ދުނިޔެ

ސައޫދީއަށް ހަމަލާ ދެނީ އީރާނުން: އެމެރިކާ

ސައޫދީ އަރަބިއްޔާއަށް ހޫތީން ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިކެން ބަޔާނެއް ނެރުއްވައިފި އެވެ.

އެމެރިކާގެ ނެޝަނަލް ސެކިޔުރިޓީ އެޑްވައިޒަރު ޖޭކް ސުލިވަން ވެސް ވަނީ ވަކި ޔާނެއްގައި ސައުދީއަށް ހޫތީން ހަމަލާ ދެނީ އީރާނުން ބުނެގެން ކަމަށް ވިދާޅުވެފަ އެވެ.

ޔަމަނުގައި ވަކި ސަރުކާރެއް އުފައްދައި ވެރިކަމުގައި ދެމިތިބުމަށް ހަނގުރާމަކުރާ ހޫތީން ސައޫދީ އަރަބިއްޔާގެ ތެޔޮ ކާރުހާނާތަކަށް ދެމުން ގެންދާ ހަމަލާތައް ރާވައި ތަންފީޒު ކުރަނީ އީރާންނުން ބުނާ ގޮތަށް ބުނާ ވަގުތެއް ކަމަށް އެމެރިކާ ބުނެ އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތަށް އަދި ޔޫރަޕަށް ތެލުގެ މައްސަލަ ނުލާހިކު ބޮޑުވެފައި އޮތް ދުވަސްވަރެއްގައި، އެ ގައުމުތަކަށް ތެޔޮ ލިބެން ހުރި ދިމަދިމާއަށް ހޫތީ ހަނގުރާމަވެރިން ޑްރޯނުންނާއި މިސައިލުން ހަމަލާދެނީ ދުރާލައި ރާވައިގެން ކަމަށް ވެސް އެމެރިކާ ބުނެ އެވެ.

ސައޫދީގެ ގައުމީ ތެޔޮ ކުންފުނި، އަރަމްކޯގެ ތެޔޮ ސާފުކުރާ ޖިއްދާ ފެކްޓަރީތަކަށް ހޫތީން ހުކުރު ދުވަހު ދިން ހަމަލާތަކުގައި އެ ސަރަހައްދުން ބޯދުން އަރާތަން ފެނެ އެވެ.

ސައުދީން ބުނި ގޮތުން ހަމަލާތަކުގެ ސަބަބުން ގެއްލުން ލިބުނު ނަމަވެސް މާބޮޑުވަރެއް ނުވެ އެވެ. މި ހަމަލާތައް ދިނީ ހޫތީން ކަމަށް އެމީހުން މިހާރު ވަނީ އެއްބަސްވެފަ އެވެ.

ސައުދީން ކުރިން ބުނި ގޮތުން ހޫތީންގެ ހަލަމާތަކުން ސައޫދީން ތެޔޮ އުފައްދާ އަދަދު މަދުވި ނަމަވެސް ޒިންމާއެއް ނުނަގާނެ އެވެ. ހޫތީންގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ތެޔޮ ނުނެރެވުމަކުން ސައޫދީއަށް އެކަނި ކުރެވޭނެ ކަމެއް ނެތެވެ.

ދުނިޔޭގެ ބާރުގަދަ ގައުމުތަކުން އީރާން ނުހުއްޓުވައިފިނަމަ ގައުމުތަށް ޚަރާބުކުރާނެ ކަމަށް ވެސް ސައޫދީ ބުނެ އެވެ.