގަންނަވާނެ އެެވެ.

މިއީ އިޒުރޭލުގައިވެސް އެންމެ ފަހުން އޮތް އާންމު އިންތިހާބުގައި ކަން ހިނގައި ދިޔަ ގޮތެވެ. އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޮޑުވަޒީރުގެ މަގާމަށް ވާދަކުރައްވައި ހޮވި ވަޑައިގެންނެވިިއިރު ޝަރުއީ ކޯޓުތަކުގައި އޭނާއާ ގުޅުން ހުރި މައްސަލަތަކެއް ދިޔައީ ހިނގަމުންނެެވެ. ނަމަވެސް ނަތަންޔާހޫ އިންތިހާބަށް ކުރިމަތިލައްވައި ރަސްމީ މަރުހަލާތައް ފުރިހަމަކުރެއްވުމާ އެކު ކޯޓުތަކުން ވަނީ އޭނާއާ ގުޅުން ހުރި މައްސަލަތައް މަޑުޖައްސާލާފަ އެވެ.