ދުނިޔެ

އައްބާސްއާ ޕެލޯސީ ބައްދަލު ކުރައްވައިފި

އެމެރިކާ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީ ފަލަސްތިންގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރައްވައިފި އެވެ.

އައްބާސް އޮފީހުން ބަޔާނެއް މެދުވެރިކޮށް ބުނި ގޮތުން ދެބޭފުޅުންގެ މަޝްވަރާތަކުގައި ދެ ދައުލަތާ ބެހޭ ގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.

މެދުއިރުމައްޗަށް ސުލްހަ ގެނެވެން އޮތް އެންމެ ކުރު މަގަކީ ދެ ދައުލަތް -- އިޒްރޭލަށް މިނިވަން ދައުލަތެއް އޮންނަ ފަދައިން ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް އޮތުން ކަމަށް ޕެލޯސީއަށް އައްބާސް ދެންނެވި އެވެ.

ޕެލޯސީ ކިބައިން އައްބާސް އެދިވަޑައިގަތީ އިރުމަތީ ގުދުސްގެ އަވަށްތަކުން ފަލަސްތީން އާއިލާތައް ބޭރުކުރަން އިޒްރޭލުން ހިންގާ ޕްރޮގްރާމްތައް ހުއްޓައި ދިނުމަށެވެ.

އެމެރިކާ އާއި ފަލަސްތީނާ ދެމެދު އޮތް ގުޅުން ޑޮނަލްޑް ޓްރަމްގެ ޒައާމަތުގައި އޮތީ ވަރަށް ބަލިކަށިވެފަ އެވެ.

އެހެން ނަމަވެސް ޖޯ ބައިޑަން އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގެން ފަލަސްތީނަށް ހެޔޮ ގޮތް ހަދައި ދެއްވުމަށް މަސައްކަތްތަކެއް ވަނީ ކުރައްވާފަ އެވެ.

ޖޯ ބައިޑަންގެ ޒައާމަތުގައި އެމެރިކާގެ އޮފިޝަލުން ފަލަސްތީނަށް ވަޑައިގަތުން ވަނީ އިތުރުވެފަ އެވެ. އަދި އައްބާސްގެ އަރިހަށް ވަޑައިގެން ސުލްހައާ ބެހޭ ގޮތުން މަޝްވަރާކުރުން ވަނީ އިތުރުވެފަ އެވެ.

ނޭންސީ ޕެލޯސީ މެދުއިރުމައްޗަށް ކުރައްވާ ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގަތީ އިޒްރޭލަށެވެ. އިޒްރޭލު ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވައި ބޮޑުވަޒީރު ނަފްތަލީ ބެނެޓާ ވެސް ޕެލޯސީ ބައްދަލު ކުރެއްވި އެވެ.

އިޒްރޭލުގެ ބޮޑުވަޒީރާ އެކު ކުރެއްވި މަޝްވަރާގައި އެމެރިކާއިން އިޒްރޭލަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމަށް ވިދާޅުވި އެވެ. އަދި މެދުއިރުމަތީގައި އިޒްރޭލަށާއި ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަން ވާނެ ކަމަށް ވިދާޅުވި އެވެ.

ޕެލޯސީ ވިދާޅުވީ އެމެރިކާގެ ވިސްނުމަކީ ދެ ދައުލަތް ކަމަށާއި ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް ކަށަވަރު ކޮށްދިނުމަކީ އެމެރިކާއަށް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ.