ދުނިޔެ

ހޫތީ ގުރޫޕަކީ ޓެރަރިސްޓް ޖަމާއަތަކަށް އދ. އިން ހަދަންޖެހޭ: ސައޫދީ

ޔަމަނުގައި ވަކި ސަރުކާރެއް އުފެއްދުމަށް އީރާންގެ މަދަދާ އެކު ހަނގުރާމަ ކުރަމުން ގެންދާ ހޫތީ ގުރޫޕަކީ ޓެރަރިސް ޖަމާއަތަކަށް ހެދުމަށް ސައޫދީ އަރަބިއްޔާއިން އދ.ގެ ސަލާމަތީ މަޖިލީހުގައި ގޮވާލައިފި އެވެ.

ސައޫދީ ބުނާ ގޮތުން ހޫތީންނަކީ ޓެރަރިސްޓުން ކަމަށް ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރަން ޖެހެނީ އެމީހުންނާ މެދު އަމަލުކުރެވޭ ގޮތް ބަދަލުކުރުމަށް ކަމަށެވެ.

އޭގެ އެއް ބޭނުމަކީ އެ ޖަމާއަތަށް ފަންޑުކުރާ ކުރުން ބަންދުކުރުމަށާއި ގައުމުތަކުން އެހީ ހޯދުމަށް ހޫތީންނަށް ފުރުސަތު ނުދިނުމަށެވެ.

ޔަމަނުގައި ހޫން ތީކުރާ ކަމަކީ ހަމައެކަނި އެ ގައުމުގެ ބައެއްގައި ވެރިކަން ކުރުން ނޫން ކަމަށް ވެސް ސައޫދީ ބުނެ އެވެ. އަދި އެ މީހުންގެ ބާރު ސަރަހައްދަށް ފެތުރުމަށް އަވަށްޓެރި ގައުމުތަކަށް ހަމަލާދިނުމަކީ ވެސް ރާވައިގެން ހިޒްބުﷲގެ އެހީއާ އެކު ކުރާ ކަމެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.

ހޫތީންނާ އެކު ސުލްހަވުމަށް -- ހަނގުރާމަ މެދުކަނޑާލުމަށް ސައުދީ އަދި ބައިވެރިންނާ އެކު ވެފައި އޮތް އެއްބަސްވުން ދެފަހަރެއްގެ މަތިން އިތުރުކުރުމަށްފަހު، ހޫތީން ބުނާ ގޮތުން އެއްބަސްވުމުގެ މުއްދަތު ދެން އިތުރު ނުކުރެވޭނެ އެވެ.

ހަނގުރާމަ މެދުކަނޑާލަން ހޫތީން އެއްބަސްނުވާ ސަބަބަކީ އެ ޖަމާއަތުން ހުށަހަޅާ ގޮތަށް، އެއްބަސްވުމުގައި ހިއްސާވާ ގައުމުތަކަށް އެއްބަސްވެވެން ނެތުމެވެ.

ހޫތީންނަކީ މީގެ ކުރިން ޓެރަރިސްޓް ޖަމާއަތެކެވެ. އެމެރިކާގެ ވެރިކަމުގައި ޑޮނަލްޑް ޓްރަމްޕް ހުންނެވިއިރު -- ވެރިކަމުގެ ފަހުކޮޅު ހޫތީން އޮތީ ޓެރަރިސްޓުންގެ ލިސްޓަށް ލާފަ އެވެ. އެހެން ނަމަވެސް، ޖޯ ބައިޑަން ރައީސް ކަމާ ހަވާލުވެ ވަޑައިގެން ޓެރަރިސްޓުންގެ ލިސްޓުން ހޫތީންގެ ނަން ވަނީ ނަގާފަ އެވެ.

މިހެން ކަން އޮއްވައި މިއަހަރުގެ ކުރީކޮޅު ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް ހޫތީން ދިން ޑްރޯން ހަމަލާގެ ސަބަބުން ޓެރަރިސްޓުންގެ ލިސްޓަށް ހޫތީންގެ ނަން އަލުން ލުމަށް ބައިޑަން ސަރުކާރުން މަޝްވަރާ ކުރި އެވެ. އެކަމަކު އަދިވެސް ޓެރަރިސްޓުންގެ ލިސްޓްގައި ހޫތީން ހިމަނާފައެއް ނުވެ އެވެ.

އެމެރިކާގެ ރައީސް ކަމަށް ބައިޑަން ހަވާލުވެ ވަޑައިގެންނެވި ފަހުން ސައޫދީ އާއެކު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އެމެރިކާގެ ކިބައިން ސައޫދީ އެދުނު އެތައް ކަމެއް އަދިވެސް އޮތީ ހަމަ އޮތް ގޮތަށެވެ.

ޔުކްރޭން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އެރި ލޮޅުމަށް ފަސޭހަކޮށް ދިނުމަށް ތެޔޮ އުފައްދާ އަދަދު އިތުރުކޮށް ސަޕްލައި އަވަސްކޮށް ދިނުމަށް ސައޫދީގެ ކިބައިން އެމެރިކާ އެދުނު އެދުމަށް ސައޫދީގެ ފަރާތުން މާބޮޑު އެއްބާރުލުމެއް ނުދިނީ ވެސް ސައޫދީއާ މެދު އެމެރިކާ ގެންގުޅޭ ވިސްނުމުގެ ސަބަބުންނެވެ.

އަނެއްކޮޅުން، އެމެރިކާ އާއި ފްރާންސް އަދި ޖަރުމަނުން އެދިފައި އޮއްވައި އޯޕެކް ޕްލަސްއިން ވަނީ ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުން ދެ މިލިއަން ފީފާ އުނިކުރުމަށް ނިންމާފަ އެވެ.

މިއީ ވެސް ގަލްފު ގައުމުތަކާ މެދު އެމެރިކާ ގެންގުޅޭ ގޮތް ކަމުނުދާކަން ދެއްކުމަށް ސައޫދީގެ ހިއްސާ ވެސް އޮންނަ އޯޕެކް ޕްލަސް ޖަމާއަތުން ނިންމި ނިންމުމެކެވެ.