އިނގިރޭސިވިލާތުން އިގުތިސާދީ ގޮތުން ދަތިކުރަން ސީރިއާއަށް އަޅާފައި ހުރި ފިޔަވަޅުތަކަށް ލުއިދީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ހަ މަހަށް ހުއްދަދީފި އެވެ.
މިދިޔަ ހަފުތާގައި ތުރުކީ-ސީރިއާ ބޯޑަރަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހިފައިި ތިބި މީހުންނަށް ސައްހަ ގޮތުގައި އެހީތެރިވުމަށް އެއްބާލުން ދޭނެ ކަމަށް އިނގިރޭސިވިތުން ބުނެ އެވެ.
އިނގިރޭސިވިލާތުން ލުއިދިނުމާ ގުޅިގެން ސީރިއަށް ބޭނުންވާ ތަކެތި އެހެން ގައުމުތަކުން އިންޕޯޓްކުރުމުގައި ދަތިކަމެއް ނޯންނާނެ ކަމަށް ވެސް އެ ގައުމުން ވަނީ ބުނެފަ އެވެ.
މި ހުއްދަ ދެމިއޮންނާނީ ފެބްރުއަރީ 15 އިން އޯގަސްޓް 15 އަށެވެ.
ނުފޫޒު ގަދަ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަަޅުތައް ހަތިޔާރެއް ގޮތުގައި ބޭނުންކުރާ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އިގުތިސާދީ ދަތިކުރުންތަކަކީ އެއްވެސް ހާލެއްގައި އިންސާނީ އެހީތެރި ކަމަށް ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ.
އދ. ގެ އެދުމާ ގުޅިގެން އެމެރިކާއިން ވެސް ވަނީ ސީރިއާއަށް އަޅާފައި ހުރި ދަތިކުރުންތަކަށް 180 ދުވަހަށް ލުއިދީފަ އެވެ. މި މުއްދަތުގެ ތެރޭގައި ސީރިއާއަށް އެތެރެކުރަނީ ބިންހެލުމުގައި ހާލުގައި ޖެހިފައި ތިބި މީހުން ބޭނުންވާ ތަކެތިކަން ކަށަވަރުކުރާނެ ކަމަށް ވެސް އެމެރިކާ އޮތީ ބުނެފަ އެވެ.