ދުނިޔެ

އިސްތަންބޫލް ޑީލަށް ދުނިޔެ މަރުހަބާ ކިޔަނީ

އދ. އާއި ތުރުކީ މެދުވެރިން ގޮތުގައި ކުރި ބުރަ މަސައްކަތްތަކުން ރަޝިއާ އާއި ޔުކްރޭނާ ދެމެދު ގޮވާން އެކްސްޕޯޓް ކުރުމާ ގުޅޭ އެއްބަސް ވުމެއްގައި އޮތީ ސޮއިކުރެވިފަ އެވެ.

އިސްތަމްބޫލް ޑީލަކީ މަޝްވަރާއިން ދުނިޔެ ހޯދި ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ނުފޫޒުގަދަ ގައުމުތަކުން ވެސް ދަނީ ބުނަމުންނެވެ.

މި އެއްބަސްވުމުގެ ދަށުން ޔުކްރޭންގެ ބަނދަރުތައް ހުޅުވާލައި ކަޅުކަނޑު ހުރަސްކޮށް ގޮވާން ބޯޓުތައް ދަތުރުކުރާނެ އެވެ. އަދި ގޮވާން ބޯޓުތަކުގެ ރައްކާތެރިކަން ރަޝިއާ ކަށަވަރު ކުރާނެ އެވެ. ތުރުކީއަށް އޮތް ދައުރަކީ ގޮވާން ބޯޓުތަކުން ސްމަގްލް ކުރޭތޯ ބެލުމެވެ.

އިނގިރޭސި ސަރުކާޜުން ބުނި ގޮތުން ޕޫޓިންގެ ހަރުކަށިކަމާ އެކު ވެސް އިސްތަމްބޫލް ޑީލަކީ ކުރިއެރުމެއް ކަމަށެވެ. އަދި ދުނިޔެ ބަނޑަށް ޖެހުމުން ސަލާމަތްކުރަން ލިބުނު ފުރުސަތެއް ކަމަށެވެ.

ރަޝިއާ، ޔުކްރޭން ގޮވާން އެއްބަސްވުން ސޮއިކުރި ގޮތަށް ކުރިއަށް ދޭތޯ ބަލާނެ ކަމަށް ވެސް އިނގިރޭސި ފޮރިން މިނިސްޓާރު ލިޒް ޓްރަސް ވިދާޅުވި އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް ތުރުކީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައި ވިދާޅުވީ ރައީސް އުރުދުޣާން ކުރެއްވީ ބުރަ މަސައްކަތްތަކެއް ކަމަށާއި ޝުކުރުއަދާ ކުރައްވާ ކަމަށެވެ.

ބައިނަލްއަގްވާމީ މަސްރަހުން އިވިވަޑައިގަންނަވާ ޚަބަރުތައް އުފާވެރި ކަމަށް ވިދާޅުވެ އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑްރާގީ ވިދާޅުވީ ގޮވާން ޑީލަށް ބޮޑުވައި އިނގިލި ކޮޅަށް ޖައްސަވާ ކަމަށެވެ.

ޔުރަޕިއަން ޔޫނިއަންގެ ފޮރިން އެފެއާޒް ސަފީރު ޖޯސެފް ބޮރެލް ވިދާޅުވި ގޮތުން ޝުކުރު ހައްގީ އދ. އަށާއި ތުރުކީއަށެވެ. އެކަމަކު އެއީ މުހިންމު އެއްބަސްވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އިސްތަމްބޫލް އެއްބަސްވުމުގެ ސަބަބުން ބޮލަށް ލުއިވެއްޖެ ކަމަށް ވެސް ބޮރެލް ވިދާޅުވި އެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވެސް އުފާކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ތުރުކީ ޒަމާނަށް ފެތިއްޖެ ކަމަށާއި ތުރުކީ އަކީ ބައިނަލްއަގްވާމީ މަސްރަހުގައި މީހުން ލޯބިވާ ގައުމެއް ކަމަށް ވެސް ވިދާޅުވި އެވެ.