އީރާނުން ޔަމަނަށް ހަތިޔާރު ސްމަގްލްކުރަން އުޅުނު އުޅަނދެއް، ބަހުރޭންގައި ތިބޭ އެމެރިކާ ސިފައިން ކަނޑުމަތިން ހިފަހައްޓައިފި އެވެ.
އެމެރިކާ ސިފައިން ބުނި ގޮތުގައި އީރާނުން ކަނޑު ހުރަސްކޮށް ޔަމަނަށް ދަތުރުކުރި އުޅަނދު ވައްތަރުކޮށްފައި އޮތީ މަސްބާނާ ބޯޓެއް ސިފަވާ ގޮތަށް ކަމަށެެވެ.
އެ އުޅަނދުގައި 50 ޓަނުގެ ހަތިޔާރު -- ވަޒަނާއި ފިއުޒް، ރޮކެޓް މޯޓަރު އަދި މިސައިލް އުފައްދަން ބޭނުންވާ ބައިތައް ހިމެނޭ ކަމަށް އެމެރިކާ ސިފައިން ވަނީ ބުނެފަ އެވެ.
އެމެރިކާ ކަނޑުގެ ސިފައިން ބުނާ ގޮތުން އީރާން ފޮރުވި އޮވެގެން ޔަމަނުގައި ހަނގުރާމަ ކުރުވަނީ މެދުވެރިން ބޭނުންކޮށެވެ.
ޔަމަނުގައި ހިނގާ ހަނގުރާމަ އަކީ އީރާން އަޑީގައި އޮވެގެން ކުރާ ހަނގުރާމައެއް ކަމަށް ބުނަނީ ޔަމަނުގައި ވަކި ސަރުކާރެއް އުފައްދަން ހަނގުރާމަކުރާ ހޫސީން ބޭނުންކުރަނީ އީރާންގައި އުފައްދާ ހަތިޔާރަށް ވާތީ އެވެ.
އީރާނުން ހޫސީންނަށް ހަތިޔާރު ފޯރުކޮށްދިނުމުގަައި ލުބްނާންގައި ތިބޭ ހިޒްބުﷲ ޖަމާއަތުން ވަރަށް ބޮޑު ދައުރެއް އަދާކުރެ އެވެ. ހަތިޔާރު ފޯރުކޮށްދިނުމުގައި އެމީހުން ހަދާ އުކުޅަކީ ހަނގުރާމަވެރި ގުރޫޕްތައް މެދުވެރިކޮށް ސަޕްލައި ކުރުމާއި މަސްބޯޓު ކަހަލަ ހަތިޔާރު އުފުލަނެ ކަމަށް ހީނުވާ އުޅަނދުފަހަރުގައި ސަޕްލައި ކުރުމެވެ.
އެމެރިކާ ސިފައިން ނޮމެވްބަރުގައި ދިން ބަޔާނެއްގައި ބުނި ގޮތުން އިރާނުން ޔަމަނަށް ފޮނުވި ރޮކެޓް ޝިޕްމަންޓެއް ވެސް އެ މީހުން ވަނީ އަތުލައިގެންފަ އެވެ. އެއީ ސައޫދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް ހަމަލާދޭ ބޭނުންކުރާ ރޮކެޓްތަކެކެވެ.
އީރާނުން މިކަމާ ބެހޭ ގޮތުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ޔަމަނުގައި މިހާރު ވެސް ހިނގަމުންދާ ހަނގުރާމަ ފެށެން މެދުވެރިވީ ވެސް އީރާންގެ ސަބަބުންނެވެ. އީރާނުން ދިން ހިތްވަރުގައި ހޫސީ ހަނގުރާމަވެރިން ސެޕްޓެމްބަރު 2014 ގައި ޔަމަނަށް އަރައި ވެރިރަށް ސަންއާގެ އިތުރުން ޔަމަންގެ ބޮޑު ބައެއް އެ މީހުންގެ ބާރުގެ ދަށަން ގެންދިޔަ އެވެ.
ޔަމަނުން ހޫސީން ފައްސާލުމަށް ސައޫދީ އިސްވެ 2015 ގައި ފެށި ހަނގުރާމަ އަދި ވެސް ކޮޅެއްގައި ޖެހޭ ގޮތެއް ނުވެ އެވެ. ފާއިތުވި އަށެއްކަ އަހަރު ކުރި ހަނގުރާމައިން ވެސް ހޫސީން ބަލިކޮށް ޔަމަން ކުރިން އޮތް ހާލަތަށް ބަދަލުކުރެވިފައެއް ނުވެ އެވެ.