ދުނިޔެ

ހަމަލާތައް ކުށްވެރިކުރަން، ސައުދީ ހިމާޔަތްކުރާނަން: އެމެރިކާ

ސައޫދީ އަރަބިޔާގެ ރިޔާޒަށް ދޭން އުޅުނު ވައިގެ ހަމަލާ ކުށްވެރިކުރާ ކަމަށް އެމެރިކާއިން ބުނެފި އެވެ. އަދި ބުނީ ސައޫދީގެ ކަރާމަތާ އިސްތިގްލާލް ނަގާލަން މަސައްކަތްކުރާ އެކަކު ވެސް ސަހަލު ގޮތަކަށް ދޫކޮށް ނުލާނެ ކަމަށެވެ.

"މިނިވަން ދައުލަތަކަށް ހަމަލާ ދިނުމަކީ ބައިނަލްއަގްވާމީ ގާނޫންތަކާ ޚިލާފު އަމަލެއް،" ބަޔާނެއް މެދުވެރިކޮށް ޔޫއެސް ޑިޕާޓްމަންޓް އޮފް ސްޓޭޓުން ބުނެފައިވެ އެވެ. "އަދި ސުލްހަ މަސަލަސްކަން ގާއިމު ކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއް، މިފަދަ ހަމަލާތަކުގެ ސަބަބުން ނެތިދޭ،"

"ސަރަހައްދީ މަސްލަހަތަށްޓަކައި މަޝްރަހު ހަމަޖެއްސުމަށް އަހަރެމެން މިދަނީ މަޝްވަރާކުރަމުން،" ބަޔާނުގައި ވެ އެވެ. "ޔަމަނުގައި ކުރަމުންއަންނަ ހަނގުރާމަ ހުއްޓުވާލަން މަސައްކަތްކުރެވެނީ ވެސް މަޝްވަރާ ކޮށްގެން"

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ސަރަހައްްދީ ބައިވެރިއެއް ގޮތުގައި އެމެރިކާއިން ދެކޭ ސައުދީ އަރަބިއްޔާ ދިފާއު ކުރުމަށް އެހީތެރި ވެދޭނެ ކަމަށާއި ސައުދީއަށް ހަމަލާއެއްދީފި ނަމަ އެބަޔަކު ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

އީރާނުން މަދަދުވެރިވާ ހޫތީ ބާޣީ ޖަމާއަތުން ޔަމަނުގައި ހަަމަނުޖެހުން އުފައްދައި ސައޫދީއަށް ދޭ ހަމަލާތައް އިނގިރޭސިވިލާތުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ވިދާޅުވީ ހަމަލާ ކުށްވެރި ކުރައްވާ ކަމަށާއި އިނގިރޭސިން ތިބީ ސައުދީއާއެކު ކަމަށެވެ. އޭނާ ވިދާޅުވީ ރިޔާޒަށް ހަމަލާއެއް އަމާޒު ކުރުމަކީ އާންމުންނަށް ހަމަލާ ދިނުން ކަމަށާއި އެއީ ފުރާނަ ގެއްލިދާ ފަދަ ހަމަލާއެއް ކަމަށެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ބާޣީ ހޫތީންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އެމެރިކާއިން ވަނީ ކަނޑައަލާފަ އެވެ. ރިޔާޒަށް އަމާޒުކޮށް ހޫތީން ފޮނުވާލި ހަމަލާ އަމާޒަށް ވާސިލްވުމުގެ ކުރިން ސައޫދީ ސިފައިން ވަނީ ވައިގެ ތެރެއަށް ގޮައްވާލާފަ އެވެ.