ދުނިޔެ

ޝީރީން ގަޔަށް ބަޑިޖެހީ އިޒްރޭލު ސިފައިން: އދ

އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އާޤްލާގެ ފުރާނަ ދުއްވާލި އުންޑަ އަކީ އިޒްރޭލު ސިފައިންގެ ބަޑިއަކުން ނުކުތް ވަޒަނެއް ކަމަށް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރެއްވިޖެ ކަމަށް އދ. އިން ބުނެފި އެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ޝީރީން މަރާލި ވަޒަނުގެ ހަގީގަތް ހޯދަން ނުފުރޮޅާ ގަލެއް ނޯންނާނެ އެވެ.

ބަޔާނުގައި އަދި ބުނެފައިވާ ގޮތުން ޝީރީންގެ ގަޔަށް އެރި އުންޑައިން އޭނާގެ ގާތުގައި ހުރި އެހެން ނޫސްވެރިއެއް ކަމަށްވާ އަލީ ސަމޫދީއަށް ވެސް ހާނީއްކަވި އެވެ.

ހައި ކޮމިޝަނަރުގެ އޮފީހުން ބުނެފައިވާ ގޮތުގައި އެ އުންޑަ އަކީ އިޒްރޭލު ސިފައިންގެ މީހަކު ޖެހި ވަޒަނެކެވެ. އެއީ ފަލަސްތީންގެ ހަނގުރާމަ ވެރިޔަކު ޖެހި އުންޑައެއް ކަމަށް އިޒްރޭލު ސިފައިން ހައްޓަށް ބާރުލާފައި ކިތަންމެ ބާރަށް ބުނި ނަމަވެސް އެކަމަށް ދައްކާނެ އެއްވެސް ހެއްކެއް ނެތް ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ޝީރީންގެ ގަޔަށް އުންޑައެރި ދުވަހު ބަޑި ހިފައިގެން އުޅުނު ފަލަސްތީން މީހަކު އެއިން ހިސާބަކުން ވެސް ފެނިފައި ނުވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ޝީރީންގެ މަރުގެ ހަގީގަތް އޮޅުވާލައި ކުށެއް ނެތް ބައެއްގެ ބޮލުގައި އިލްޒާމު އަޅުވަން އިޒްރޭލުގެ އަސްކަރިއްޔާއިން ޑްރާމާ ކުޅުމަކީ ހިތާމަހުރި ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.

އިޒްރޭލާށް ދެން އޮތް ގޮތަކީ މަރުގެ ޒިންމާ ނެގުން ކަމަށާއި އަދި އެއީ އިޒްރޭލުން ކުރި ކުށެއް ކަމަށް ގަބޫލުކުރުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ޝީރީން މަރާލާފައި ވަނީ މިއަހަރު މެއި 11 ގައި އިޒްރޭލު ސިފައިން ފަލަސްތީންގެ ބިންތަކުގައި ހިންގަމުން ގެންދިޔަ އުދުވާންތައް ބަލައި ޚަބަރަށް މައުލޫމާތު ހޯދަނިކޮށެވެ. އެއިރު އޭނާގެ އުމުރަކީ 51 އަހަރެވެ.

އިޒްރޭލުން ޝީރީން މަރާލުން މުޅި ދުނިޔެ ކުށްވެރި ކުރި އެވެ. އިޒްރޭލުގެ ގާތް އެކުވެރި އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން އަދި އިނގިރޭސި ގާނޫން ހަދާ މަޖިލީހުގެ މެމްބްރުން ވެސް ވަނީ އިޒްރޭލުގެ ގޮތްކުޑަކަމާ މެދު ހައިރާންވެފަ އެވެ.

އިޒްރޭލަށް ދުނިޔެއިން ކުރިމަތިކޮށްފައި އޮތް ސުވާލަކީ ޝީރީން މަރާލަން ޖެހުނީ ކޮން ސަބަބެއް އޮވެގެންތޯ އެވެ. އެމެރިކާ ބުނާ ގޮތުން އެ ސަބަބު އިޒްރޭލުން ބުނެދޭން ޖެހެ އެވެ.