ތުރުކީ

ޔުކްރޭނުން ގޮވާން ބޭރުކުރަން އދ. ގެ ސެކްރެޓަރީ ޖެނެރަލް ގުޓަރެސް ތުރުކީއަށް

ދުނިޔެއަށް އެންމެ ގިނައިން ގޮވާން ބޭރުކުރާ ގައުމުތަކުގެ ތެރެއިން ވެސް ރަޝިއާ އާއި ޔުކްރޭންގެ ހިއްސާ ބޮޑެވެ. އެހެން ނަމަވެސް، ދެ ގައުމުގެ ދެމެދުގައި މިހާރު ކުރެވެމުންދާ ހަނގުރާމައާ ހެދި ކަޅުކަނޑު ހުރަސްކޮށް ގައުމުތަކަށް ގޮވާން ބޭރުކުރުން ވެފައި އޮތީ ނުރައްކާތެރި ކަމަކަށެވެ.

ޔުކްރޭނުން ގޮވާން ބޭރުކުރަން ގައުމުތަކުގެ ވެރިން ކުރެއްވި މަސައްކަތްތައް ކޮޅެއްގައި ޖެހި މިހާރު އޮތީ އދ. އަށް މިސްރާބު ޖަހާފަ އެވެ.

ޔުކްރޭނާއި ރަޝިއާ އަދި ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ އެދުމަކީ އދ. މެދުވެރިވެގެން މި މައްސަލައަށް ހައްލެއް ހޯދުމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އާއެކު ތުރުކީގައި -- އދ. އާއި ތުރުކީ، ރަޝިއާ އަދި ޔުކްރޭން އެއްބަސްވުމެއްގައި މިއަދު ސޮއިކުރާނެ އެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޔުކްރޭންގެ ބަނދަރުތައް ހުޅުވާލ؛ައި ކަޅުކަނޑު ހުރަސްކޮށް ގޮވާން ބޯޓުތައް ދަތުރުކުރަން ފަށާނެ އެވެ.

ރަޝިއާ ސިފައިން ފެބްރުއަރީ 24 ގައި ޔުކްރޭނަށް އަރައިގަތް ފަހުން، ޔުކްރޭންގެ އެކްސްޕޯޓް ސުމަކަށް ވެއްޓިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ޔުކްރޭންގައި އުފައްދާ ގޮވާމާއި، ތެލާއި އަދި ކިރު ފަދަ އާންމު އަސާސީ ބާވައްތައް ވެސް މާކެޓަށް ނެރެވޭ ގޮތް ވަނީ ނުވެފަ އެވެ.

ޔުކްރޭނުން ކާބޯތަކެތި ހިފައިގެން ދަތުރުކުރާ ބޯޓުފަހަރަށް ހަމަލާ ނުދޭނެ ކަމަށް ރަޝިއާ ބުނި ނަމަވެސް ޔުކްރޭން ބުނަނީ އިތުބާރު ނެތް ކަމަށެވެ. ރަޝިއާ ބުނެފައި އޮތީ ޔުކްރޭނަށް އިތުބާރު ހޯދޭ ގޮތަކަށް ހޯދައިގެން މުދާ އެކްސްޓްކުރުން ރަޝިއާއަށް މައްސަލައަކަށް ނުވާނެ ކަމަށެވެ.

ޔުކްރޭނުން އެދުނީ ބައިނަލްއަގްވާމީ ސަޚުސިއްޔަތެއް މެދުވެރިއެއް ގޮތުގައި މަސައްކަތްކޮށް ޔުކްރޭންގެ ބަނދަރުތައް ހުޅުވާލުމަށް އެއްބަސްވުމެއްގައި ސޮއިކުރުމަށެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު މަވްލޫތު ޗަވްސޯލޫ ވިދާޅުވި ގޮތުގައި ތުރުކީގައި އދ. އާއެކު އެ މަސައްކަތްތައް މިހާރު ކުރިއަށް އެބަ ދެ އެވެ.

އދ. އާއި ތުރުކީ، ރަޝިއާ އަދި ޔުކްރޭން މަޝްވަރާކޮށް އެއްބަސްވުން ގޮތަކަށް ނިމިފައި އޮތް ކަމަށް އަންކަރާއިން ބުނެ އެވެ. އަދި ބުނީ ދެން އޮތީ ގައުމުތަކުން ސޮއިކުރުން ކަމަށާއި އެއަށް އަމަލުކުރޭތޯ އދ. އިން ބަލާނެ ކަމަށެވެ.

އދ. އާއެކު މި ތިން ގައުމުން ސޮއިކުރާ އެއްބަސްވުމުގެ ދަށުން ކަޅުކަނޑު ހުރަސްކޮށް ދަތުރުކުރާ އުޅަނދުތައް ދަތުރުކުރަނީ ގޮވާމާއި ކާބޯތަކެތި ހިފައިގެންތޯ ތުރުކީން ބަލާނެ އެވެ. އަދި އެއިން އެއްވެސް އުޅަނދަކުން ހަތިޔާރު ސްމަގްލް ކުރޭތޯ ވެސް ބަލާނެ އެވެ.