ފެބްރުއަރީ ހައެއް، ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ތުރުކީ އަށާއި ސީރިއާއަށް އައި ފަނާކުރަނިވި ބިންހެލުމުގައި ހާލުގައި ޖެހިފައި ތިބި ސީރިއާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށް އދ. އިން ބުނެފި އެވެ.
އދ.ގެ ތަރުޖަމާން ވިދާޅުވި ގޮތުގައި ސީރިއާގެ އުތުރުގެ ސަރަހައްދުތައް ކޮންޓްރޯލްކުރާ ޖަމާއަތެއް ކަމަށްވާ ހަޔާތު ތަހުރީރު އައްޝާމްގެ ބާރު އޮންނަ އެއްވެސް ސަރަހައްދެއް ހުރަސްކޮށް ދިމިޝްގަށް އެހީ ނުގެންދެވޭނެ ކަމަށް އެ ޖަމާއަތުން ބުނާ ކަމަށެވެ.
ހަޔާތު ތަހުރީރު އައްޝާމް އަކީ ހުޅަނގަށް ވަފާތެރި -- ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅު ޖިހާދީ ޖަމާއަތެކެވެ.
ދިމިޝްގަށް ބޭނުންވާ އެހީ ތުރުކީ ބޯޑަރު ހުރަސްކޮށް ގެންދިއުމަށް އެ ޖަމާއަތުން ބުނާ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
ޖިހާދީން ބުނާ ގޮތުން ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމުގައި ބައިނަލްއަގްވާމީ ޖަމާއަތްތަކާއި އަސަދުގެ ސަރުކާރާ ދެމެދު އެއްވެސް ގުޅުމެއް އޮންނާކަށް އެ މީހުން ބޭނުމެއް ނުވެ އެވެ.
ސީރިއާ ރައްޔިތުންނަށް އެހީ ލިބެނީ އަސަދުގެ މަސައްކަތުން ކަމަށް ދައްކަން ދިމިޝްގުން ކުރާ އެއެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށްވެސް ޖިހާދީން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އދ. އާއި އެހެނިހެން ޖަމާއަތްތަކުން ސީރިއާއަށް ފޮނުވާ އެހީ އެ ގައުމަށް ވެއްދުމަށްޓަކައި، ސީރިއާ އާއި ތުރުކީއާ ގުޅޭ ތަފާތު ދެ ދިމާއަކުން ބޯޑަރު ހުޅުވުމަށްަ އަސަދު މިހާރު ވަނީ އަމުރު ކުރައްވާފަ އެވެ. އަދި ވިސާ އާއި އެހެނިހެން ހުއްދަތައް އަވަސްކުރުމަށްވެސް އަސަދު އަންގަވާފައިވާ ކަމަށް ޚަބަރުތައި ބުނެ އެވެ.
ބައިނަލްއަގުވާމީ އެހީދޭ ޖަމާއަތްތަކުން ބުނާ ގޮތުން ސީރިއާއަށް ދަތިކުރަން ހުޅަނގުން -- ޚާއްސަކޮށް އެމެރިކާއިން އަޅާފައި ހުރި ދަތިކުރުންތަކާ ހެދިވެސް ސީރިއާއަށް އެހީދިނުން ވަނީ ދިގުލާފަ އެވެ. އެހެން ނަމަވެސް އެމެރިކާ ބުނާ ގޮތުން ސީރިއާއަށް އެހީ ވެއްދުމަށް އެ ގައުމުން އެެއްބާރުލުން ދޭނެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ނެޑް ޕްރައިސް ކުރިން ވިދާޅުވި ގޮތުގައި ސީރިއާއަށް އެހީ ފޮނުވުމަށް، އެހީދޭ ޖަމާއަތްތަކާ އެމެރިކާއިން ސީދާ މުއާމަލާތް ކުރާނެ އެވެ.
އެމެރިކާއިން މިހެން ބުނި ނަމަވެސް، ހުޅަނގުން މަދަދުދު ލިބިގެން ސީރިއާގައި ހަރަކާތްތެރިވާ ޖިހާދީ ޖަމާއަތްތަކުން އެހީއަށް ހުރަސްއެޅުން މާނަކުރެވެނީ އެމެރިކާ ބުނާ ބުނުން ތެދު ނޫން ކަމަށެވެ.