ދުނިޔެ

އިނގިރޭސިވިލާތާއި ފަލަސްތީންގެ ގުޅުން ގޯސްވެއްޖެ

އިޒްރޭލުން ހިފާފައިވާ ފަލަސްތީން ބިންތަކުގައި ހިންގާ ހަނގުރާމައިގެ ޖަރީމާތައް ބަލައި އެކަމުގައި ޝާމިލްވާ މީހުންނަށް ޖިނާއީ ދައުވާ ކުރެވިދާނެ ކަމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ބުނި ބުނުން އިނގިރޭސިވިލާތުން ބަލައި ނުގަންނަ ކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

މިކަމާ ގުޅިގެން އިނގިރޭސިވިލާތުގައި ފަލަސްތީން ރަމްޒްކުރާ ވަފުދުން އިނގިރޭސި ސަރުކާރަށް އިލްތިމާސްކޮށް އައިސީސީއަށް ހުރަސް ނޭޅުމަށް ވަނީ އެދިފަ އެވެ.

ފަލަސްތީންގެ ވަފުދުން ބުނީ އައިސީސީގެ ސައްހަކަން ގެއްލުވާލައި މިނިވަންކަމާ މެދު ސުވާލު އުފެއްދުމުގެ ބަދަލުގައި އެ ކޯޓުން ކުރާ މަސައްކަތްތަކަށް އިހުތިރާމްކޮށް ތައުރީފް ކުރަން ފަލަސްތީންގެ ފޮރިން އެފެއާޒް މިނިސްޓްރީން ގޮވާލާ ކަމަށެވެ.

އިނގިރޭސި ބޮޑުވަޒީރު ވިދާޅުވީ އައިސީސީއަށް އިހުތިރާމް ކުރައްވާ ކަމަށާއި އެކަމަކު އިޒްރޭލަށް ޚާއްސަކޮށް ތަހުގީގު ކުރަން ނިންމި ނިންމުން ބަލައި ނުގަންވާ ކަމަށެވެ.

އިނގިރޭސި ސަރުކާރުގެ ބުނުން ޔޫކޭ-ފަލަސްތީން ވަފުދުން ކުށްވެރިކުރެ އެވެ. އަދި ބުނީ އިނގިރޭސިން އަނެއްކާވެސް ދުނިޔޭގެ ގާނޫނުތައް ބޮލާލާޖަހަން ފަށައިފި ކަމަށެވެ.

"އިނގިރޭސިންނަށް މިހާރު ގާނޫނަށް ވުރެ އިޒްރޭލް މުހިންމު،" ޔޫކޭ-ފަލަސްތީން ވަފުދުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އިޒްރޭލުން އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރި އާއި ގާޒާ އަދި ފަލަސްތީނަށް ނިސްބަތް ކުރެވޭ ބިންތަކުގައި ހިންގާފައިވާ ޖަރީމާތައް ބެލޭނެ ކަމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނިންމުމުން އިޒްރޭލާއި އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ބުނީ އެއީ އިޒްރޭލް ފަދަ މިނިވަން ދައުލަތެއް ދެމި އޮތުމަށް ހުރަސްއަޅާ ޓެރަރިސްޓުންގެ ކިބައިން ދިފާއުުވުމަށް ދޭ ހަމަލާއަކާ މެދު އައިސީސީން ދެކޭ ގޮތް ކަމަށެވެ.

ޔޫކޭ-ފަލަސްތީން ވަފުދުން ބުނީ އިޒްރޭލާއި ފަލަސްތީން ސުލްހަ ކުރުމަށް އިނގިރޭސި ސަރުކާރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށާއި މެދުއިރުމަތީގައި އެންމެ ބޮޑަށް ގޯސް ހަދާ ގައުމަކީ ވެސް އިނގިރޭސިވިލާތް ކަމަށެވެ. އިނގިރޭސިން މެދުވެރިވެގެން ފަލަސްތީނަށް ސުލްހަ ހޯދައިދޭން ޖެހޭ ސަބަބަކީ މިއީ ކަމަށެވެ.