ދުނިޔެ

"އިޒްރޭލު ފުލުހުންނަކީ އަގަލުކުޑަ ބައެއް"

އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އާގްލާގެ ޖަނާޒާއަށް އިޒްރޭލު ފުލުހުން ހުރަސްއަޅައި ސަންދޯއް ބިމަށް ވައްޓާލީ އިޒުރޭލު ފުލުހުންނަށް ކޮން ބިރެއް ފެނިގެންތޯ، އިޒްރޭލުގެ ރީޖަނަލް ކޯޕަރޭޝަން މިނިސްޓަރު، އައްޒާވީ ފްރޭޖް ސުވާލު ކުރައްވައިފި އެވެ.

އައްޒާވީ ވިދާޅުވި ގޮތުގައި އިޒްރޭލު ފުލުހުންނަކީ ގޮތެއް ނެތް ބައިގަނޑެއް ކަމަށާއި އެއީ ހުރުމަތްވެގެންވާ އެކައްޗެއްވެސް ދަންނަ ބައެއް ނޫން ކަމަށެވެ.

އައްޒާވީ އަކީ އިޒްރޭލު ރައްޔިތެކެވެ. އިޒްރޭޒު ގާނޫނު ހަދާ މަޖިލީހުގައި އަރަބި-އިޒްރޭލް ވަކީލެއް ގޮތުގައި 2021 ގައި މަސައްކަތް ކުރެއްވި އެވެ. މިހާރު އަދާކުރައްވަނީ މިނިސްޓާ ފޮ ރީޖަނަލް ކޯޕަރޭޝަންގެ މަގާމެވެ.

ޝީރީން މަރާލީ އިޒްރޭލުގެ ސިފައިން ކަމަށް ބުނެވިފައި ވަނިކޮށް އިޒްރޭލު ފުލުހުންގެ ފަރާތުން ފެނިވަޑައިގަތީ ލަދުވެތި އަމަލެއް ކަމަށް ވަޒީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އިޒްރޭލު ފުލުހުންގެ ކިބާގައި ކެތްތެރިކަމުގެ ޒައްރެއްހާ ވަރު ވެސް ނެތް ކަމަށެވެ.

އިޒްރޭލުން ފޭރިގެންފައި އޮތް ފަލަސްތީންގެ ބިންތަކުގައި، ޚާއްސަކޮށް ގުދުސްގައި ފަލަސްތީން ދިދަ ވިހުރުވުން އިޒްރޭލުން އޮންނަނީ މަނާކޮށްފަ އެވެ. އެއިން ބިމެއްގައި ފަލަސްތީން ދިދަ ގެންގުޅޭތަން ފެނިއްޖެ ނަމަ އިޒްރޭލު ސިފައިންނާއި ފުލުހުންނަށް ވަނީ ބުޅަލަށް ފިހިގަނޑު ހޫރާތައް ފެނުމުންވާ ކަހަލަ ގޮތެެކެވެ.

ޝީރީންގެ ޖަނާޒާއަށް އިޒްރޭލު ފުލުހުން އަރައިގަނެ ސަންދޯއް ކޮނޑުއަޅައިގެން ތިބި މީހުންގެ ގައިގައި މުގުރުބުރިން ވަރަށް ބާރަށް ތަޅައި މަސްގަނޑު ފަޅައިގެންދާވަރު ވަނީ ކޮށްފަ އެވެ. އެގޮތަށް އިޒްރޭލު ސިފައިން އަމަލުކުރުމުން މުގުރުބުރިތަކުގެ ދިލައަށް ކެތްނުކުރެވި ކޮނޑުމަތިން ސައްދޯއް ކައްސާލައި ވަނީ ވެއްޓިފަ އެވެ.

ޝިރީން މަރުވުމުގެ ސަބަބުން ހިތާމައިން ރޮވިފައި ތިބި އެތައް ބައެއްގެ ހިތްފަޅައިގެން ދިޔަ ސަބަބަކަށް މިކަން ވަނީ ވެފަ އެވެ.

އައްޒާޥީ ވިދާޅުވި ގޮތުގައި ފަލަސްތީންގެ ވެރިންނާއި އިޒްރޭލުގެ ވެރިން އެއްމޭޒު ދޮށުގައި ސައްލާކުރާއިރު އިޒްރޭލު ދިދަ އާއި ފަލަސްތީން ދިދަ ހުންނަނީ ޖެހިޖެހިގެން ކަމަށެވެ.

ފަލަސްތީން ދިދަ ވިހުރުވޭއިރު އިޒްރޭލުގެ ވެރިންގެ ގައިގައިވެސް ކޭއްތޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ފުލުހުން ގަތްވަރުގެ ބިރެއް ނުގަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އިޒްރޭލު ފުލުހުންގެ ގޮތެއް ނެތް މިއަމަލުތައް މުޅި ދުނިޔެ ވަނީ ކުށްވެރިކޮށްފަ އެވެ. އެމެރިކާ އާއި ޔޫރަޕް އަދި އދ. އިން ވެސް ވަނީ އިޒްރޭލު ފުލުހުންގެ ގޮކޮތްކުޑަކަމަށް ފާޑުކިޔައި ކިބުރުވެރި ބައެއް ކަމަށް ބުނެފަ އެވެ.