އިޒްރޭލުން ފޭރިގެންފައި އޮތް އިރުމަތީ ގުދުސްގައި އެމެރިކާ ކޮންސިއުލޭޓެއް ހުޅުވުމަކީ އިޒްރޭލު ވަރަށް ބިރުގަންނަ ކަމެކެވެ. އެމެރިކާ ބުނާ ގޮތުން ގުދުސްގައި އެމެރިކާގެ ކޮންސިއުލޭޓެއް ހުޅުވުމާއި ނުހުޅުވުމަކީ އެމެރިކާއަށް އޮތް އިޚުތިޔާރެކެވެ.
އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވި ގޮތުގައި އިރުމަތި ގުދުސްގައި އެމެރިކާ ކޮންސިއުލޭޓެއް ހުޅުވުމަކީ ޖޯ ބައިޑަން ސަރުކާރުގެ ވައުދެކެވެ. އޭނާ ވިދާޅުވީ އެނޫން ގޮތެއްގައި އެމެރިކާ އެދޭ ފެންވަރަށް ފަލަސްތީނުން މީހުންނަށް އެހީތެރި ނުވެވޭނެ ކަމަށެވެ.
ޖޯ ބައިޑަން ސަރުކާރުން ގުދުސްގައި ކޮންސިއުލޭޓެއް ހުޅުވާ ވާހަކަ ދައްކަން ފެށުމުން އިޒްރޭލު ވަނީ ރަތަށް އަރާފަ އެވެ. އަދި ވަނީ ބައިނަލްއަގްވާމީ ހުރިހާ މައިދާންތަކެއްގައި ބޮޑާހާކައި ދެފައިތަޅާ ރޮއެފަ އެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަފްޓަލީ ބެނެޓް ކުރިން ވިދާޅުވި ގޮތުގައި ފަލަސްތީނު މީހުންނަށް ހިދުމަތް ކުރުމަށް އެމެރިކާގެ ކޮންސިއުލޭޓެއް ހަދާނެ ތަނެއް އިރުމަތީ ގުދުސްގައި ނެތެވެ. އެމެރިކާގެ ކޮންސިއުލޭޓެއް ހުޅުވާނަމަ އެންމެ ރަނގަޅު ވާނީ ހުޅަނގު އައްސޭރީގައި ހުޅުވުން ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.
ގުދުސްގައި ކޮންސިއުލޭޓެއް ހުޅުވުމާ މެދު އެމެރިކާ ދެކޭ ގޮތް ބަދަލު ކުރެވޭތޯ އިޒްރޭލު ކުރި އެއްވެސް މަސައްކަތަކުން އެކަން ހުއްޓުވޭ ގޮތް އަދި އޮތީ ނުވެފަ އެވެ. ނެޑް ޕްރައިސް ވިދާޅުވި ގޮތުގައި އިރުމަތީ ގުދުސްގައި އެމެރިކާ ކޮންސިއުލޭޓް ހުޅުވާ ވަގުތު މިހާރު ޖެހިއްޖެ އެވެ.
އިޒްރޭލު ނޫސްތަކުން ކުރިން ބުނި ގޮތުގައި ގުދުސްގައި އެމެރިކާ ކޮންސިއުލޭޓް ހުޅުވަން އެމެރިކާ ކުރިން ވިސްނި ވިސްނުން ވަނީ ދޫކޮށްލާފަ އެވެ. އެހެން ނަމަވެސް، ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ވިދާޅުވަނީ ކޮންސިއުލޭޓް ހުޅުވާނެ ކަމަށެވެ.
ގުދުސްގައި ކުރިން ހުރިި އެމެރިކާ ކޮންސިއުލޭޓް ބަންދުކުރީ ޑޮނަލްޑް ޓްރަމްޕް ވެރިކަމުގަ އެވެ. އޭނާ ވަނީ ރިއާސި އަމުރަކުން އިޒްރޭލުގެ ވެރިރަށަކީ ގުދުސްކަމުގައި ހައްދަވާފަ އެވެ. އަދި އެމެރިކާ ކޮންސިއުލޭޓް އެމެރިކާ އެމްބަސީގައި ހުންނަ މޭޒަކަށް ބަދަލު ކުރައްވާފަ އެވެ.
ގުދުސް އަކީ ފަލަސްތީންގެ ބިމެކެވެ. އިޒްރޭލުން އެތަން ފޭރިގަތީ 1967 ވަނަ އަހަރު، އަރަބި ގައުމުތަކާއެކު ކުރި ހަނގުރާމައެއްގަ އެވެ. ގުދުސް އަކީ އިޒްރޭލުގެ ބައެއް ކަމަށް އެމީހުން ބުނި ނަމަވެސް އދ. އަދި ދުނިޔޭގެ އެހެން ގައުމަކުން އެކަން ގަބޫލެއް ނުކުރެ އެވެ.