ދުނިޔެ

ފަލަސްތީނާ ދެކޮޅަށް ހަނގުރާމަކުރަނީ އެމެރިކާއާއި އިނގިރޭސީން

ފަލަސްތީނާ ދެކޮޅަށް އިޒުރޭލު ލައްވައި ހަނގުރާމަކުރުވުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އެމެރިކާއާއި އިނގިރޭސީންނެވެ.

ޣައްޒާއަށް އިޒުރޭލު ސިފައިން އަރައިގަނެ ހިންގަމުން ގެންދާ ޖަރީމާތައް ކުށްވެރިކުރުމުގައި އެމެރިކާއާއި އިނގިރޭސީންގެ ކިބައިން ފެންނަނީ އިޒުރޭލަށް ވާގިވެރިވާ ތަނެވެ.

އިޒުރޭލަށް ހަތިޔާރު ފޯރުކޮށްދިނުމާ މުޅި ދުނިޔެ ދެކޮޅުހަދަމުން ދާއިރު އެމެރިކާއާ އިނގިރޭސީންނަށް އެކަން ބޮޑު ކަމަކަށް ނުވެ އެވެ. އިޒުރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައި ނުލާނެ ކަމަށް މި ދެ ގައުމުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ކެމެރަން ވިދާޅުވި ގޮތުގައި އިޒުރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލައިފިނަމަ ހަމާސްއިން އިޒުރޭލަށް އަރައިގަންނާނެ އެވެ.

އޭނާ ވިދާޅުވީ އިޒުރޭލަށް އޮތް ހަމައެކަނި އަދާވާތްތެރި އަކީ ހަމާސް ނޫން ކަމަށެވެ. އިޒުރޭލު އަތުގައި އެކަށީގެންވާ ހަތިޔާރު ނެތް ނަމަ، އީރާން ވެސް މިހާރު އެ އޮތް ގޮތަށް މައިތިރިވެގެން ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ކެމަރަން ވިދާޅުވީ އިޒުރޭލުގެ އާބާދީތަކަށް ހަމާސްއިން އަރައިގަތް ގޮތް އޮކްޓޯބަރު ހަތެއްގައި މުޅި ދުނިޔެ ދެކިއްޖެ ކަމަށެވެ. އަދި އީރާނުން އިޒުރޭލުގެ އަސްކަރީ ބިނާތަކަށް ހަމަލާދިނީ އެންމެންގެ ލޯކުރިމަތީގައި ކަމަށްވެސް ވިދާޅުވި އެވެ.

ކެމެރަން ވިދާޅުވި ގޮތުގައި މިފަދަ ނާޒުކު ފައްތަރެއްގައި އިޒުރޭލު އޮއްވައި، އެ މީހުންގެ ސަލާމަތަށާއި ރައްކާތެރިކަމަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލަން ގޮވާ ބަޔަކު އެ ގޮވަނީ ނުބައި ގޮވުމެކެވެ.

ކެމެރަން އަދި ވިދާޅުވީ އދ އާއި އެނޫން ޖަމާއަތްތަކުން ކިތަންމެ ވަރަކަށް -- އިޒުރޭލަށް ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅުހެދި ނަމަވެސް އިނގިރޭސިވިލާތް އޮތީ އެކަން ހުއްޓާލާ ގޮތަކަށް ނޫނެވެ.

އިނގިރޭސިވިލާތުގެ އެދުމަކީ ހުޅަނގުގެ އިއްތިހާދުން ވެސް އިޒުރޭލަށް އެހީތެރިވުން ކަމަށް ކެމެރަން ވިދާޅުވި އެވެ.

އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ދުނިޔޭގެ ޖަމާއަތްތަކުން ނުފޫޒުގަދަ ގައުމުތަކުގެ ކިބައިން އެދިފައިވަނީ އިޒުރޭލަށް ހަތިޔާރު ފޯރުކޮށްދިނުމުގައި ވިސްނުމަށެވެ.

އިޒުރޭލުގެ އަސްކަރިއްޔާއިން ޣައްޒާގައި އަދި މިހާރު ރަފާހްގައި ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓެއް އޮތީ އިޒުރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލައިގެން ކަމަށްވެސް މި ޖަމާއަތްތަކުން ބުނެ އެވެ.