ދުނިޔެ

ފަލަސްތީން އިހާނެތި ކޮށްފައި އިޒްރޭލާ ގުޅުން ބަދަހި ނުކުރާނެ: ތުރުކީ

އިޒްރޭލާ އެކު ސިޔާސީ ގޮތުން ގާތް ގުޅުމެއް އޮތުމަކީ ފަލަސްތީން އިހާނެތި ކުރުން ނޫން ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް މިވަގުތު ވަޑައިގެން އުޅުއްވަނީ ތުރުކީގަ އެވެ.

އުރުދުޣާންއާ އެކު އޮތް މަޝްވަރާ ބައްދަލުވުމެއްގައި ޔަހޫދީންގެ ހަމަލާތަކުން ފަލަސްތީންގެ އާއިލާތަކަށް ލިބެމުންދާ އަނިޔާތަކާއި ގެއްލުންތަކާ ބެހޭ ގޮތުން ދެ ލީޑަރުން މަޝްވަރާ ކުރެއްވި އެވެ.

އިޒްރޭލާ އެކު ސިޔާސީ ގޮތުން ގުޅުން ބަދަހިކުރުމުން ފަލަސްތީންއާ ގުޅުން ހުރި މައްސަލަ ތަކުގައި އިޒްރޭލާ މަޝްވަރާކުރަން ފަސޭހަވާނެ ކަމަށް އުރުދުޣާން، އައްބާސްއަށް ދެންނެވި އެވެ.

ތުރުކީ އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކު ކަމަށްވެސް އެ މަނިކުފާން ވިދާޅުވި އެވެ.

ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ތުރުކީ ބަލައިގަންނަ ކަމަށާއި މެދުއިރުމައްޗަށް އޮތް ހައްލަކީ ދެ ދައުލަތް ކަމަށް ތުރުކީން ވަކާލާތު ކުރައްވާ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

އައްބާސް ތުރުކީއަށް ވަޑައިގެންނެވިއިރު، ތުރުކީ އާއި އިޒްރޭލުން އޮތީ ސިޔާސީ ގުޅުން އަލުން ބަދަހިކޮށް ސަފީރުން ކަނޑައަޅާ ހިސާބުގަ އެވެ. ތުރުކީ އާއި އިޒްރޭލަކީ ދޭތެރެ ދޭތެރެއިން ސިޔާސީ ގުޅުން ކަނޑާލާ ދެ ގައުމެވެ.

ފަލަސްތީންގެ ބިންތަކުގައި ޔަހޫދީން އާބާދުކުރުމަކީ ތުރުކީ ދެކޮޅު ހަދާ ކަމެއް ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ. ގުދުސް އަކީ ފަލަސްތީންގެ ވެރިރަށުގެ ގޮތުން އޮންނަން ޖެހޭނެ ކަމަށާއި އަގްސާ މިސްކިތަށް ޔަހޫދީން ހިތުހުރި ގޮތެއް ނުހެދޭނެ ކަމަށްވެސް އެ މަނިކުފާން ވިދާޅުވި އެވެ.

ތުރުކީގެ ހިތުގައި ފަލަސްތީނަށް ވަރަށް ޚާއްސަ މަގާމެއް އޮންނަ ކަމަށް އުރުދުޣާން ވިދާޅުވި އެވެ. އިޒްރޭލާ އެކު ކުރެވޭ މަޝްވަރާތަކުގައި، ފަލަސްތީންގެ ބޭނުންތަކަށް ތުރުކީ ވަކާލާތުކުރާކަން އެ މީހުންނަށް އެނގޭ ކަމަށްވެސް ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ފަލަސްތީނަށްޓަކައި ތުރުކީ ތެދުވާނެކަން ސީދާ ބަހުން އިޒްރޭލަށް އަންގާފައި ވާނެ އެވެ. އަދި ސިޔާސީ ގޮތުން ތުރުކީ އާއި އިޒްރޭލު ގުޅުނު ނަމަވެސް، ފަލަސްތީން ދޫކޮށްލާފައި ކަމަކަށް އެއްބަސްވާން ޖެހިއްޖެނަމަ އެކަމެއް ނުކުރައްވާނެކަން އޮންނާނީ ކުރިއާލައި ދަންނަވާފަ އެވެ.