ދުނިޔެ

ޔުކްރޭނުން ގޮވާން ބޭރުކުރަން ހެދި އެއްބަސްވުން ހުއްޓުމަކަށް

ޔުކްރޭން ގްރެއިން ޑީލް ނުވަތަ "ބްލެކް ސީ ގްރެއިން އިނީޝިއޭޓިވް" (ބީއެސްޖީއައި(ގެ މުއްދަތު އިތުރު ނުކުރާ ގޮތަށް ރަޝިއާއިން ނިންމައިފި އެވެ.

މި އެއްބަސްވުން މިހާރު އޮތް ގޮތުން ޖުލައި 17 އަށް މުއްދަތު ހަމަވާނެ އެވެ.

ރަޝިއާ މިގޮތަށް ނިންމިކަން ގޮވާން ޑީލްގައި ބައިވެރިވާ ހުރިހާ ގައުމަކަށް -- އދ. އަށާއި ތުރުކީއަށް އަދި އެމެރިކާއަށްވެސް ވަނީ މިހާރު އަންގާފަ އެވެ.

ޔުކްރޭން ގޮވާން ޑީލަކީ -- ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން ޔުކްރޭންގައި ތާށިފެވައި ހުރި އެތައް މިލިއަން ޓަނެއްގެ ގޮވާން ކަޅުކަނޑު ހުރަސްކޮށް ދުނިޔޭގެ ބާޒާރަށް ނެރުމަށްޓަކައި ޖުލައި 2022 ގައި ތުރުކީގެ އިސްތަންބޫލްގައި ހެދި އެއްބަސްވުމެވެ.

ރަޝިއާ އާއި ޔުކްރޭންއާ ދެމެދު ހެދި މި އެއްބަސްވުމުގެ ދަށުން ޔުކްރޭނުން ގޮވާން ބޭރުކުރުމަށް ރަޝިއާއިން ފުރުސަތު ދޭން ޖެހެ އެވެ. ދެ ގައުމުގެ ދެމެދުގައި ހަނގުރާމަ ހިނގަމުން ދިޔަ ނަމަވެސް ކަޅު ކަނޑު ހުރަސްކޮށް ގޮވާން އުފުލާ އެއްވެސް އުޅަނދަކަށް ހަމަމާދީގެން ނުވާނެ އެވެ.

އދ. އާއި ތުރުކީ ހެކިކޮށް މި ގޮތަށް އެއްބަސްވުމަށް ފަހު މި އެއްބަސްވުން މިހާތަނަށް ދެތިން ފަހަރަކު ވަނީ އާކޮށްފަ އެވެ.

ރަޝިއާއިން ގޮވާން ޑީލް ހުއްޓާލުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ވިދާޅުވެފަ އެވެ. އަދި މި ޑީލް ކުރިއަށް ގެންދެވޭނެ ގޮތަކާ މެދު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ އެކު ވަނީ މަޝްވަރާކުރައްވާފަ އެވެ.

ރަޝިއާ ބުނާ ގޮތުން ގޮވާން އެއްބަސްވުން ހުއްޓާލަން ޖެހުނީ މި އެއްބަސްވުމުގެ ނާޖާއިޒު ފައިދާ ޔުކްރޭނުން ނަގާތީ އެވެ. ހުޅަނގުން ހަތިޔާރު ހޯދައި ރަޝިއާއަށް ނުރައްކާކޮށް އަދި ހަނގުރާމަ ހުއްޓާލުމަށް ރަޝިއާއިން ހުށަހެޅި އެއްވެސް އެއްބަސްވުމެއް ޔުކްރޭން ގަބޫލުކުރަން ބޭނުން ނުވުމަކީ ވެސް މި އެއްބަސްވުމަށް ނިމުން އަންނަން ޖެހުނު ސަބަބެއް ކަމަށް ރަޝިއާ ބުނެ އެވެ.

ޔުކްރޭންގައި ތާށިވެފައި ހުރި ގޮވާން ކޮންޓޭނަރުތައް ބޭރުކުރަން ރަޝިއާއިން އެއްބާރުލުން ދިން އަނެއް ސަބަބަކީ -- ރަޝިއާ ބުނާ ގޮތުން، ދުނިޔޭގައި ތިބި ފަގީރުންނަށް ކާންދިނުމެވެ. ގޮވާން ޑީލެއް ހަދަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ދުނިޔެ ބަނޑަށް ޖެހުމުން ސަލާމަތްކުރުން ކަމަށް އދ. އިން ވެސް ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް، ރަޝިއާ ބުނާ ގޮތުން ގޮވާން ޑީލުގެ ހުރިހާ ފައިދާއެއް ނަގަނީ ހުޅަނގުގެ ގައުމުތަކުންނެވެ. އެ މީހުން ކައިފައި ބާކީ ހުރި އެއްވެއް ނޫނީ ދުނިޔެއަށް ސަޕްލައި ނުކުރާ ކަމަށް ރަޝިއާ ބުނެ އެވެ.

އދ. އަށާއި އެމެރިކާއަށް މިހާރު އޮތް ގޮތަކީ -- ގޮވާން ޑީލް ކުރިއަށް ގެންދަން ބޭނުން ނަމަ، ރަޝިއާއާ މަޝްވަރާކުރުމެވެ.