ދުނިޔެ

މަހްމޫދު އައްބާސް އާއި ސުލިވަން ބައްދަލު ކުރައްވައިފިި

ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް އާއި އެމެރިކާގެ ސަލާމަތާ ބެހޭ މުޝީރު، ޖޭކް ސުލިވަން ބައްދަލު ކުރައްވައިފި އެވެ. ދެ ބޭފުޅުންގެ ބައްދަލުވުން އޮތީ ހުޅަނގު އައްސޭރީގެ ރާމަﷲ ގައެވެ.

ދެ ބޭފުޅުންގެ ބައްދަލުވުމަށް އޮތް މައުލޫއަކީ ފަލަސްތީނާއި އިޒްރޭލެވެ. ފަލަސްތީންގެ ނޫސް އެޖޭންސީން ބުނާ ގޮތުގައި ފަލަސްތީން ބިންތައް އިޒްރޭލުން ހިސޯރުކޮށް ގެދޮރު އެޅުން ހުއްޓުވައި ދެއްވުމަށް އައްބާސް އެދިވަޑައި ގެންނެވި އެވެ.

އަދި އަގްސޯ މިސްކިތަށް ޔަހޫދީން ގެއްލުން ދިނުމާއި ގުދުސްގައި ޔަހޫދީ އާބާދީތައް ހުއްޓުވައި ދިނުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

އައްބާސް ވިދާޅުވި ގޮތުން ދެ ދައުލަތް މިނިވަންކަމުގައި އޮތުމަށް ވުރެ ހެޔޮ ގޮތެއް މެދު އިރުމައްޗަކަށް ނެތެވެ. ގައުމުތަކާއެކު ގުޅުން ބަދަހިކޮށް އެކުގައި އުޅެން ފަލަސްތީން ބޭނުންވި ނަމަވެސް އޮތީ މިނިވަންކަން ގެއްލިފައި ކަމަށް ވެސް ވިދާޅުވި އެވެ.

ސުލިވާން ވިދާޅުވި ކަމަށް ނޫސް އޭޖެންސީން ބުނީ ފަލަސްތީނާ އިޒްރޭލަށް މިނިވަން ކަމުގައި އުޅެވުމަކީ އެމެރިކާގެ އުންމީދެއް ކަމަށާއި އެމެރިކާ ތާއީދު ކުރަނީ ދެ ދައުލަތަށް ކަމަށެވެ.

އައްބާސްއާ ބައްދަލު ކުރެއްވުމުގެ ކުރިން ސުލިވާން ވަނީ އިޒްރޭލުގެ ވެރިންނާ ބައްދަލު ކުރައްވާފަ އެވެ. އެމެރިކާ ރައީސްގެ ޚާއްސަ މަންދޫބެއް ގޮތުގައި މެދުއިރުމައްޗަށް ޖޭކް ސުލިވާން ކުރައްވާ ދަތުރުގައި ބޭނުންފުޅަކީ މަޝްރަހު މިހާރު އޮތްގޮތް ވަޒަން ކުރެއްވުމެވެ.