ސޫރިޔާއާ ދެކޮޅަށް އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ބިންހެލުމުގައި ހާލުގައި ޖެހިފައި ތިބި އިންސާނުންނަށް އެހިތެރިކަން ފޯރުކޮށްދިނުން -- ވަރަށް ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށް ވިދާޅުވެ -- ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރު (ކޭއެސްރިލީފް) ގެ ސުޕަވައިޒާ ޖެނެރަލް، އަބްދުﷲ އައްރަބީއާ ނުރުހުން ފާޅުކުރައްވައިފި އެވެ.
އަބްދުﷲ އައްރަބީއާ ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން އަދި އިގުތިސާދީ ގޮތުން ގައުމަކާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅި ނަމަވެސް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެއިން ކަމެއްގެ ނޭދެވޭ އަސަރުކޮށްގެން ނުވާނެ އެވެ.
ސޫރިޔާއަށް އިންސާނީ އެހިތެރިކަށް ފޯރުކޮށްދިނުމަށް -- ކޮންމެވެސް ބަޔަކު އެ ގައުމުގެ ސަރުކާރާ -- ރައީސް ބައްޝާރުލް އަސަދު އާ ވާހަކަދައްކަން ޖެހޭ ކަމަށް ވެސް އައްރާބިއާ ވިދާޅުވި އެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް ދެމެހެއްޓުމުގައި ހަސަދަވެރިކަމާއި ދެކޮޅުވެރިކަން އޮވެގެން ނުވާނެ ކަމަށް ވެސް އައްރަބީއާ ވިދާޅުވި އެވެ. ސިޔާސީ ގޮތުން ބަޔަކު އެދޭ ގޮތަށް ގައުމެއް ލެންބުމަށްޓަކައި ފިޔަވަޅުތަކެއް އަޅާއިރު، ކާރިސާއެއްގެ ހާލަތުގައި ކަންކުރާނެ ގޮތް ކަރުދާހުގައި ލިޔެވިފައި އޮންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސޫރިޔާގައި ހަރަކާތްތެރިވާ ރެޑް ކްރެސެންޓް ޖަމާއަތާ ގުޅިގެން ސައޫދީން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެއްވެސް ކަހަލަ ދަތިތަކެއް ކުރިމަތި ނުވާ ކަމަށް އައްރަބިއާ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ބައިނަލްއަގްވާމީ ޖަމާއަތްތަކުން އެދޭ ބާރުމިނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްތައް ހުރި ކަމަށެވެ. އެކަމުގެ ނުތަނަވަސްކަން ވަރަށް ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ވަނީ މި މޭރުމުން ބަސްވިދާޅުވެ ނުރުން ފާޅުކުރައްވާފަ އެވެ.
ސޫރިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނުފޫޒު ގަދަ ގައުމުތަކުން ފޮރުވިގެން ތިބެ ހިންގާ އެޖެންޑާތަކުގެ ސަބަބުން އަންދާޒާކުރަން ވެސް ދަތި އުނދަގޫތައް ދިމާވާ ކަމަށް ސެކްރެޓަރީ ޖެނެރަލް މިދާކަށް ދުވަހު ވިދާޅުވި އެވެ.
ސޫރިޔާގެ ބޯޑަރުތަކުގައި ހަރަކާތްތެރިވާ ޖިހާދީންގެ އުނދަގުލާ ހެދި ވެސް އެ ގައުމަށް އެހީ ފޯރުކޮށްދިނުން ވަނީ ދިގުލާފަ އެވެ.
ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި އދ. އަށް ލިބިފައި އޮންނަ ހުއްދަ އަކީ ވެސް ޖިހާދީ ޖަމާއަތްތަކުން ގަބޫކުރާ އެއްޗެއް ނޫނެވެ.