ދުނިޔެ

ގުދުސްގައި އެމެރިކާ ކޮންސުލޭޓް ހުޅުވަން އިޒްރޭލު ދެކޮޅު

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އިރުމަތީ ގުދުސްގައި ކޮންސުލޭޓް އަލުން ހުޅުވަން ނިންމި ނިންމުމާ ދެކޮޅު ކަމަށް އިޒްރޭލުން ބުނެފި އެވެ. އިރުމަތީ ގުދުސްގައި އެމެރިކާގެ ކޮންސިއުލޭޓެއް ކުރިން ވެސް ހުރެ އެވެ. އެހެން ނަމަވެސް ގުދުސްއަކީ އިޒްރޭލުގެ ވެރިރަށް ކަމަށް 2018 ގައި ޑޮނަލްޑް ޓްރަމްޕް ކަނޑައަޅުއްވައި ކޮންސިއުލޭޓް ބަންދު ކުރީ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން މެދުއިރުމަތީ ގައުމުތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސްއާ މަޝްވަރާ ކުރެއްވުމަށް ފަހު ރިޕޯޓަރުންނަށް ވިދާޅުވީ ގުދުސްގައި އެމެރިކާގެ ކޮންސިއުލޭޓެއް ހުންނަން ޖެހޭ ކަމަށާއި ބޭނުމަކީ ފަލަސްތީނަށް އެހީތެރި ވުމުގައި އިދާރާއެއް މެދުވެރި ކުރެއްވުން ކަމަށެވެ.

އިޒްރޭލުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ގިލާދު އަރުދާން މިކަމާ ގުޅޭ ގޮތުން އިޒްރޭލް ޕަބްލިކް ބްރޯޑްކާސްޓިން ކޯޕޮރޭޝަނަށް ވިދާޅުވީ އެމެރިކާގެ ވިސްނުން ރަނގަޅު ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ގުދުސްއަކީ އިޒްރޭލުގެ ބިމެކެވެ. އިޒްރޭލުގެ ބިމެއްގައި ފަލަސްތީނަށް އެހީވާން އޮފީހެއް ނުހުޅުވޭނެ އެވެ.

އެމެރިކާގެ ކޮންސުލޭޓެއް އިރުމަތީ ގުދުސްގައި ހުޅުވުމާ ބެހޭ ގޮތުން އެންތަނީ ބްލިންކެންއާ ބެންޖަމިން ނަތަންޔާހޫ މަޝްވަރާ ކުރެއްވި ކަމަށް ވެސް މެދުއިރުމަތީ ނޫސްތަކުން ބުނެ އެވެ. މިކަމުގައި ނަތަންޔާހޫގެ ނުރުހުން އޮތް ނަމަވެސް އެމެރިކާއިން ކޮންސިއުލޭޓް ހުޅުވާނެ ކަމަށް ބެލެވެ އެވެ.