އިޒްރޭލުގެ ދިފާއީ ވަޒީރު ރާމަﷲ އަށް ވަޑައިގެން ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލު ކުރައްވައިފި އެވެ. މިއީ އިޒްރޭލުގައި އާ ސަރުކާރެއް އެކުލަވާލި ފަހުން އެ ގައުމުގެ އިސް ވަޒިރަކު ފަލަސްތީންގައި އައްބާސްއާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
މި ބައްދަލުވުމާ ބެހޭ ގޮތުން ބުނެވެނީ އެމެރިކާއިން ބާރު އެޅުމުގެ ސަބަބުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓް ފާއިތުވި ހަފުތާގައި އެމެރިކާއަށް ވަޑައިންގެ ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލު ކުރެއްވި އެވެ.
ފަލަސްތީނުގެ އޮފިޝަލަކު އަރަބް ނިއުސްއަށް ވިދާޅުވި ގޮތުން ކަންބޮޑުވުންތަކާ ބެހޭ ގޮތުން އައްބާސް ވާހަކަފުޅު ދެއްކެވި އެވެ. ފަލަސްތީންގެ ސެކިއުރިޓީ ފަލަސްތީނަށް ދޫކޮށްލުމަށާއި ޣާޒާ އެއާޕޯޓް ހުޅުވައި އަވަށްތަކުގައި ދިއިރުޅޭ އާއިލާތަކުގެ މެމްބަރުންނަށް ބައްދަލު ކުރެވޭނެ ގޮތް ހަދައިދިނުމަށްއ އައްބާސް އެދިވަޑައިގެންނެވި އެވެ.
ހަނާން އަޝްރާވިއާ ހަވާލާދީ އަރަބް ނިއުސްއިން ބުނީ ދެ ބޭފުޅުންގެ ބައްދަލު ކުރެއްވުމަކީ ސިޔާސި ގޮތުން ކުރެވުނު މުއާމަލާތެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، ފަލަސްތީނަށް އިގުތިސޯދީ ގޮތުން އެހީތެރިވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
ފަލަސްތީން ނޭޝަނަލް އެންޑް ސެންޓްރަލް ކައުންސިލްގެ މެމްބަރު، ނަޖީބް ގަދޫމީ ވިދާޅުވީ ބައްދަލުވުމުގެ ސަބަބުން މާބޮޑު ބަދަލުތަކެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ. އިޒްރޭލުން މިހާރު އެ ކުރާ ކަމަކީ އެމެރިކާގެ ބުނުމަށް ކުރާ ކަމަށް ވާތީ އެއީ އިޒްރޭލުގެ ޝައުގުވެރި ކަމުން ބޭރުގައި ހިނގާ ކަމެކެވެ.
އިޒްރޭލުން 150 މިލިއަން ޑޮލަރު ފަލަސްތީނަށް އަނބުރާ ދައްކާ ގޮތަށް، ދޭނެ ކަމަށް ބެނީ ގަންޒް ވިދާޅުވި އެވެ. އެއީ ފަަލަސްތީނަށް ކުރިމަތިވެފައި ހުރި ދަތިތަކަށް ވަގުތީ ހައްލެއް ކަމަށް ވިދާޅުވި އެވެ.
އިޒްރޭލުން ދޭން ބުނި އެހީއަކީ މަޝްރަހު ދިރާސާ ކުރާ މީހުން ދެކޭ ގޮތުން ފަލަސްތީނަށް ލިބެން ޖެހޭ ފައިސާ އެވެ. އެއީ އިޒްރޭލުގެ ރަނގަޅުކަމުން ދޭއެހީއެއް ނޫނެވެ.
ފަލަސްތީންގެ 180 މިލިއަން ޑޮލަރު އިޒްރޭލުން މިހާރު ވެސް ހިފަހައްޓާފައި އެބަ ހުއްޓެވެ. އެއީ 2000 ވަނަ އަހަރުގެ ޓެކްސް ފައިސާއިން ފަލަސްތީނަށް ލިބެންޖެހޭ ފައިސާ ކަމަށް ވެއެވެ.