ދުނިޔެ

އިސްތިއުމާރީ ޔަހޫދީން ޖެނިންއަށް ދިން ހަމަލާތަކުގައި 12 މަރު

ފަލަސްތީންގެ ބިންތައް އިސްތިއުމާރުކޮށްގެން ތިބި ޔަހޫދީ ސިފައިން ހުޅަނގު އައްސޭރީގެ ޖެނީންއަށް ދިން ހަމަލާތަކުގައި 12 މީހަކު މަރުވެފައިވާ ކަމަށް ފަލަސްތީންގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ޖެނީން އަވަށަށް އިޒްރޭލުގެ ސިފައިން ވަދެގަނެ ގޮތެއް ފޮތެއް ބަލައި ނުލައި ބަޑިން ދިން ހަމަލާތަކުގެ ސަބަބުން 120 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ. މީގެ ތެރޭގައި ވަރަށް ހާލުދެރަ 20 މީހަކު ހިމެނޭ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖެނީންގައި އުދުވާން ހިންގަން ސިފައިންނަށް އަމުރުކުރެއްވީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ނޭޝަނަލް ސެކިޔުރިޓީ މިނިސްޓަރު، އިތަމާރު ބެންގަވީރެވެ.

ބެންގަވީރު ވަނީ އާންމުން ބަޑިހިފައިގެން އުޅުމަށްވެސް އަމުރުކުރައްވާފަ އެވެ.

ބެންގަވީރު އިޒްރޭލުގެ ނޫހަކަށް ވިދާޅުވި ގޮތުގައި، ފަލަސްތީންގެ އާންމު ރައްޔިތުންނަކީ އިޒްރޭލަށް ބޮޑު ނުރައްކަލެކެވެ.

އިޒްރޭލުގެ ރައްޔިތުންނަށް ވަޅިން ހަމަލާދީ ޖަރީމާތައް ހިންގުމުގައި ފަލަސްތީން މީހުންގެ ކިބައިން ސަލާމަތްވުމަށް އާންމުންނަށް އޮތް ހަމައެކަނި ގޮތަކީ ބަޑި ގެންގުޅުން ކަމަށްވެސް ބެންގަވީރު ވިދާޅުވި އެވެ.

ހަމާސް ގުރޫޕުން ތަމްރީކޮށްފައި ތިބި ހަނގުރާމަވެރިންގެ ބަޔަކު އިޒްރޭލުގެ ވެެރިރަށް ތެލްއަވީވްގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް އިޒްރޭލުގެ ނޫސްތަކުން ބުނެ އެވެ. މީގެތެރެއިން މީހަކު އިޒްރޭލުގެ އާންމުންގެ ބަޔަކަށް ވަޅިން ހަމަލާދީ އެކަކު މަރާލާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

މިއީ ހަމާސްއިން ރާވައިގެން ހިންގި ހަމަލާއެއް ކަމަށް އެ ގުރޫޕުން ވަނީ އެއްބަސްވެފަ އެވެ.

ހަމާސް އިން ބުނާ ގޮތުން ޔަހޫދީ ސިފައިން ޖެނީން އިން ފައިބައިގެން ދާންދެން ތެލްއަވީވްގައި ޓެރަރިސްޓް ހަމަލާތައް ހިންގާނެ އެވެ. އުއްމީދަކީ ޔަހޫދީ އާބާދީން އެކަކު ނަމަވެސް މަދުކޮށްލުން ކަމަށްވެސް އެ ޖަމާއަތުން ބުނެ އެވެ.