ދުނިޔެ

ސައޫދީ ކޯލިޝަނުން 13 ހޫސީ ކުށްވެރިން ދޫކޮށްލައިފި

ސައޫދީ ކޯލިޝަނުން ހޫސީންނާ އެކު ހެދި ކުށްވެރިން ބަދަލުކުރުމުގެ ޑީލެއްގައި 13 ހޫސީ ކުށްވެރިން ދޫކޮށްލައިފި އެވެ.

ހޫސީ ކުށްވެރިންނާ ބެހޭ އިސް ވެރިއެއް ގޮތުގައި މަސައްކަތްކުރައްވާ އަބްދުލް ގާދިރު މުރުތާދާވެސް ވަނީ މިއީ ރަނގަޅު ޚަބަރެއް ކަމަށް ވިދާޅުވެފަ އެވެ.

އަބްދުލް ގާދިރު މުރުތާދާ ވިދާޅުވި ގޮތުގައި ސައޫދީ އިދާރާތަކުން ކުށްވެރިން ދޫކޮށްލީ، މީގެ ދުވަސްތަކެއް ކުރިން ހޫސީން ދޫކޮށްލި ސައޫދީ ހަނގުރާމަވެރިއެއްގެ ބަދަލުގަ އެވެ. އަދި މި ފަދައިން ކުށްވެރިން ބަދަލުކުރުމަކީ ގުޅުމަށް އޮތް ހެޔޮ ފާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުރުތާދާ ވިދާޅުވި ގޮތުގައި ކުށްވެރި ބަދަލުކުރަން ޔަމަންގެ ސަރުކާރާ އެކު ކުރެވޭ މަޝްވަރާތައް މިވަގުތަށް މަޑުޖައްސާލާނެ ކަމަށް ރެޑް ކްރޮސް ޖަމާއަތުން އެ މީހުންނަށް އަންގާފައި އޮތް ކަމަށެވެ.

ޔަމަން ސަރުކާރާ އެކު ކުށްވެރިން ބަދަލުކުރަށް ހޫސީން ތިބީ އެއްބަސްވުމަކަށް ދާން ތައްޔާރަށެވެ. މިކަމަށް މަގުފަހިކުރުމަށް މަޝްވަރާތައް ފަށަން އޮތް ތާރިޚަކީ އޭޕްރީލް 11 އެވެ. އެހެންނަމަވެސް، ހޫސީންނާ އެކު ސުލްހަވުމަށް ކުރެވޭ ބަހުސްތަކާ ހެދި ކުށްވެރިން ބަދަލުކުރަން ކުރެވޭ މަޝްވަރާތައް މަޑުޖައްސާލަން ޖެހިދާނެ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

ކުށްވެރިން ބަދަލުކުރަން ހަދާ ޑީލުގެ ދަށުން 880 ކުށްވެރިން މިނިވަން ކުރެވޭނެ އެވެ.

ޔަމަން ސަރުކާރާއި ހޫސީންނާ އެކު ކުރެވޭ މަޝްވަރާތައް އަދި ކޮޅެއްގައި ނުޖެހިގެން އުޅެނީ ސަރުކާރު ކޮންޓްރޯލްކުރާ ސަރަހައްދުތަކުން ތެޔޮ ވިއްކައިގެން ލިބޭ ފައިސާއިން ބައެއް ދޭންޖެހޭނެ ކަމަށް ހޫސީން ބުނާތީ އެވެ.

ޔަމަންގެ ސަރުކާރަށް ހޫސީ ބާޣީންގެ ނުރައްކާ ބޮޑުވެ 2014 އިން ފެށިގެން މުޅި ގައުމު ވަނީ ޚަރާބުފެވަ އެވެ. މިހެން ކަން އޮއްވައި ސައޫދީ ކޯލިޝަނުން ޔަމަން ސަރުކާރަށް ވާގިވެރިވުމުގެ ގޮތުން 2015 ގައި ފެށި ހަނގުރާމައިގެ ސަބަބުން ކަންތައް އިހުނަށް ވުރެވީ ގޯހެވެ.

އެހެންނަމަވެސް މިހާރު މަޝްވަރާތައް ކުރިއަށްދާ ގޮތުން ޔަމަންގައި ސުލްހަ ގާއިމުވުމަކީ އޮތް އުންމީދެކެވެ. ޔަމަންގެ ސުލްހައަށް އެންމެ ބޮޑަށް މަގުފަހިވެގެން ދަނީ ސައޫދީ އާއި އީރާން އެއްގަލަކަށް އަރަން އެއްބަސްވުމާ ހަމައިންނެވެ.