އިޒްރޭލް

އިޒްރޭލުން އަނެއްކާވެސް ޖެނިންއަށް ވަދެގަންނަނީ

އިޒްރޭލުގެ ދިފާއީ ބާރުން އަނެއްކާވެސް ހުޅަނގު އައްސޭރީގެ ޖެނިންނައަށް ވަދެގަންނަން ރާވަމުން ގެންދާ ކަމަށް ޚަބަރުތައް ބުނަން ފަށައިފި އެވެ.

ޖެނިން އަކީ އިޒްރޭލުގެ ދިފާއީ ބާރުތަކުން ބުނާ ގޮތުން ޓެރަރިސްޓުންގެ ނާރެހެކެވެ. އިޒްރޭލާ ދެކޮޅަށް ހަމަލާތައް ރާވައި ޓެރަރިސްޓުން ތަމްރީންކުރަނީ ޖެނިންގައި ކަމަށް އިޒްރޭލުން ބުނެ އެވެ.

ޔަހޫދީ ސިފައިން މި މަހު ކުރީކޮޅު ޖެނިންއަށް ވަދެގަނެ ފަލަސްތީންގެ ކުށެއް ނެތް 10 މީހަކު ވަނީ މަރާލާފަ އެވެ. މި ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ މީހަކު ވެސް ވަނީ މަރުވެފަ އެވެ.

އިޒްރޭލުގެ ނޫސްތަކުން ބުނާ ގޮތުން އިޒްރޭލަށް ހަމަލާދިނުމަށް ޖެނިންގައި ތައްޔާރުވަމުން އެބަ ގެންދެ އެވެ. ޖެނިންގައި ފޮރުވިގެން ތިބި ޓެރަރިސްޓުން ހަތިޔާރު ހޯދައި އިހުނަށް ވުރެ ބާރުގަދަކުރަމުންދާ ކަމަށްވެސް ނޫސްތައް ބުނެ އެވެ.

އިޒްރޭލުގެ ދިފާއީ އޮފިޝަލުން ދެކޭ ގޮތުގައި ދޭތެރެ ދޭތެރެއިން ޖެނިންއަށް ވަދެގަންނަން ޖެހެ އެވެ. އެއީ ފަލަސްތީންގެ މުޖާހިދީން ފުރުސަތުގެ ބޭނުންހިފައި ބޭރުން ހަތިޔާރު އެތެރެކުރިޔަ ނުދިނުމަށެވެ.

ގާޒާގައި ވެރިކަންކުރާ ހަމާސްއަށް ޖެނިން އިން ފުރުސަތު ނުދިނުމަކީ ވެސް ޔަހޫދީންގެ ވިސްނުމެކެވެ.

އިޒްރޭލުގެ ދިފާއީ އިދާރާ -- އައިޑީއެފުން ބުނާ ގޮތުން ގާޒާ މައިތިރިކޮށްފައި އެ އޮންނަ ގޮތަށް ޖެނިން ވެސް އޮންނަން ޖެހޭނީ މައިތިރިކޮށްފަ އެވެ.

ޖެނިންގެ މައްޗަށް ބާރުހިންގާ ޖަމާއަތްތައް ގިނަވުމުގެ ސަބަބުން އެ އަވަށް މިހާރު އޮންނަނި ގަވާއިދަކަށް ބޭނުންނުވާ ހާލުގައި ކަމަށް ވެސް ޔަހޫދީން ބުނެ އެވެ. އެ މީހުން ދެކޭ ގޮތުގައި އެއީ ވެސް އިޒްރޭލަށް އޮތް މުހިންމު ފުރުސަތެކެވެ.

އިޒްރޭލުގެ ހަބަރުތައް ބުނާ ގޮތުން ޔަހޫދީ ސިފައިން ޖެނިންއަށް އަލުން ވަދެގަތް ނަމަވެސް ކުރިން ދިން ވަރުގެ ގެއްލުންތަކެއް ނުދޭނެ އެވެ. ޓެރަރިސްޓުންނާ ހަމައަށް ގޮސް ހަދާ ގޮތެއް ހަދާފައި ނުކުމުގެން ދާނީ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.